ގިތެޔޮ މިރުހަކީ ރާއްޖޭގެ ދަނޑުވެރިން އެންމެ ގިނައިން ހައްދާ އެއް ވައްތަރެވެ.

ގިތެޔޮ މިރުސް އިންދުމަށް އެންމެ ރަނގަޅީ ފެން ނުހިލޭ، ލޮނުގެ އަސަރު ނެތް، ރަނގަޅު ފަސްގަނޑެކެވެ.

Ad
rt
މިރުސް ދަނޑެއް

މުޑުވައް ނެގުމާއި ރައްކާކުރުން

މުޑުވައް ނަގަން ރަނގަޅުވާނީ ބަލިނުޖެހި ރަނގަޅަށް ހެދިފައިވާ ގަހަކުން، ޞިއްޙަތު ރަނގަޅު މިރުހެކެވެ. އެ މިރުހަކީ ރަނގަޅަށް ހެދި އައިބެއް ނެތި ގަހުގައި އިނދެ ދޮންވެފައިވާ މިރުހަކަށް ވެސް ވާންވާނެއެވެ.

ދޮން މިރުހަކުން އޮށްނަގައިގެން ހިއްކުމަށްފަހު އައިސްއަލަމާރީގައި ބެހެއްޓުމަށް ތައްޔާރުކޮށްފައި

މިރުހުން މުޑުވައް ނެގުމަށްޓަކައި މިރުހުގެ ތޮށިގަނޑު ފަޅާލާށެވެ. މަޑުމަޑުން މިރުހުން އޮށްތައް ވަކިކޮށް ކަރުދާސްގަނޑެއް މަތީގައި އަތުރާލާށެވެ. މުޑުވައް ނެގުމުގައި އޮށްތައް ހަލާކުނުވެ ނެގޭނޭ އެއްޗެއް ބޭނުންކުރުން ރަނގަޅުވާނެ އެވެ. އޮށްތައް ގިނަދުވަހަށް ރައްކާކުރުމަށް ހިޔަލުގައި ބަހައްޓައިގެން ހިއްކާލާށެވެ. އޮށްތައް ކުރަފި ފަދަ ސޫފިން ސަލާމަތްވާނޭހެން ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. 2 ނުވަތަ 3 ދުވަހުގެ ތެރޭގައި އޮށްތައް ރަނގަޅަށް ހިކޭނެ އެވެ.

އޮށްތައް ނެގުމަށްފަހު އަޅިކޮޅެއް ނުވަތަ ކެޕްޓަން ފަދަ އެއްޗެއް އެއްކޮށްލާފައި ވައި ނުވަންނާނޭހެން ރަނގަޅަށް ބަންދުކޮށް އައިސްއަލަމާރީގެ ތިރީ ކޮންމެވެސް ތަނެއްގައި ރައްކާކުރުމުން ހަލާކުނުވެ ގިނަދުވަހު ހުންނާނެއެވެ. ކާބޯތަކެތި ބަހައްޓާ އަލަމާރިއެއް ނަމަ ކާބޯތަކެއްޗާ އެކަހެރިކޮށް ބެހެއްޓުމަށް ސަމާލުކަން ދޭންވާނެ އެވެ.

މިރުސް މުޑުވައްކުރުން

މިރުސް މުޑުވައްކުރުމުގައި ބަލާނީ ވިއްސާރައިންނާއި ގަދަ އަވިން ސަލާމަތްވާނޭ ތަނެއްގައި މުޑުވައްކުރުމަށެވެ. ކޮންމެ އެއްޗެއްގައި މުޑުވައްކުރި ކަމުގައިވިޔަސް އެއެއްޗެއްގައި ގާތްގަނޑަކަށް 4 އިންޗި ފުންމިން ހުރުމުން ރަނގަޅުވާނެ އެވެ. އަދި ފެން ހަރުނުލާނެ ގޮތަކަށް ލޯވަޅު އަޅަންޖެހޭނެ އެވެ. މިރުސް އިންދަން ވެލި ތައްޔާރުކުރާއިރު 3 ވެއްޔަށް 1 ކޮމްޕޯސްޓް އެޅުން ރަނގަޅުވާނެ އެވެ.

ޓިނުގަނޑެއް މަތީގައި ގެރިގުއި ހޫނުކުރަނީ

މުޑުވައްކުރާ އެއްޗަކަށް ވެއްޔާއި ކޮމްޕޯސްޓް އަޅަންވާނީ ފުރާނާފަ އެވެ. އަދި މުޑުވައްކުރާ އެއްޗަށް ވެއްޔާއި ކޮމްޕޯސްޓް އެޅުމުގެ ކުރިން އެ ދެ ބާވަތްވެސް ސްޓެރްލައިޒްކޮށްލުން ރަނގަޅުވާނެ އެވެ. ސްޓްރްލައިޒްކުރުމަށް އަވީލުން ނުވަތަ އަލިފާނުން ހޫނުކުރެވިދާނެ އެވެ.

ނެގި ކަޅުފަސްކޮޅު ފުރާނަނީ. ގެރިގުއިވެސް ފުރާނަން ވާނެ

ފުރޭނި ވެއްޔާއި ކޮމްޕޯސްޓް ރަނގަޅަށް އެއްކޮށްލުމަށްފަހު ފޮށިގަނޑަކަށް އަޅައި ރަނގަޅަށް މަތި އެއްވަރުކޮށްލާ ފެންޖަހާލާށެވެ.

މިރުސް އޮށް އިންދުމަށްފަހު ސުތުލި ގޯނިކޮަޅަކުން މަލްޗުކޮށްފައި

މިރުސް މުޑުވައްކުރުމަށް ތައްޔާރުކުރި ފޮށިގަނޑުގައި 2 އިންޗި ދުރުމިނުގައި ބައި އިންޗި ފުންމިން ހުންނަވަރަށް ފަސްގަނޑު މަތީގައި ރޮނގުއަޅާލާށެވެ. އެ ރޮނގު މަތީގައި ބައި އިންޗި ދުރުމިނުގައި އޮށްތައް އަތުރައިލުމަށްފަހު ހިކި ފަސް އަޅައި ކުޑަކޮށް ބާރުކޮށްލާށެވެ. ދެން ސްޕްރޭޔަރަކުން މުޅި ފަސްގަނޑު ތެމޭނޭހެން ފެންޖަހާލާށެވެ.

އޮށްތައް އިންދުމަށްފަހު މަލްޗުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. މަލްޗުކުރުމަށްޓަކައި ވެލިގަނޑު މަތީ ތުނި ގޯނިގަނޑެއް ފަތުރައިލާނީ އެވެ. ނުވަތަ ނޫސް ކަރުދާސްގަނޑެއް ވެސް ފަތުރައިލެވިދާނެ އެވެ. ގޯނިގަނޑެއް ނަމަ ފެންޖަހާއިރު ނަގާކަށް ނުޖެހޭނެއެވެ. ނަމަވެސް ކަރުދާސްގަނޑެއް ނަމަ ކޮންމެ ފަހަރަކު ފެންޖަހަން ޖެހޭނީ ކަރުދާސްގަނޑު ނަގާފައެވެ. ގަސް ފަޅަން ފެށުމުން ގޯނިގަނޑެއް ވިޔަސް ކަރުދާސްގަނޑެއް ވިޔަސް މުޅިން ނަގައި ހާމަކޮށްލަންވާނެ އެވެ.

ހަންބުރިއެއްގައި މިރުސް އޮށް ފަޅުވާފައި

ޢާއްމުކޮށް މިރުސް އޮށް ފަޅާނީ 6 ނުވަތަ 10 ދުވަހުގެ ތެރޭގައެވެ. މިރުސް ހެއްދުމަށް ރަނގަޅީ ވަކިތަނެއްގައި މުޑުވައްކުރުމަށްފަހު ދަނޑުގައި ނުވަތަ ހަންބުރި ފަދަ އެއްޗެއްގައި އިންދައިގެންނެވެ.

ކުދިގަސް ކޮތަޅުގައި އިންދުން

ގަސްތައް ދަނޑުގައި އިންދުމުގެ ކުރިން އަތްވަށް ހާނައިލުމަށްޓަކައި ގަސް އިންދާފައިވާ ކޮތަޅުތައް އަވީގައި ބަހައްޓައިލަން ވާނެ އެވެ. ކޮތަޅުތައް އެއް ކޮތަޅާއި އަނެއް ކޮތަޅު ޖެހޭގޮތަށް ރީތިކޮށް އަތުރައިލާށެވެ. ކޮތަޅުތައް އަތުރައިލުމުގެ ކުރިން ބިންގަނޑު ލެވެލްކޮށްލަން ވާނެ އެވެ. ކޮންމެ ކޮތަޅެއްގެ ފުލުގައި ތިންހަތަރު ލޯވަޅު އަޅަންވާނެ އެވެ. އޭގެ ބޭނުމަކީ ކޮތަޅުގައި ފެން ހަރުލިޔަ ނުދިނުމެވެ.

ފެޅި މިރުސްގަސްތައް ކޮތަަޅަށް ބަދަލުކުރަން ކޮތަޅު ތައްޔާރުކޮށްފައި

ކޮތަޅުތައް އެތުރުމަށް ފަހު ކޮންމެ ކޮތަޅެއްގެ މެދުގައި ވަޅުކޮޅެއް ހަދައި، ގަސް ހަލާކުނުވާނޭ ގޮތް ބަލައިގެން ފޮށިގަނޑުން ދޭފަތެއް ފަދަ ލަކުޑިކޮޅެއް ބޭނުންކޮށްގެން ގަސް ނަގައި ކޮތަޅުގައި އިންދައި ފަސްބާރުކޮށްލާށެވެ. އަދި ފެންޖަހާލާށެވެ. ކޮތަޅުތައް ބަހައްޓަން ރަނގަޅީ އަވި ލިބޭ، ނަމަވެސް ވާރެއިން ހިޔާވާފަދަ ތަނެއްގައެވެ. ގަސްތައް ދަނޑުގައި އިންދުމުގެ ކުރިން އަތްވަށް ހޭނުމަށްޓަކައި މަޑުމަޑުން އަތްވަށް ނެރެންޖެހޭނެ އެވެ.

މިރުސްގަސްތައް ކޮތަޅަށް ބަދަލުކުރުމުން ކޮތަޅުގައި ހެދެން ފަށާފައި

ދަނޑުގައި ގަސްތައް ރުވުން

ދަނޑުގައި ގަސްތައް ރުވާއިރު ވިސްނަންޖެހޭނީ ނާސަރީގައި ހުރި ގަސްތަކުގެ ތެރެއިން އެންމެ ޞިއްޙަތު ރަނގަޅު ގަސް އިންދުމަށެވެ. މިރުސް އިންދުމަށް އެންމެ ރަނގަޅީ ފެން ނުހިލޭ، ލޮނުގެ އަސަރު ނެތް، ކަޅުވެލި ފަށަލަ ބޯކޮށް ހުރި ބިމެކެވެ. އަދި ވަށައިގެން ބޮޑެތި ގަސްހެދިފައި ހުރުމުން ދަނޑަށް ރައްކާތެރިކަން ލިބޭ ކަހަލަ ދަނޑެއް ޚިޔާރުކުރުން ރަނގަަޅު ވާނެއެވެ.

މިރުސްގަސް ބިމުގައި އިންދަން މިނަށް ވަޅު ކޮނެފައި

ގަސް އިންދާނީ ދެބަރި ދޭތެރޭގައި 6 ފޫޓު، ދެ ގަސް ދޭތެރޭގައި 5 ފޫޓު ހުންނަ ވަރަށެވެ. ގަސް އިންދުމަށް ވަޅުކޮންނާނީ 2 ފޫޓު، 2 ފޫޓު އަދި ފުންމިނުގައިވެސް 2 ފޫޓު ހުންނަ ވަރަށެވެ. ކޮންނަ އިރު ނެގޭ ކަޅު ވެއްޔާއި ދޮންވެލި ވަކިން ނަގައި، ދޮންވެލި ދަނޑުން ބޭރުކުރާނީ އެވެ. ވަޅުގަނޑަށް އަޅަން ބޭނުންކުރާނީ ކޮނެގެން ނެގި ކަޅުވެއްޔެވެ.

ވަޅު ކޮނުނު އިރު ކަޅުފަސްކޮަޅު ވަކިން ނަގާފައި

ވެލި އަޅާނީ ފުރާނުލައި ގާތްގަނޑަކަށް 3 އިންޗި ހުންނަ ވަރަށެވެ. އަދި ކޮންމެ ވަޅުގަނޑަކަށް 5 ކިލޯ ކޮމްޕޯސްޓް، އަދި ގަސް އިންދުމުގެ ކުރިން 5 ގުރާމް މިކްސް ފާޓިލައިޒާ ކޮންމެ ވަޅަކަށް އަޅައި، ފަސްގަނޑާ އެއްކޮށްލުން ރަނގަޅުވާނެ އެވެ. ނޫންނަމަ، އެނޫނަސް މިރުސް ގަހަށް ބޭނުންކުރާ އެހެނިހެން ފާޓިލައިޒާ ވެސް ބޭނުންކުރެވިދާނެއެވެ.

ގެރިގުއި އަދި ފަސް އެއްކޮށްފައި ވަޅަށް އަޅާފައި

ގަސް ރުވަން ރަނގަޅީ ގަސްތައް 5 ނުވަތަ 9 އިންޗިއަށް ހެދުމުންނެވެ. ގަސްތައް ދަނޑުގައި ރުވުމަށްޓަކައި ފުރަތަމަ ކޮތަޅުތަކުގައި ހުރި ގަސްތަކަށް ފެންޖަހައިލާށެވެ. އެއަށްފަހު، ގަސް، ކަނާތުގެ ދެ އިނގިލި ދޭތެރެއަށް ވާގޮތަށް ބަންޑުންޖަހާލައި، ދެން ވާތުން ކޮތަޅުގެ ފުލުގައި ހިފައި މައްޗަށް އުފުލައިލުމުން ވަރަށް ފަސޭހަކަމާއެކު ކޮތަޅު ފަސްގަނޑާ ވަކިވާނެ އެވެ.

އިންދަން ތައްޔާރުވެފައި ހުރި މިރުސްގަސްތައް

ދެން ފަސްގަނޑު ފިތާލައި، ކޮނެފައި ހުރި ފަސްގަނޑުގައި ގަސް ބެހެއްޓުމަށްފަހު ފަސްލައި ބާރުކޮށްލާށެވެ. ކޮންމެ ގަހެއްގެވެސް ދެ ފަރާތުން ފަންހުނގުއްޔެއް ޖަހައި ހިޔާކޮށްލާށެވެ. އެއަށްފަހު ރަނގަޅަށް ފެންޖަހާލާށެވެ. ވިއްސާރަ ނޫންނަމަ ޢާއްމުކޮށް ފެންޖެހުން ރަނގަޅީ ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރު އެވެ.

ކޮތަަޅުން ގަސް ނަގަނީ

ގަސްތަކުން ކާނާ މަދުވުމުން ފެންނާނޭ ޢަލާމާތްތަކާއި ޙައްލުކުރާނޭގޮތް

ގަސް ހެއްދުމަށްޓަކައި އަބަދުވެސް ގަސްކާނާއާއި ފެން ބޭނުންވާނެ އެވެ. ފުރިހަމައަށް ކާނާ ނުލިބޭނަމަ ގަހުން ލިބެންވާ ފުރިހަމަ ފައިދާ ލިބެމުނެއް ނުދާނެ އެވެ. ގަހަށް ބޭނުންވާ މައިގަނޑު ކާނާއަކީ ނައިޓްރޮޖަން، ފޮސްފޮރަސް އަދި ޕޮޓޭސިއަމެވެ. މީގެ އިތުރުން، މަދުންނާއި ވަރަށް މަދުން ގަހަށް ބޭނުންވާ ކާނާތައްވެސް ހުރެއެވެ. މިކްސް ގަސްކާނާއެއް ދޭނަމަ އެބައިތައްވެސް އޭގައި ހިމެނޭނެއެވެ.

ވަޅުގައި ގަސް އިންދަނީ

ގަސް ހެދެމުންދާ ދުވަސްވަރު ހުރިހާ ބައެއް އެއްކޮށްފައިވާ ކާނާއެއް ކޮންމެ 15 ދުވަހުން ގަހަކަށް، 20 ގުރާމުގެ މަގުން، އަޅާށެވެ. 2 ފަހަރު އެޅުމަށްފަހު ފޮސްފޮރަސް ގިނަ ކާނާއެއް އަޅާނީ 30 ގުރާމުގެ މަގުން 45 ދުވަހުން ފެށިގެން 60 ދުވަހާއި ދެމެދު އެވެ.

އަޔަން / ދަގަނޑު މަދުވުމުން ދޭ ފެރަސް ސަލްފޭޓް

މި އަދަދު ބަހާލައިގެން ކޮންމެ 10 ދުވަހަކުންވެސް އެޅިދާނެއެވެ. އެގޮތަށް ކާނާ އަޅަމުން ގެންދާނީއެވެ. އަދި 75 ވަނަ ދުވަހުންފެށިގެން އެންޕީކޭ ހަމަހަމަ ކާނާއެއް، 40 ގުރާމުގެ މަގުން އަޅަމުން ގެންދެވިދާނެ އެވެ.

އިންދުމަށްފަހު ފަންހުގުލި ޖަހާފައި

މިރުސްގަސް ހެދެމުންދާއިރު ގަސްކާނާ މަދުވުމުގެ ޢަލާމާތްތައް ފެންނާނެއެވެ. އެހެންކަމުން އެ މައްސަލަ ދެނެގަނެ ޙައްލުކުރުމަކީ މުހިއްމު ކަމެކެވެ.

ހަންބުރީގައި އިންދާފައި، ފުލުން މޫތައް ބިމަށް ފައިބަން ދޫކޮށްލާފައި ހުރި ޞިއްޙަތު ރަނގަޅު މިރުސްގަސްތަކެއް

ނައިޓްރޮޖަން އަކީ ކޮންމެ ގަހެއްވެސް ހެދިބޮަޑުވުމުގެ ކޮންމެ މަރުޙަލާއެއްގައިވެސް އެންމެ ބޮޑަށް ބޭނުންވާ އެއް ކާނާ އެވެ. ނައިޓްރޮޖަން މަދުވުމުން ދައްކާނެ ނިޝާންތަކަކީ ކުރިތައް ބަލިކޮށް ދޮންފެހި ކުލައަކަށް ބަދަލުވެ ގަހުގެ ހެދުން ދެރަވުން، ގަހުގެ ތިރިން ފެށިގެން މައްޗައް ހިކުން އަދި ގަހުން ފަތް ފޭބުމެވެ. ގަހަށް ކާނާ ދޭންވާނީ ކާނާ މިކްސްކޮށްފައި ހުންނަ އިރު އޭގައި ނައިޓްރޮޖަން (އެން) އެންމެ ގިނައިން އެކުލެވޭ ކާނާއެއް ބަލައިފައެވެ. އެ ކާނާއެއް ބޭނުންކުރުމުން ނައިޓްރޮޖަން މަދުވުމުން ގަހަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ އެވެ.

ދޮށީ އުމުރުގެ މިރުސްގަސްތަކެއް

ފޮސްފޮރަސް މަދުވުމުން ފަތްތަކާއި މައިގަނޑު އަދި ގޮފިތައް ދަނބުކުލައަކަށް ހުރުން، ގަސްހެދުމާއި ފޯދުން ލަސްވުން، މޫތައް ނިކަމެތިވުން، މޭވާގައި އޮށް މަދުވުން ހިމެނެއެވެ. ގަސްކާނާ މިކްސްކޮށްފައި ހުންނައިރު އޭގައި ފޮސްފޮރަސް (ޕީ) އެންމެ ގިނައިން އެކުލެވޭ ކާނާއެއް ބަލާފައި، އެ ކާނާއެއް ބޭނުންކުރުމުން ފޮސްފޮރަސް މަދުވުމުން ގަހަށް ލިބޭ ގެއްލުން ކުޑަކުރެވޭނެއެވެ.

ނައިޓްރޮޖަން މަދުވުން

އަޔަން މަދުވުމުން ފަތުގެ ދެ ނާރު ދޭތެރެއަށް ދޮން ރީނދޫ ކުލައެއް އެރުން، ތަންކޮަޅެއް ބޮޑަށް މިކާނާ މަދުވެއްޖެނަމަ ފަތުގެ ތަންތަންކޮޅު އެނދުން، ޅަކުރިތައް މަޑުމަޑުން ހުދުރީނދޫ ކުލައަކަަށް ބަދަލުވާނެއެވެ. ޖުމްލަގޮތެއްގައި ހުރިހާ ޅަ ކުރިއެއްވެސް ހުދުވާނެއެވެ.

ފޮސްފޮރަސް މަދުވުން

ފެރަސް ސަލްފޭޓް ގަހަށް ދިނުމުން މި މައްސަލަ ޙައްލުވެގެންދާނެ އެވެ. މިގޮތުން މިކާނާ ވަކިން ގިރާފައި ގަހަށް ދެވިދާނެއެވެ. ނުވަތަ ފެނަށް ގިރާ ފޯލިއާ ގަސްކާނާއެއް ވެސް ދެވިދާނެއެވެ.

އަޔަން / ދަގަނޑު މަދުވުން

މިރުސް ކެނޑުން

ގިތެޔޮމިރުސް އޮށް އިންދާތާ 3 މަސް ދުވަސް ވުމުން މިރުސް ކަނޑަން ލިބޭވަރު ވާނެއެވެ. 4 ވަނަ މަހުންފެށިގެން ގަހަކުން 500 ގުރާމް މިރުސް ބިނދެވޭނެ އެވެ. ގިތެޔޮ މިރުސްގަސް ރަނގަޅަށް ގެންގުޅޭނަމަ 2 އަހަރު ދުވަހު ގެންގުޅެވޭނެއެވެ. ރަނގަޅު މާޙައުލެއްގައި މިރުސް ގެންގުޅޭނަމަ 7 ދުވަހު ހަލާކުނުވެ ބެހެއްޓޭނެ އެވެ.

މިރުސް ބިނދެފައި

މިއީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ގެނެސްދެއްވާފައިވާ 'ގިތެޔޮ މިރުސް އިންދާ ހެއްދުން' ވީޑިއޯގެ ލިޔުންގަނޑެވެ. ބޭނުންކޮށްފައިވާ ފޮޓޯތަކަކީ ވީޑިއޯއިން ނަގާފައި ހަނުފޮޓޯތަކެކެވެ. އެހެންކަމުން މިއީ އެ ވުޒާރާގެ ފިކުރީ މުދަލެކެވެ.