ހއ. ދިއްދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށްގެން 1443 ވަނަ އަހަރު ރަމަޟާން މަހު ކުރިއަށް ގެންދިޔަ ދިއްދޫ ކައުންސިލްގެ ޤުރުއާން މުބާރާތުގެ 1 ވަނަ އަށް ދިއްދޫ/ އަސްރިފާ ހައުސް، މަރްޔަމް ނާޔާ އަޙްމަދު ހޮވިއްޖެއެވެ.

މި މުބާރާތުގައި ވަނީ ޖުމްލަ 237 ބައިވެރިން ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ، 9 އުމުރުފުރައަކަށް ބަހާލައިގެންނެވެ. އަދި މިހުރިހާ އުމުރުފުރާއެއްގައި ބަލައިގެން އަދި ނުބަލައި ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށް ގެންދިޔައެވެ.

Ad
rt

މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮތީ މިއަދު ހެނދުނު 8:50 ގައި ދިއްދޫގައި ހުންނަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާފައި ވަނީ ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ.

މި މުމާރާތުގެ 1 ވަނަ މަރްޔަމް ނާޔާ އަޙްމަދު ހޯދާފައިވާއިރު 2 ވަނަ ހޯދީ، ހއ. އުލިގަމް/ ހިޔާވަހި، އިޒްޔާން ޢިމާދު ޢަބްދު ﷲ އެވެ. އަދި 3 ވަނަ ހޯދީ ވ. ފެލިދޫ/ ކުދިމަގޫމާގެ، ޛަކްވާން ޢަބްދު ﷲ އެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގައި ދިއްދޫ ވިޓަމިންސް ފާމަސީ އާއި ދިއްގާ ފައުންޑޭޝަން އަދި ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ މުބާރާތް ސްޕޮންސާކޮށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދިއްދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު މަގްސަދަކީ ރަށުގެ ރައްޔިތުން އަދި ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖެއްސުމެވެ.