ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާއާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ބާސާއިން ކަށަވަރު ކޮށްފިއެވެ. ރޭ ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
ރެއާލް ބެޓިސްއަކީ މި ސީޒަންގެ ސްޕެނިޝް ކޮޕަ ޑެލް ރޭގެ ޗެމްޕިއަނުންނެވެ. ވުމާއެކު މެޗު ފެށުމުގެ ކުރިން ބާސާއިން ވަނީ ބެޓިސްއަށް ގާޑް އޮފް އޮނާއެއް އަރުވާފައެވެ.
މެޗުގައި ދެ ޓީމްގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މެޗުގައި ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ ބާސާއިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ބާސާއަށް ލިބުނު ކޯނަރަކުން އެ ޓީމްގެ ޑިފެންޑަރ އަރައުހޯ ބޮލުން ފޮނުވާލި ބޯޅަ ގޯލުން ބޭރުވެފައި ވަނީ ބެޓިސްގެ ކީޕަރުގެ އަތުގައި ޖެހުމަށް ފަހު ގޯލު ހުރަސް ދަނޑީގައި ޖެހިފައެވެ.
އޭގެ އިރުކޮޅެއް ފަހުން ބެޓިސްއިން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެ ޓީމްގެ ރޮޑްރިގޭޒް ފޮނުވާލި ހަމަލާ އަމާޒުވެފައި ވަނީ ބާސާގެ ގޯލުގެ ދަނޑިއަށެވެ. އެއަށްފަހު ބާސާގެ ފެރާން ޓޯރޭސްއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ވަނީ ލިބިގެން ގޮސްފައެވެ. ފެރާން ފޮނުވާލި ހަމަލާ ވެސް ބެޓިސްގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
މެޗުގައި ބާސާއަށް ފުރަތަމަ ލަނޑު ޖަހައި ދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަންސޫ ފާޓީއެވެ. މިއީ ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށް ފަހު ކުޅުމުގެ ތެރެއަށް އައިސް ފާޓީ ކާމިޔާބު ކޮށްދިން ފުރަތަމަ ލަނޑެވެ.
ބާސާއިން ލީޑުނެގިތާ މާގިނަ އިރުތަކެއް ނުވަނީސް ބެޓިސްއަށް ލިބުނު ހިލޭ ޖެހުމަކުން ގޯލު ކުރިމައްޗަށް ހުރަސްވީ ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބެޓިސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ ކުރިން ބާސާއަށް ވެސް ކުޅެފައިވާ ބާޓްރާއެވެ.
ހަމަހަމަ ނަތީޖާއަކުން މެޗު ނިމެން ދަނިކޮށް، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގައި ޑެނިއަލް އަލަވޭސް ބެޓިސްގެ އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބާސާ މޮޅުވި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އަލަބާއެވެ.
މި ނަތީޖާއާއި އެކު އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ބާސާއަށް ވަނީ ޖާގަ ކަށަވަރުވެފައެވެ. މިވަގުތު ބާސާ ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތީ ކުޅުނު 35 މެޗުން ލިބުނު 69 ޕޮއިންޓާއި އެކުގައެވެ. ތާވަލުގެ ފަސް ވަނާގައި ބެޓިސް އޮތީ ކުޅުނު 35 މެޗުން ލިބުނު 58 ޕޮއިންޓާއި އެކުގައެވެ. ލީގުގައި މި ދެ ޓީމަށް ބާކީ ތިން މެޗު އޮތްއިރު މި ދެ ޓީމްގެ ދެމެދުގައި 11 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!