ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތުން އިން މި މަސައްކަތް ހަވާލުކޮށްފައި ވަނީ، ކުރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާއެވެ.
މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށް، އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރަށްވައެވެ.
މި އިމާރަތް ނިމުމުން ށ. އަތޮޅު ހޮސްޕިޓަލުން ޑައިލިސިސްގެ ޚިދުމަތާއި، އިތުރު އޯޕީޑީ ރޫމްތަކާއި، ޕަބްލިކު ހެލްތު ޔުނިޓާއި އަދި ހެލްތު އެޑިއުކޭޝަން ދިނުމަށް ހޯލެއް ޤާއިމު ކުރެވިގެންދާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ވިދާޅުވެއެެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވިފަހުން ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންގެ ޚިދުމަތްތައް ތަޢާރަފް ކުރުމުގެ އިތުރުން އެ ހޮސްޕިޓަލުން އަންނީ ކާމިޔާބު ބޮޑެތި އޮޕަރޭޝަންތައް ވެސް ކުރަމުންނެވެ.
އުތުރުގެ ސިއްހީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރި މުހިންމު މަސައްކަތްތަކުގެ ނަތީޖާ ށ. އަތޮޅު ހޮސްޕިޓަލުން ފެންނަމުންދާ ކަމަށް ވިދާޅުވެ ސަރުކާރުން ވަނީ، ށ. އަތޮޅު ހޮސްޕިޓަލަކީ މި ސަރުކާރު އައުމުގެ ކުރިން ކޮންމެ 3 އަހަރަކުން 10 ސަރޖަރީ ހެދޭ ހޮސްޕިޓަލެއްކަމަށާއި ނަމަވެސް، މިއަދު މިވަނީ 3 އަހަރު ތެރޭގައި 100 އަށްވުރެ ގިނަ ސަރޖަރީ ހަދާފައި ކަމަށް ވިދާޅުވެފައެވެ.
އަދި ސީ.ޓީ.އެސް، ތައިރޮއިޑް ސަރޖަރީ، އަދި ކަރުން މަތީގެ ތަފާތު ސަރޖަރީތައް ވަރަށް ކާމިޔާބުކަމާއެކު އެ ހޮސްޕިޓަލުގައި ކުރަމުންދާކަން ސަރުކާރުން ފާހަގަކުރެއެވެ. އަދި އެ ހޮސްޕިޓަލުން ވަނީ ގައިނޮކޮލޮޖީގެ ބޮޑު ސާޖަރީއެއް ދެފަހަރެއްގެ މަތިން ކާމިޔާބު ކަމާއެކު ނިންމާލާފައެވެ. އަދި ށ. އަތޮޅު ހޮސްޕިޓަލުގައި އިންފަރޓިލިޓީ ޓްރީޓްމަންޓް ދެމުން ގެންދާއިރު، އެ ހޮސްޕިޓަލްގެ ލެބޯރެޓަރީން ހޯމޯނަލް އާއި ވިޓަމިންޑީ އިންވެސްޓިގޭޝަންސް ހެދޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.
އުތުރުގެ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރު ވެސް ގާއިމުކޮށްފައި ހުންނަނީ އެ ހޮސްޕިޓަލްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!