ފިޝަރީޒް މިނިސްޓްރީގެ ޕްލާންޓް އެންޑް އެނިމަލް ހެލްތް ސާރވެއިލެންސް ޓީމްއާއި ހދ. ނޭކުރެންދޫ ކައުންސިލް ގުޅިގެން އެރަށުގެ ދަނޑުތަކަށް ޒިޔާރަތްކޮށް ދަނޑުވެރިންނަށް މައުލޫމާތުދީފިއެވެ.
ނޭކުރެންދޫ ކައުންސިލް މެންބަރު ޢާއިޝަތު ޝަފާ "ތިލަދުން" ވިދާޅުވީ މި ޒިޔާރަތުގެ އެންމެ ބޮޑު މަޤްސަދަކީ ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަންނާނެ ގޮތް ދަނޑުވެރިންނަށް ކިޔާދިނުމާއިއެކު އެކަމަށް ބޭނުން ކުރާނެ ބޭހާއި ބޭސް ބޭނުން ކުރާނެ ގޮތްތައް ދަނޑުވެރިންނަށް އޮޅުންފިލުވައި ދިނުމުގެ އިތުރުން ދަނޑުވެރިންނަށް ދިމާވެފައިވާ ދަތިތަކަކީ ކޮބާތޯ ބަލާ އެކަންކަމަށް ހައްލެއް ހޯދާދިނުމަށް މަސައްކަތް ކުރުން ކަމަށެވެ.
އެގޮތުން އެރަށުގެ ދަނޑުތަކުން ގިނައިން ފެންނަނީ ކޫޑި އަދި ގުރުޑުވަ ކަހަލަ ބަލިތައް ކަމަށާއި އެކަހަލަ ބަލިތައް ޖެހުމުން ގަސްތަކަށް ދޭނެ ފަރުވާތައް ދަނޑުވެރިންނަށް ކިޔައިދީފައިވާނެ ކަމަށް ޝަފާ ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ދަނޑުވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ގަސްތަކަށް ދޭންޖެހޭ ބޭސްތައް ރަށުން އަދި އަތޮޅުންވެސް ލިބެން ނުހުންނާތީ އެކަމުން ލިބޭ ދަތިތައް ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.
އެކަމަށް ހައްލެއް ހޯދާދިނުމަށް ކައުންސިލުން މަސައްކަތް ކުރައްވާނެ ކަމަށާއި ދަނޑުވެރިންނަށް ހާއްސަ ކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް ރޭވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ނޭކުރެންދޫ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!