ސުޕްރީމް ކޯޓުން ކުރިން ބެލި މައްސަލައެއްގައި އެ ކޯޓުގެ އޭރުގެ ފަނޑިޔާރަކު ދެ މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ދޭން އެދުނު ކަމަށް އެ މައްސަލާގައި ހިމެނޭ މީހަކު ސުޕްރީމް ކޯޓުގެ އަޑުއެހުމެއްގައި މިއަދު ބުނެފި އެވެ.

އެގޮތަށް ސުޕްރީމް ކޯޓުގައި ބުނީ ދަފްތަރު ނަމްބަރު 4800 މުހައްމަދު އަނީސް އެވެ. އޭނާ ދައުވާކުރީ އޭނާގެ ލޯންޗަކާއި ދޯންޏެއް އެރިޔަދޫ ރިސޯޓާއި ވިލަމެންދޫ ރިސޯޓްގައި ބޭނުން ކުރުމުން އޭގެ ކުލީގެ ފައިސާ ހޯދަން ހ. ވާލީވިލާ މުހައްމަދު ޝަވީދާއި އެ އާއިލާގެ އިތުރު ބައެއްގެ މައްޗަށެވެ. އެ ފައިސާ ދައްކަން ސިވިލް ކޯޓާއި ހައި ކޯޓުން އަންގާފައި ވަނިކޮށް 2015 ވަނަ އަހަރު ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލްކުރި އެވެ.

Ad
rt

އެ މައްސަލަ އަލުން ބަލައިދޭން އަނީސްގެ ފަރާތުން އެދުމުން ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އަނީސް ބުނީ އެ މައްސަލަ އޭރު ސުޕްރީމް ކޯޓުގައި އޮއްވާ އެ ކޯޓުގެ އޭރުގެ ފަނޑިޔާރެއްގެ ފަރާތުން އޭނާއާ މީހަކު ބައްދަލުކޮށް، ރިޝްވަތުގެ ގޮތުގައި ދެ މިލިއަން ރުފިޔާ ދިނުމުން އޭނާއާ އެއްކޮޅަށް މައްސަލަ ނިންމައިދޭނެ ކަމަށް ބުނި ކަމަށެވެ. އެ ހުށަހެޅުން އޭނާ ގަބޫލު ނުކުރީ ކަމަށް އަނީސް ބުންޏެވެ.

"ބުނީ ދެ މިލިއަން ރުފިޔާ ތިޔަ ފަރާތުން ދީފި ކަމަށް ވަންޏާ ތިޔަކޮޅަށް މައްސަލަ ނިންމައިދޭނަމޭ. އަޅުގަނޑު ބުނިން އަޅުގަނޑު ގަބޫލެއް ނުކުރަމޭ ތި ހުށަހެޅުމެއް."

އަނީސް ބުންޏެވެ.

އަނީސްގެ ވާހަކައިގައި އެ ފަނޑިޔާރުގެ ނަމެއް ނުބުނެ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން އޭރު ބެލީ ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އަލީ ހަމީދެވެ.

އަނީސް ބުނީ އެއީ ކާކުކަން ސާބިތުކޮށްދެވޭނެ ހެކި އެބަހުރި ކަމަށެވެ.

އޭރު އެއްވެސް ފަރާތަކަށް އެ ޝަކުވާ ހުށަހެޅިތޯ ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރެއްވި އެވެ. އަނީސް ބުނިގޮތުގައި އެ ހުށަހެޅުން އައުމުން އޭރުގެ އުއްތަމަ ފަނޑިޔާރާއި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް ސިޓީއަކުން އޭނާ ޝަކުވާ ހުށަހެޅި އެވެ.

އޭނާ ބުނީ ޖޭއެސްސީއަށް ވެސް އޭރު އެތައް ޝަކުވާ ހުށަހެޅި ކަމަށެވެ. އެ ކޮމިޝަނުން ފަހުން ޖަވާބުދިނީ އެ ފަނޑިޔާރުން މަގާމުން ވަކިވެފައިވާތީ އެ މައްސަލަ އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށް އަނީސް ބުންޏެވެ.

އަނީސް ބުނިގޮތުގައި ޝަވީދާއި އޭނާގެ އާއިލާގެ ހިއްސާ އޮންނަ ކުންފުންޏަކުން އޭރުގެ ފަނޑިޔާރަކަށް ފްލެޓެއް ވެސް ދިނެވެ.