ވެރިރަށް މާލޭގެ އިތުރުން ކ. މާފުއްޓާއި އަދި ދ. ކުޑަހުވަދޫން ވެސް އޮމިކްރޯން ވޭރިއަންޓްގެ ކޭސްތައް ފެނިފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ މާލޭގެ އިތުރުން ކ. މާފުއްޓާއ ކުޑަހުވަދޫން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާކަމަށެވެ.
މީގެއިތުރުން މި ވޭރިއަންޓްގެ 19 ކޭހެއް ފަތުރުވެރިންގެ ތެރެއިން ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިކަމަށް ހުޝިޔާރިވެ، ރައްކާތެރިކަމަށް ކުރެވެންހުރި ހުރިހާކަމެއް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވަނީ ފާހަގަ ކުރަށްވާފައެވެ.
ޑރ. ޝާހް މާހިރު ފާހަގަ ކުރެއްވި ގޮތުގައި ޕޮޒިޓިވްވާ ކޭސްތައް ދަނީ އިތުރުވަމުންނެވެ. މިގޮތުން އެންމެފަހުން ލިބުނު ނަތީޖާގައި 400 އަށް ވުރެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވާކަން ފާހަގަ ކުރައްވައި، ފެންނަމުން ދަނީ ހޮސްޕިޓަލައިޒޭޝަންގެ އަދަދުތައް ވެސް މަޑުމަޑުން މައްޗަށްދާތަން ކަމަށް ވިދާޅުވިއެވެ. އަދި ފްލޫ ކްލިނިކް، އެހެނިހެން ހެލްތު ސާވިސްއަށް ޚިދުމަތް ހޯދަން އަންނަ މީހުންގެ ޢަދަދުތައް ދަނީ މައްޗަށް ކަމަށް ވިދާޅުވިއެވެ.
"އެހެންކަމުން ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހަކީ ނުވަތަ ދުވަސްތަކަކީ އިތުރު ގޮންޖެހުންތަކެއް ދިމާވާނެ ދުވަސްތަކެއްކަމުގައި ފާހަގަ ކުރެވޭ،" ޑރ. ޝާހް މާހިރު ވިދާޅުވިއެވެ.
މިހާތަނަށް ލިބުނު ކާމިޔާބަކީ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުންކަން ފާހަގަ ކުރައްވަމުން މި "ސާޖުން" ސަލާމަތްވުމަށް އެންމެން ގުޅިގެން އަނެއްކާވެސް ހިތްވަރުކުރަން ޖެހިފައިވާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!