ހދ. ކުމުންދޫގައި ދިވެހިސަރުކާރުން، އިންޑިޔާ ސަރުކާރުގެ އެހީތެރިކަމާއިއެކު ގާއިމުކޮށްފައިވާ އައުޓްޑޯ ޖިމް އާންމުންނަށް ހުޅުވާލައި ރަސްމީކޮށް އެތަން ބޭނުންކުރަން ފަށައިފިއެވެ.

މިގޮތުން މިއަދުން ފެށިގެން ކުމުންދޫ ކައުންސިލުން އެރަށު އައުޓްޑޯ ޖިމް އާންމުންނަށް ބޭނުން ކުރުމަށް ހުޅުވާލިއިރު، ޖިމް ބޭނުންކުރުމުގައި ސަމާލުކަން ދޭންވީ ގިނަ ކަންތައްތަކެއް ވެސް އެ ކައުންސިލުން ވަނީ އާންމު ކޮށްފައެވެ.

Ad
rt

މިގޮތުން އުމުރުން 18 އަހަރުނުފުރޭ ކުދިންނާއި އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކުން ޖިމް ބޭނުން ކުރަންވާނީ ބެލެނިވެރިއެއްގެ އެހީތެރިކަމާއިއެކު ކަމުގައި ބުނެފައުވާއިރު ޖިމް ބޭނުންކުރުމުގައި ކަމާބެހޭފަރާތްތަކުގެ އިރުޝާދު ހޯއްދަވައިގެން ބޭނުން ކުރުމަށް ވެސް އެ ކައުންސިލުން ވަނީ އިލްތިމާސް ކުރަށްވާފައެވެ.

މީގެއިތުރުން ޖިމް ބޭނުންކުރުމުގައި ތަނުގެ ސާފުތާހިރުކަމަށް ސަމާލުކަންދިނުމަށާއި، އެތަން ބޭނުންކުރުމުގައި، ބޭނުންކުރާ މީހާގެ އިތުރުން ތަނުގައިވާ އާލާތްތަކަށް ވެސް ރަށްކާތެރިވުމަށް އެ ކައުންސިލުން ވަނީ އިލްތިމާސް ކުރަށްވާފައެވެ. އަދި އެ ތަނުގައި ބެހެއްޓިފައިވާ ތަކެއްޗަށާއި އެތަނުގައިވާ ގަސްތަކަށް ގަސްތުގައި ގެއްލުންދޭފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި ވެސް އެ ކައުންސިލުން ވަނީ ހާމަ ކުރަށްވާފައެވެ.

އައުޓްޑޯ ޖިމްގެ ޚިދުމަތެއް ކުމުންދޫގައި ދިނުމަށް އަދުގެ ސަރުކާރުން ކޮށްދެއްވި މަސައްކަތަށް ފާހަގަކޮށް އެ ކައުންސިލުން ވަނީ ކައުންސިލްގެ ނަމުގައްޔާއި ކުމުންދޫ ރައްޔިތުންގެ ރައީސުލްޖުމުހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޝުކުރު ދަންނަވާފައެވެ.

މީގެއިތުރުން މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަމެންޓް އަލްފާޟިލް އަޙްމަދު މަޙްލޫފާއި މަކުނުދޫދާއިރާގެ މެންބަރު އަލްފާޟިލް މުޙައްމަދު ރާއީގެ ނަން ވެސް އެކައުންސިލުން ވަނީ ފާހަގަ ކުރަށްވާފައެވެ.