ހދ.ނޮޅިވަރަމް ފެނަކަ ބްރާންޗްގެ އާ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިޢުލާން ކޮށްފިއެވެ.

މިއީ ފެނަކައިން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރި ދެވަނަ އިޢުލާނެވެ. ފުރަތަމަ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ އޮފީހުން އިޢުލާން ކޮށްފައި ވަނީ ފާއިތުވި އަހަރު ޑިސެމްބަރ މަހުގެ 19 ވަނަ ދުވަހުއެވެ.

Ad
rt

މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކުންފުނިން ކުރިންކުރި އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ 08 ފެބްރުއަރީ 2022 ގައި ފެނަކައިން ކޮށްފައުވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި މަސައްކަތަށް ބިޑް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 01 މާޗް 2022 ގެ 15:00 ގެ ކުރިން ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ފެނަކައިން ވަނީ އެދިލައްވާފައެވެ.

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 28 ފެބްރުއަރީ 2022 ގެ 15:00 ގެ ކުރިން އެ އޮފީހުގެ އީމެއިލް އެޑްރެސްއަށް މެއިލް ކުރެއްވުމަށް ފެނަކައިން ވަނީ އެދިލައްވާފައެވެ. މެއިލް އެޑްރެސްއަކީ tender@fenaka.mv އެވެ.

މި މަސައްކަތަށް ކުރިމަތި ލުމަށް އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައި ވަނީ 02 މާޗް 2022 ވަނަ ދުވަހުގެ 13:00 އެވެ.

އެ ކުންފުނިން އިތުރަށް ވިދާޅުވެފައި ވަނީ މި މަސައްކަތާއި ގުޅިގެން ހުށަހެޅޭ އަންދާސީ ހިސާބުތަކުގެ ތެރެއިން ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި އަދި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެކަމަށެވެ.