309 ބިޔަރު ދަޅާއި 667 ފުޅި ބަނގުރާ، ނ. މާފަރު ޕޮލިސް ސްޓޭޝަނުން ނައްތާލައިފި އެވެ.

ފުލުހުން ބުނީ މިއީ، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތިކަމަށެވެ. މިތަކެތި ނައްތައިލާފައިވަނީ މިއަދު މާފަރު ކުނިކޮށީގައެވެ.

Ad
rt

ނައްތާލާފައިވާ 667 ފުޅި ބަނގުރައާއި 309 ދަޅު ބިޔަރަކީ، މިދިޔަ ފެބްރުއަރީ މަހުގެ 22 އިން މި ޖޫން މަހުގެ 2 އަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތިކަމަށް ފުލުހުން ބުނެއެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންކަމަށް ފުލުހުން ބުނެއެވެ.