މިދުވަސްކޮޅު ދުނިޔޭގެ ހުރިހާ ހިސާބެއްގެ ސައިންސުވެރިންނާއި، ދަރިވަރުންނާއި، ރިސާޗަރުންނާއި، މީސްމީޑިއާ ބޭނުން ކުރައްވާ ފަރާތްތަކާއި މިނޫންވެސް އެތައް ބައެއްގެ ލޯ ހުއްޓިފައިވަނީ އެމެރިކާގެ ޖައްވީ އިދާރާ ކަމަށްވާ ނާސާއިންގެ “ޖޭމްސް ވެބް ޓެލެސްކޯޕުން” ނަގާފައިވާ ކާއިނާތުގެ ފޮޓޯތަކަކަށެވެ.

މިޓެލެސްކޯޕް ވަނީ އަހަރެމެންނަށް މިހާތަނަށް ފެނިފައިވާ ކާއިނާތުގެ އެންމެ ސާފު އަދި ރީތި ފޮޓޯތައް ނެގުމަށްޓަކައި 1.6 މިލިޔަން ކިލޯމީޓަރަށްވުރެ ދިގު ރާސްތާއަކަށް ދަތުރުކޮށްފައެވެ. މި ފޮޓޯތައް އަހަރެމެންނާ ހަމައަށް އައުމަށްޓަކައި އެމެރިކާގެ ޓެކްސް ޕޭއަރުންގެ އެތައް ފައިސާ އަކާއި، ސައިންސާއި ޓެކްނޮލޮޖީގެ އެތައް ކުރިއެރުންތަކެއްގެ ބޭނުން ކުރެވިފައިވާ އިރު، މިއީ ހަމައެކަނި ޕޮޓޯތަކެއް ނޫނެވެ.

Ad
rt

ސައިންސުވެރިން ދަނީ މިފޮޓޯތަކުގެ އެހީގައި އެމީހުންނަށް ޖަވާބު ބޭނުންވެފައިވާ ކާއިނާތުގެ އެތައް ސުވާލުތަކެއްގެ ޖަވާބު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ހޮލީވުޑާއި ބޮލީވުޑާއި މިނޫންވެސް އެކިއެކި ބާވަތްބާވަތުގެ ލަކުޑި ތަކުން ހަދާފައިވާ ފިލްމު ތަކުން ފެންނަަލެއް ގިނަކަމުން ގޮސް އެއްވެސް ޙަޤީޤީ ހެއްކެއް ނެތި ދުނިޔޭގެ ބޮޑު އާާބާދީއެއް މިއަދު ޤަބޫލު ކުރާ އޭލިއަނުންނާއި ދިރުން ހުރި އެހެން ޕްލެނެޓްތަކާއި ޔޫ.އެފް.އޯ ތަކާއި މިނޫން ވެސް އެކިއެކި ތަކެތި ވުޖޫދުގައި ވޭތޯ ކުރާ ސުވާލުގެ ޖަވާބު ހޯދުމަށް ކުރާ މަސައްކަތްތައް ހިމެނެއެވެ. އަދި މިނޫންވެސް ފިޒިކްސް އާއި އެސްޓްރޯފިޒިކް އަދި ކޮސްމޮލޮޖީގެ ދާއިރާގެ ސައިންޓިސްޓުންނަށް ޖަވާބު ނުލިބިފައިވާ އެތައް ސުވާލު ތަކެކެވެ.

މިހުރިހާ ސުވާލު ތަކެއް ކުރާއިރުވެސް ޙަޤީޤަތުގައި ކުރަންވީ އެންމެ މުހިންމު ސުވާލު ކޮށްލައި އެސުވާލާ މެދު ވިސްނައި ފިކުރު ކޮށްލަނީ ކިތައް މީހުންބާއެވެ! މިހުރިހާ އެއްޗެއް އައީ ކޮންތާކުން ހެއްޔެވެ؟ ނުވަތަ މިހުރިހާ އެއްޗެއް އުފެދުނީ ކިހިނަކުން ހެއްޔެވެ؟ މިހިރަ ފެންނަ ރިވެތި މަންޒަރުތައް އުފެދިގެން އައީ ހަމަ ޙަޤީޤަތުގައިވެސް ހަމަ އެބުނާހެން ޗާންސަކުން ހެއްޔެވެ.

ބުއްދިއެއް ހުރި މީހަކަށް އެއްވެސް ޝައްކެއް ނެތި އަދި މާބޮޑު ރިސާޗު ކުރުމެއްނެތި ވިސްނޭނެ ކަމަކީ، މިއޮށް ޗާލު ކައުނު، އޭގެ އަލިގަދަ ބޮކިތަކެއްފަދަ އެކި ސައިޒު ސައިޒުގެ ރިވެތި ތަރި ތަކާއި، އެތަރިތަކުގެ އަލި އުފެދިގެން އަންނަ ގޮތާއި، އެތަރިތަކުގެ އެތެރޭގައި ހިނގާ ކަންތައްތަކާއި، އެތަރިތަކުގެ އަލި ދަތުރު ކުރާ ބާރު މިނާއި އަދި އެއަލި ދަތުރުކުރާ ބާރުމިނާ އެއް ބާރުމިނެއްގައި ދަތުރު ކުރާ އެތައް ބައިވަރު އެހެން ތަކެއްޗާއި، ޕްލެނެޓުތަކާއި ތަރިތަކާއި މިނޫންވެސް ކާއިނާތުގައިވާ އެކިއެކި ތަކެތީގެ ދެމެދުގައި ވާ އެކިއެކި ބާރު ތަކާއި، މިބާރުތައް ލެއްވިފައިވާ މިންވަރާއި މިނޫންވެސް އެސްޓްރޯ ފިޒިކްސްގެ ދާއިރާގައި އެނގިފައިވާ އެންމެހާ ކަންތައްތަކެއް އެހާ ފުރިހަމައަށް ލެއްވި ފަރާތެއް ވާކަމާއި މިއީ އެއްވެސް ޙާލެއްގައި ޗާންސަކުން ހިނގާފާއިވާ ކަމެއް ނޫން ކަމެވެ.

ސައިންސުވެރިންނަށް ހޯދިފައިވާ ގޮތުންނަމަ މިކައުނު ވުޖޫދު ވެފައި ވަނީ މީގެ 13.7 ބިލިޔަން އަހަރުގެ ކުރިންނެވެ. މާނައަކީ މި ކައުނުގެ އުމުރަކީ 13.7 ބިލިޔަން އަހަރެވެ. މި އިބާރާތުން އަހަރެމެންނަށް އެނގޭ އެއްޗަކީ، މި ކައުނުގައި އަހަރެމެންނަށް މިފެންނަ އެއްވެސް އެއްޗެއް ނުވާ ޒަމާނެއް އައިކަމެވެ. އެހެންކަމަށްވާނަމަ އެއްވެސް އެއްޗެއް ވުޖޫދުގައި ނުވާ ތަނެއްގައި އެއްޗެއް އުފެދުނީ ކިހިނަކުން ހެއްޔެވެ؟ ނުވަތަ އެބުނާ ފަދައިން އެއެއްޗެއް ބޮޑު ގޮވުމެއްގެ ތެރެއިން ބޮޑުވެ ފުޅާ ވަމުންގޮސް އަހަރެމެންނަށް ފެނިފައި މިވާ މިފޮޓޯތަކުގައިވާ ތަކެއްޗާއި ކުރިން ހަބްލް ޓެލެސްކޯޕު ފަދަ އާލާތް ތަކުން ނަގާފައިވާ ފޮޓޯތަކުގައިވާ ތަކެއްޗާއި އަދި ފޮޓޯތަކަށް އަދި މިހާތަނަށް ނާރާހުރި ކާއިނާތުގައިވާ ތަކެތިވެސް އުފެދިގެން އައީ ކިހިނަކުން ހެއްޔެވެ؟ މިސުވާލު ތަކަކީ ވެސް ކުރަން ޖެހޭ ސުވާލު ތަކެވެ. ނަމަވެސް މިއީ ސައިންޓިސްޓުން މައިގަނޑުކޮށް ދިރާސާ ކުރާ ތަރަހައިގެ ބޭރުން ވާ ސުވާލު ތަކަކެވެ.

ސައިންސުގެ ދިރާސާ ކުރުންތަކުގެ ބޯޑަރު އެޅިފައިފަނީ “އޮބްޒާވަބަލް” ނުވަތަ ހިއްސުތަކުން މާއްދީކޮށް ދެނެގަނެވޭ ކަންތައްތަކުގެ މައްޗަށެވެ. ކުރިން މި ޒިކުރު ކުރެވުނު ކައުނުން މިފެންނަ ކަންކަމާ ބެހޭ އެންމެ މުހިންމު ސުވާލު ތަކުގެ ޖަވާބު ނުވަތަ އޭގެ ތަފްޞީލުތަކަކީ ސައިންސުގެ ދާއިރާގައި ހޯދޭނެ ޖަވާބު ތަކެއް ނޫނެވެ. ނަމަވެސް ބުއްދި ހުރި ކޮންމެ އިންސާނެއް ވެސް ޤަބޫލު ކުރާ ފަދައިން ކުރިން ނެތް އެއްޗެއް ވުޖޫދު ވުމަށްޓަކައި ވުޖޫދު ކުރުވާ ފަރާތެއް ބޭނުންވެއެވެ. އަހަރެމެންނަށް މިދުނިޔޭގައި މިފެންނަ އެތައް މިސާލުތަކަކުން މި ބުނުމުގެ ތެދުކަން ހާމަވާނެއެވެ. އެހެނީ މިސާލަކަށް ކޮމްޕިއުޓަރަކީ ހަމަ ހުރެލާފައި އުފެދުނު އެއްޗެއް ނޫނެވެ. ކުރިން ވުޖޫދުގައި ނެތް ކޮމްޕިއުޓަރެއް ވުޖޫދު ވީ ކަމަށް މިވަނީ ކޮންމެވެސް މީހަކު ކޮމްޕިއުޓަރެއް ހެދުމައްޓަކައި އެއްކުރަން ޖެހޭ މަދަބޯޑާއި، ސިޕީޔޫއާއި، ރޭމްއާއި މިނޫންވެސް ކޮމްޕިއުޓަރަކަށް ބޭނުންވާ އަސާސީ ހުރިހާ އާލަތެއް ހަދައި، އެއްކުރުމަށްފަހު އެއްތަނަކަށް ޖަމާކޮށް އަހަރެމެންނަށް މިފެންނަ ސިފައިގައި އެއާލާތްތައް ތަރުތީބު ކޮށް ހެދުމުންނެވެ. މިއީ އަދި ވުޖޫދު ވެފައިވާ ތަކެތި ބޭނުންކޮށްގެން ހަދާލެވޭ އެއްޗެއްގެ ވާހަކައެވެ. އެހެންކަމަށްވާނަމަ، މިދުނިޔޭގައި މިފެންނަ ދިރުމެއް ނުވާ ތަކެއްޗާއި، ހުރިހާ ދިރޭ ތަކެއްޗަކީ ވެސް އެއެއްޗެހި ޚަލްޤު ކުރެއްވި ފަރާތަކާ ނުލާ ވުޖޫދު ވާނެ ތަކެއްޗެއް ނޫނެވެ.

ދިރޭތަކެތި އުފެއްދި ފަރާތެއް ވާކަމަށް އިންކާރު ކުރާ އެތީސްޓުންނަކަށް މި ދިރޭތަކެތި އުފެދުނު ގޮތެއް ބުނެދޭކަށެއް ނޭގެއެވެ. ޑާވިންގެ އިވޮލިއުޝަންގެ ނަޒަރިއްޔާ އަސާސަކަށް ނަގައި، ކުދިކުދި ސެލްތަކެއް ގިނަ ސެލްތަކެއް ހުރި އެއްޗިހިތަކަކަށް ބަދަލުވެ، ޒަމާންތައް ވެއަތުވަމުންގޮސް އެތަކެތި އެއަށްވުރެ ގިނަ ސެލްތަކާއި، “ޓިޝޫ” ތަކާއި ގުނަވަންތަކާއި މިނޫން ވެސް ބައިތައް ހުރި ތަކެއްޗަށް ބަދަލުވެ، “އިވޮލިއުޓް” ވަމުން ގޮސް އަހަރެމެންނަށް މިފެންނަ ހުރިހާ ދިރޭއެއްޗެއް އުފެދުނީ ކަމަށް އެމީހުން ގަބޫލު ކުރާއިރު، އެބުނާ އެންމެ ފުރަތަމަ ދިރޭ ސެލްއެއް އުފެދުނު ގޮތެއް ކިޔައިދޭކަށް އެމީހުންނަކަށް ނޭގެއެވެ. ގައިމު އެމީހުންގެ އެ ބާޠިލު ބުނުމަކީ ތެދެއް ކަމުގައި ވީނަމަވެސް އެބުނާ ފުރަތަމަ ދިރޭ ސެލް ވުޖޫދުވީ ގޮތެއް އޮންނަން ޖެހޭނެއެވެ. އެމީހުންނަކަށް އެސުވާލަށް ދޭނެ ސާފު ޖަވާބެއް ނޭގެއެވެ. މިއިންވެސް އިނގޭ އެއްޗަކީ ކުރިހާ ކަމެއްމެ މި ޖެހެނީ އެއްތާކު ކަމެވެ. ދިރޭ އެއްޗެއް ކަމުގައި ވީ ނަމަވެސް ނުވަތަ ދިރުމެއް ނުވާ އެއްޗެއް ކަމުގައި ވީ ނަމަވެސް، ނެތުމުގެ ތެރެއިން ވުޖޫދު ވެފައިވާ ކޮންމެ އެއްޗެއްމެ ވުޖޫދު ކުރެއްވި ޚާލިޤެއް ވާނެއެވެ.

މިހާރު އަހަރެމެންނަށް އެއްވެސް ޝައްކެއްނެތި އެނގިގެން މިދިޔައީ ނެތުމުގެ ތެރެއިން ވުޖޫދުގައިވާ ކޮންމެ އެއްޗެއް ވުޖޫދު ކުރި ޚާލިޤެއް ވާނެ ކަމެވެ. އެޚާލިޤަކީ ނެތުމުގެ ތެރެއިން ތަކެތި ޚަލްޤު ކުރައްވާ ފަރާތޭ ބުނުމުން ދޭހަވާ ކަމަކީ އެޚާލިޤު ނެތް ޒަމާނެއް ނުވާ ކަމެވެ. އެހެނީ ނެތުމުގެ ތެރެއިން ތަކެތި ޚަލްޤު ކުރައްވާ ޚާލިޤު ނެތް ޒަމާނެއް ވާނަމަ، އެޚާލިޤު ވުޖޫދު ކުރުވާނެ ފަރާތެއް ނުވާނެތީއެވެ. އެހެންނަމަވެސް އެޚާލިޤު ވުޖޫދުގައި ވާކަން އަހަރެމެންނަށް މިހާރު ޔަޤީން ކަމާއެކު އެނގިއްޖެއެވެ.

އެހެންކަމުން އެޚާލިޤު ހެއްދެވީ ކޮން ފަރާތެއްހޭ އަހައި ކުރާ ސުވާލަކީ ބުއްދީގެ ހަމަތަކުން ބަލައިލި ކަމުގައި ވީނަމަވެސް ކުށް ސުވާލެކެވެ. އަދި އެފަރާތް ޚަލްޤު ކުރެއްވީ އެފަދަ އެހެން ފަރާތެކޭ ބުނާބުނުމަކީ ވެސް ބާޠިލު ބުނުމެކެވެ. އެހެނީ އެގޮތައް އެފަދަ ކޮންމެ ފަރާތެއް ޚަލްޤު ކުރެއްވި ފަރާތް ހޯދަން އުޅެފި ކަމުގައި ވާނަމަ ދުވަހަކުވެސް ކޮޅުން ނުލާނެއެވެ. އަދި އެފަރާތެއް ވުޖޫދުވެސް ނުވީހެވެ. އެހެންނަމަވެސް މުޅި ކާއިނާތާއި އެކާއިނާތުގައި ވާ ހުރިހާ އެއްޗެއް ވަނީ އުފެދިފައިކަން ޔަޤީން ކަމާއެކު އެބަ އެނގެއެވެ. އަދި ކުރިން އެނގިގެން މިދިޔަ ފަދައިން މިހުރިހާއެއްޗެއް އުފެއްދި ފަރާތެއް ވެސް ވާނެކަން ޔަޤީން ކަމާއެކު އެނގިއްޖެއެވެ. އެއާއެކު، އެފަރާތް ޚަލްޤު ކުރެއްވި އެހެން ފަރާތެއް ނުވާނެ ކަންވެސް ޔަޤީން ކަމާއެކު އެނގިގެން މިދިޔައީއެވެ.

އެއީ ފެށުމެއްނެތި އިސްވެ ވޮޑިގެންފާ ފަރާތެކެވެ. އަދި އެފަރާތަކީ އެއްވެސް އެއްޗަކަށް ބޭނުން ޖެހިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ. އެހެނީ އެއްވެސް އެއްޗެއް ނެތް އިރެއްގައިވެސް އެއްވެސް އެއްޗަކަށް ބޭނުން ޖެހުމަކާ ނުލާ އެފަރާތެއް ވުޖޫދުވެފައި ވެއެވެ. އަދި އެފަރާތަކީ ނެތިގެން ދާނެ ފަރާތަކަށް ވެގެން ނުވާނެއެވެ. އެހެނީ އެފަރާތަކީ އެންމެހާ ކަންތަކެއް އެންމެ މޮޅަށް ތަދުބީރު ކުރައްވާ ނިމުމެއްނެތި ފަސްވެ ވޮޑިގެންވާ ފަރާތެވެ. ހަމަ އެހެންމެ ހުރިހާ ޚަލްޤުތަކުން އެފަރާތަކަށް ބޭނުންޖެހޭ ފަރާތަކަށް އެފަރާތެއް ވާނެއެވެ. މިހުރިހާ ވާހަކަ އަކުން އެނގިގެން މިދިޔައީ، ޚަލްޤު ކުރެވިފައިވާ ތަކެއްޗާ ޚިލާފަށް އެފަރާތަކީ އެއްވެސް ޙާލެއްގައި ވުޖޫދު ވީ ގޮތުގެ ތަފްޞީލެއް ބޭނުންވާ ފަރާތެއް ނޫންކަމެވެ. ސަބަބަކީ އެފަރާތަކީ ފެށުމެއްނެތި އިސްވެ ވޮޑިގެންވާ އަދި ނިމުމެއްނެތި ފަސްވެ ވޮޑިގެންވާ އަދި ދާއިމަށް ޤާއިމްވެ ވޮޑިގެންވާ ފަރާތްކަމަށް ވާތީއެވެ. އެއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އަހަރެމެން ގެ ވެރި ރައްބެވެ. އަހަރެމެންގެ އެއްކައުވަންތަ އިލާހެވެ. އެއި ﷲ ސުބުޙާނަހު ވަތަޢާލާއެވެ.

ކާއިނާތުގެ މިހިތްގައިމު ފޮޓޯތަކަށް އަންތަރީސްވާ ޙާލުގައި ބަލަބަލައި ތިބޭއިރު މިމަންޒަރުތަކާ މެދު ވިސްނައި ފިކުރުކޮށް، އޭގެއިން އެއްވެސް ޝައްކެއް ނެތް ގޮތުގައި ފެންނަ މިދެންވިފަދަ ހެކިތަކާ މެދު ތަދައްބުރު ކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް ކުރަން ޖެހޭނެ ކަމެކެވެ. އެހެނީ އެއީ ބުއްދީގެ އަހުލުވެރިންގެ މަގެވެ.

މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. އެއިލާހު ވަޙީ ކުރައްވަނީ: (( إِنَّ فِي خَلْقِ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافِ اللَّيْلِ وَالنَّهَارِ لَآيَاتٍ لِّأُولِي الْأَلْبَابِ)) ‎﴿آل عمران: ١٩٠﴾‏

މާނަ: “ހަމަކަށަވަރުން، އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭދުވާ ތަފާތުވުމުގައި، ބުއްދީގެ އަހުލުވެރިންނަށް ކަށަވަރުވެގެންހުރި ހެކިތަކެއްވެއެވެ.”