ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ކޮމަންޑޫ ދާއިރާގެ ރައްޔިތުން އޭނާ އެ ދާއިރާގެ ގޮނޑިއަށް އިންތިޚާބުކޮށް ދެއްވައިފިނަމަ ލިބޭ މުސާރަ ހޭދަކުރާނީ ދާއިރާގެ ރައްޔިތުންނަށް ތަނަވަސް، ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ.
ހަންނާންގެ ވައުދުތައް ހިމެނޭ މެނިފެސްޓޯ އިފްތިތާޙް ކުރީ މިމަހުގެ 17 ވަނަ ދުވަހުގެ ރެއެވެ. އެ ވައުދުތަކުގެ ތެރޭގައި މުޅި ދާއިރާއަށް ޚާއްޞަކޮށްފައިވާ 8 ވަޢުދެއް ވެއެވެ. އޭގެތެރެއިން އެއް ވަޢުދަކީ " "ފުދުންތެރި ފަންޑް"ގެ ނަމުގައި 2 މިލިޔަން ރުފިޔާގެ ފަންޑެއް ހަދައި، އެފަންޑުން ފުދުންތެރި ރައްޔިތެއް ބިނާކުރަން އިންޓްރެސްޓް ފްރީ ލޯނު ދޭނަން" މި ވަޢުދެވެ.
ހަންނާނު "ތިލަދުން"އަށް ދެއްވި ޙާއްޞަ ބަސްދީގަތުމެއްގައި މި ވަޢުދާއި ގުޅިގެން ވިދާޅުވީ، އޭނާ އެންމެ އިސްކަމެއް ދެއްވާނެ އެއްކަމަކީ، ދާއިރާގެ ރައްޔިތުންނަށް ފުދުންތެރި، ތަނަވަސް ދިރިއުޅުމެއް ހޯއްދަވައިދެއްވުމަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށް ދެއްވުން ކަމަށެވެ.
"އިންތިޚާބުވެއްޖެނަމަ ދައުރުގެ ބާކީ އޮތް މުއްދަތަށް ލިބޭނީ ގާތް ގަނޑަކަށް ދެ މިއަލިއަނެއްހާ ރުފިޔާ، ދެ މިލިއަން ރުފިޔާ ހޭދަކުރާނީ ކުރިން ދެންނެވިގޮތަށް ރައްޔިތުންގެ ފުދުންތެރިކަން ރަނގަޅު ކުރުމަށްޓަކައި، މެދުފަންތީގެ ނުވަތަ މަސައްކަތެއް އަލަށް ފަށަން ބޭނުންވާ ފަރާތްތަކަށް އެ މަސައްކަތް ފެށުމަށް އަޅުގަނޑަށް ދެވުނު ފައިސާގެ އެހީއެއް ދީގެން އެބޭފުޅުން ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި، އެއީ އެކަންކަން ނިންމާފައިވާ ގޮތަކީ" ހަންނާން ވިދާޅުވިއެވެ.
ހަންނާން ވިދާޅުވީ، ރައްޔިތުންގެ އަޑު އަހައި، ރައްޔިތުން އެދޭ ކަންކަން ޕާޓީއާއި ހަމައަށް ގެންގޮސް، މަޝްވަރާކުރެވި ސަރުކާރާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކޮށް، ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތް ކުރުމަކީ ވެސް ވަރަށް އިސްކަން ދެއްވާނެ ކަމެއް ކަމަށެވެ.
"ދާއިރާގެ ކޮމަންޑޫގައި ވެސް، ފޯކައިދޫ ގައިވެސް، މަރޮށީގައި ވެސް އެބަހުރި ވަރަށް ގިނަ ކަންކަން ކުރަންވެފަ، އޭގެ މިސާލެއްގެ ގޮތުން ކޮމަންޑޫއާއި، މަތި ކޮމަންޑޫ ގުޅުވުމަކީ އެއީ ވަރަށް ކުރީ ޒަމާނުއްސުރެ އެ ބޭފުޅުންގެ ތަސައްވަރެއް، މިހާރު އެމަސައްކަތް ފަށަށް ސަރުކާރުން ޢިއުލާންކޮށްފައި އެ އޮތީ، އެހެންވީމަ އަޅުގަނޑުގެ ކަމަކަށް އޮންނާނީ ރައްޔިތުން އެދޭގޮތަށް އެ މަސައްކަތް ކުރުމަށް ސަރުކާރާއެކީގައި ދެމިހުރުން، އެއްބާރުލުން ދިނުން، ރައްޔިތުންގެ އަޑު ސަރުކާރާ ހަމައަށް ގެންގޮސް ދިނުން، ސަރުކާރުގެ އަޑު ރައްޔިތުންނާ ހަމައަށް ގެންގޮސްދީގެން ރައްޔިތުން ބޭނުންވާ ގޮތަށް، ބޭނުންވާ ފެންވަރުގައި އެ މަސައްކަތް ނިންމައިދިނުން" ހަންނާން ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ މަރޮށްޓަށް އިޝާރާތް ކުރަށްވަމުން އެރަށުގެ ފަޅު ފުންކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ޢިއުލާންކޮށްފައިވާ ކަމަށާއި، އެކަމުގައި ވެސް އޭނާގެ އުންމީދަކަށް އޮތީ ރައްޔިތުން ބޭނުންވާ ގޮތަށް އެކަން ވުންކަމަށް ހަންނާން ފަހަގަ ކުރެއްވިއެވެ. ސަރުކާރުގެ ޕްލޭންގެ ތެރެއިން ރައްޔިތުންގެ ހިޔާލާއި، މަޝްވަރާވެސް އެކަމުގައި ހިމަނައިގެން ރައްޔިތުން ބޭނުންވާ ގޮތަށް އެކަން ކުރުމުގައި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކާއެކު މަސައްކަތްކޮށް ރައްޔިތުން ބޭނުންވާގޮތަށް އެކަން ކުރުންމަތީ ރައްޔިތުންނާއެކު ހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ފޯކައިދޫގައި ވެސް ގިނަ މަޝްރޫޢުތަކެއް އެބަ ހިންގާ، އޭގެ ތެރެއިން ރައްޔިތުން އެންމެ ކަންބޮޑުވާ އެއް ކަމަކީ އެރަށުގެ އިންޖީނުގެ ރަށު މެދުގައި ހުރީމަ މިހާރު އިމާރާތްކޮށްފައި ހުރި އިންޖީނުގެއަށް އަވަހަށް އިންޖީނުތައް ބަދަލުކުރުން، އެމަސައްކަތުގައި ވެސް ރައްޔިތުން ބޭނުންވާ ކަންތައް ސާފުކޮށްފަ، ރައްޔިތުން ބޭނުންވާ ގޮތަށް އެކަންކުރުމުގައި ސަރުކާރާއެކު މަސައްކަތްކޮށް އަވަސް ހައްލެއް ހޯދުން އަޅުގަނޑުގެ މަސްއޫލިއްޔަތެއްކަމަށް ދެކެނީ" ހަންނާން ވިދާޅުވިއެވެ.
ހަންނާން ވަނީ ދާއިރާގެ ރައްޔިތުންގެ އަޑު އެއްސަވައި، ޚިޔާލު ހޯއްދަވެމުން މީގެކުރިން ތިން ފަހަރެއްގެ މަތިން ދާއިރާގެ ރަށްތަކަށް ޒިޔާރަތްކުރަށްވާފައެވެ. ދާއިރާގެ ރަށްތަކުގެ ގޭތަކަށް އޭނާ ވަނީ ތަކުރާރުކޮށް ޒިޔާރަތްކުރަށްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް އައްސަވާފައެވެ. ހަންނާނުގެ ވަޢުދުތައް ބިނާކުރަށްވާފައި ވަނީ އެ ދަތުރުތަކުގެ ތެރެއިން ރައްޔިތުންގެ އިހްސާސްތައް އަޑުއެއްސެވުމަށްފަހު ރައްޔިތުން އެންމެ ބޭނުންވާ ކަންކަމަށް އިސްކަން ދެއްވައިގެންނެވެ.
ހަންނާން ވަނީ މުޅި ދާއިރާއަށް ޚާއްޞަ ވައުދުތަކެއްގެ އިތުރުން، ދާއިރާގެ ތިން ރަށަށް ވަކިވަނިން ވެސް ވައުދުތަކެއް ޚާއްޞަ ކުރަށްވާފައެވެ.
"ދާއިރާގެ ރައްޔިތުންނަށް ދޭން ބޭނުވާ މެސެޖަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަ ކުރެވިއްޖެ، ދަތިކަންތައްކެއް ހުރިކަން، ތިބޭފުޅުންގެ އަރިހަށް ގޮސް، ތިބޭފުޅުންނާ ވާހަކަ ދައްކާފަ ދެނެގަތް ކަންކަން ހައްލުކޮށް ދިނުމަށްޓަކައި މި ނުކުތީއޭ، ތިބޭފުޅުން އަޅުގަނޑަށް ތާއީދުކޮށް، ވޯޓުދީ މި ގޮނޑިއަށް އައްޔަނުކޮށްދޭށޭ، ކެންޑިޑޭޓް ނަންބަރަކީ 3 އޭ، އެހެންވީމަ ތިނަކަށް ވޯޓުލާފައި މި ގޮނޑި އަޅުގަނޑާ ހަވާލުކޮށްދެއްވާށޭ،"
ތިލަދުން އަށް ދެއްވި ބަސްދީގަތުމުގައި ހަންނާނު ވިދާޅުވެފަވެއެވެ.
ހަންނާނަކީ ތައުލީމީ ދާއިރާއިން ގިނަގުނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ޒުވާން ވިޔަފާރިވެރިއެކެވެ. އޭނާ ނިސްބަތްވެވަޑައިގަންނަވަނީ ކޮމަންޑޫއަށެވެ.

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!