މިއަދު ކުރިއަށް ދިޔަ ހދ. ނޭކުރެންދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކޮމެޓީގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕީޕީއެމް އެއް ގޮނޑި އަދި ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަނެއް ގޮނޑި ކާމިޔާބު ކޮށްފިއެވެ.

ނޭކުރެންދޫ އަންހެނުން ތަރައްގީއަށް މަސައްކަތް ކޮމެޓީގެ ރައީސާއާއި، އިތުރު މެންބަރަކު އިސްތިއުފާ ދިނުމުން ކުރިއަށް ދިޔަ މި ބައި- އިލެކްޝަންގައި 6 ކެންޑިޑޭޓަކު ވާދަކުރިއެވެ.

Ad
rt

އެއީ އެމްޑީޕީގެ 2 ކެންޑިޑޭޓުންނާއި، ޕީޕީއެމްގެ 2 ކެންޑިޑޭޓުންނާއި އަދި ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ 2 ކެންޑިޑޭޓުންނެވެ.

އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެއް ގޮނޑި ކާމިޔާބު ކުރި ޕީޕީއެމް ކެންޑިޑޭޓް ޚަދީޖާ އިބްރާޙީމްއަށް 158 ވޯޓު ލިބުނެވެ. އަނެއް ގޮނޑި ކާމިޔާބު ކުރި އެމްޑީޕީ ކެންޑިޑޭޓް އާމިނަތު ސުވައިދާއަށް ލިބުނީ 155 ވޯޓެވެ.

ދެން އެންމެ ގިނަ ވޯޓު ލިބުނީ އެމްޑީޕީގެ އަނެއް ކެންޑިޑޭޓް ފާތިމަތު ޒީނާ އަށެވެ. އޭނާއަށް 111 ވޯޓު ލިބުނު އިރު، ޕީޕީއެމް އަނެއް ކެންޑިޑޭޓް ޢާއިޝަތު ނިއުޝާނާއަށް 106 ވޯޓު ލިބުނެވެ.

މި އިންތިޚަބުގައި ވާދަކުރި އަދާލަތުގެ ހައްވާ ޒާހިދާއަށް ލިބުނީ 56 ވޯޓެވެ. އަދި އެ ޕާޓީގެ ފާތިމަތު ޒާހިޔާއަށް 16 ވޯޓު ލިބުނެވެ.

މި އިންތިޚަބުގައި 1020 މީހުންނަށް ވޯޓު ލުމުގެ ޙައްޤު ލިބިފައި ވީނަމަވެސް ވޯޓު ލީ 357 މީހުންނެވެ. އެއީ ވޯޓު ލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ 35 އިންސައްތަ އެވެ.