އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި މިއަދު ހަވީރު ބަންގްލަދޭޝްއާ، ނޭޕާލް ބައްދަލުކުރި މެޗްގައި މެޗް ނިމެނިކޮށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުން ފުރަތަމަ ނޭޕާލް ޖާގަ ހޯދައިފި އެވެ.

މިއީ ސާފް ޗެމްޕިއަންޝިޕު މުބާރާތުގެ ފައިނަލަށް ނޭޕާލް ދިޔަ ފުރަތަމަ ފަހަރެވެ. އެ ޓީމު މިއަދު ވަނީ 1-1 އިން ބަންގްލަދޭޝްއާއި އެއްވަރު ކޮށްފައެވެ.

Ad
rt

ބަންގްލަދޭޝްގެ ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބަންގްލަދޭޝް ލަނޑުޖެހީ މެޗުގެ 9 ވަނަ މިނިޓުގައި ސުމޮން ރެޒާ ޖެހި ލަނޑުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 11 މިނިޓަށް ވެފައި ވަނިކޮށް ނޭޕާލްގެ އޭރިއާ ބޭރުން ނޭޕާލްގެ އަންޖަން ބިސްތާ އަށް ބޯޅަ ލިބުމުގެ ކުރިން ބަންގްލަދޭޝްގެ ކީޕަރު ޒީކޯ އަތުން ބޯޅަ ކޮންޓްރޯލް ކުރުމުން ރެފްރީ ވަނީ ރަތް ކާޑެއް ދައްކައި ޒީކޯ ދަނޑުން ފޮނުވާލާފައެވެ.

ނަތީޖާ ހަމަހަމަވީ މެޗްގެ 87 ވަނަ މިނިޓުގައި ނޭޕާލަށް ލިބުނު ޕެނަލްޓީ ކާމިޔާބު ކުރުމުންނެވެ. އެ ޕެނަލްޓީ ބަންގްލަދޭޝްގެ ގޯލަށް ވައްދާލީ އަންޖުން ބިސްތާއެވެ.

ފައިނަލުގައި ނޭޕާލް ވާދަކުރާނެ ޓީމެއް އެނގޭނީ މިރޭ 9 ޖަހާއިރު ދިވެހިރާއްޖެ އާއި އިންޑިއާ ވާދަކުރާ މެޗަށް ފަހު އެވެ.