ރާއްޖެދުށް އެންމެ ހުނަރުވެރި އެއް ފަންނާނު ކަމުގައިވާ، އަބްދުﷲ ހަސަން (ހޮޅުދޫ އަބްދުﷲ) އަވަހާރަވެއްޖެ އެވެ.

ފަނޑުވުމެއް ނެތް ރަން އަޑުގެ ވެރިޔާ، ހޮޅުދޫ އަބްދުﷲ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދު އައިޖީއެމްއެޗުގަ އެވެ.

Ad
rt

ހޮޅުދޫ އަބްދުﷲ ވަނީ ދިވެހި ލަވަކިޔުމުގެ ރޮނގުން 1981 ވަނަ އަހަރު އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ހާސިލްކުރައްވާފައެެވެ. ހޮޅުދޫ އަބްދުﷲ ދިވެހިން ފާހަގަކުރަނީ "ގައުމީ ގުރާ" ގެ ގޮތުގަ އެވެ.

ހޮޅުދޫ އަބްދުﷲ ވަނީ ވަރަށް ގިނަ ގައުމީ ލަވަތަކާއި މަދަހަތައް އޭނާގެ އަޑުން ރެކޯޑްކުރައްވާފައެވެ. އެލަވަތަކާއި، މަދަހަ ތަކަކީ ދިވެހިންގެ ހިތުގައި ބިންވަޅު ނެގިފައިވާ ވަރަށް މަގުބޫލު ލަވަތާއި މަދަހަ ތަކެވެ.

ރައީސް މައުމޫންގެ ދުވަސްވަރު ގައުމީ އެކި މުނާސަބުތަކަށް ތައްޔާރު ކުރެވުނު ވަރަށް ގިނަ ގައުމީ ލަވަތައް ވިދާޅުވެފައިވަނީ އަބްދުﷲ އެވެ.

މީގެ އިތުރުން ވަރަށް ރީތި ލޯބީގެ އެތައް ލަވަތަކެއް އަދި ނަސޭހަތުގެ ލަވަތައްވެސް އޭނާގެ އަޑުން ރެކޯޑް ކުރެވި ރައްކާކުރެވިފައިވެއެވެ. ޢަބްދުﷲ ޙަސަން ލަވަ ނުކިޔުއްވާ ރޮނގެއްނެތެވެ. ޤައުމީ ޝުޢޫރުގެ ޗާލު ލަވަތަކެވެ. ދީނީ ރޫޙު އުފައްދައިދޭ ރީތި މަދަޙަތަކެވެ. ލޯބީގެ ސާފު މެސެޖުތަކެވެ.

ފަނޑުވުމެއްނެތް ޤައުމީ ރަންއަޑު

ހޮޅުދޫ އަބްދުﷲގެ މަޝްހޫރު ގައުމީ ލަވަތަކުގެ ތެރޭގައި ހުނިޖަހާލެވޭ ބައެއް ލަވަތަކުގެ ތެރޭގައި 1948 ވަނަ އަހަރުގެ ރާއްޖެ އިނގިރޭސިން އަތްދަށުން މިނިވަންވި އެގްރިމެންޓުގައި ރާއްޖެ އާއި އިނގިރޭސި ވިލާތުން ސޮއިކުރުމާ ގުޅިގެން ވިދާޅުވި "ގައުމަށް އައި މިނިވަން ނޫރާނީ" ލަވައާއި، "އެންމެނާ ދުނިޔެއަށޭ ރާއްޖެ މިއަދު ހާމަވަނީ" ލަވައާއި، "ފޯދޭ ގުލްޒާރެކޭ، މަލުގެ ބަހާރެކޭ، ވަތަނީ ޚިޔާލް މީކުރާ" ލަވައާއި، "ގަސްރުކުން މަލަ ފެވޭ ރާއްޖެމީ، ގައިމު ހިތްހަމަޖެހޭ ޖައްވުމީ"، ލަވައާއި، "ރީތި ހަނދެކޭ ނުބެނޭވެނެހޭ" ލަވައާއި، "ދުރުދުރުގާވި ހިތޭމި ގުޅޭމި"، "އަސުރު ދިޔައީ ގެއްލިގެން"، "އޯ ވަޒަން" ފަދަ އެތައް ލަވަތަކެއް ހިމެނެއެވެ.

މީގެއިތުރުން އިބުރަތްތެރި ނަސޭހަތްތަށް އެކުލެވޭ އެތައް މަދަހައެއް ވެސް ވިދާޅުވެފަ ވެއެވެ.