ޤައުމީ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހަނިމާދޫ ކައުންސިލާއި އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ހަނިމާދޫ ޔޫތު ސެންޓަރ ގުޅިގެން "އުފެއްދުން ތެރިންގެ ހުނަރު ދައްކާލުމުގެ" ހާއްސަ ހަވީރެއް ބޭއްވުމަށް ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަ ކުރަމުން އަންނަ ޤައުމީ ޒުވާނުންގެ ދުވަހެވެ. މި ދުވަސް ސަރުކާރުން މިފަހަރު ރަސްމީކޮށް ފާހަގަ ކުރުމަށް ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ.

Ad
rt

22 އޮކްޓޯބަރ 2021 ވާ ހުކުރު ދުވަހުގެ ހަވީރު ހަނިމާދޫ ޔޫތު ސެންޓަރ ގޯތިތެރޭގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަވީރުގައި ހަނިމާދޫގައި ތިބި އުފެއްދުންތެރިންގެ މަސައްކަތް ދައްކާލުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

ޒުވާނުންގެ ދުވަހުގެ މި ހާއްޞަ ހަވީރާއި ގުޅޭގޮތުން "ތިލަދުން" އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ހަނިމާދޫ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ އަދި ހަނިމާދޫ ޔޫތު ސެންޓަރ މިވަގުތު ހިންގުމާއި ހަވާލުވެހުރި އަލީ ހަމީދު ވިދާޅުވެފައި ވަނީ ޒުވާނުން ދުވަހު ބޭއްވޭ ހާއްސަ ހަވީރުގައި ހަނިމާދޫގައި ތިބި ތަފާތު މަސައްކަތްތެރިންގެ މަސައްކަތާއި ހުނަރު ދައްކާލުމުގެ ފުރުޞަތު ލިބުމުގެ އިތުރުން އެ ތަކެތި ވިއްކުމުގެ ފުރުޞަތު ވެސް ލިބިގެންދާނެ ކަމަށެވެ.

"ހަނިމާދޫގައި ވެސް އެބައުޅޭ ލަކުޑިން ތަފާތު ތަކެތި އެފައްދާ ފަރާތްތައް، އަދި ފޮޓޯ ގްރާފަރުން ވެސް މީގެ އިތުރުން ތަފާތު އެކިކަހަލަ ހުނަރުވެރިން ވެސް، މި ހަވީރުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ އެފަދަ ފަރާތްތައް އާންމުންގެ ތެރެއަށް ތަޢާރަފްކޮށް އެކަންކަމާއި ގުޅުންހުރި ގިނަ މަޢުލޫމާތި ގިނަ ފަރާތްތަކަކަށް ލިބިގެދިޔުން" އަލީ ވިދާޅުވެފައި ވެއެވެ.

އަލީ އިތުރަށް ވިދާޅުވެފައި ވަނީ މި ހަވީރުގައި ހަނިމާދޫގައި ހުރި ގެސްޓް ހައުސްތަކުން ވެސް ބައިވެރިވެ އެ ތަންތަނުގައި ހުރި ވަޒީފާގެ ފުރުޞަތުތައް ވެސް ކިޔައިދެއްވާނެ ކަމަށެވެ. މީގެ އިތުރުން އައިޔޫއެމް އިން ވެސް ބައިވެރިވެ ކޯސްތަކާއި ގުޅުންހުރި މަޢުލޫމާތު ވެސް ހިއްސާ ކުރައްވުމަށް ހަމަޖެހިފައިވާ ކަން އަލީ ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން މަރާމާތު ކުރުމަށް ފަހު އެ ޔޫތު ސެންޓަރގެ ބިލިއާޑް ރޫމާއި، ފާހާނާތަކާއި، ކެރަމް ކުޅޭ ރޫމްގެ އިތުރުން ޖިމް ވެސް އެ ހަވީރުގައި ހުޅުވައި ރަސްމީކޮށް ބޭނުން ކުރަން ފެށުމުގެ އިތުރުން އެ ސެނޓަރ ގެ މެމްބަރ ޝިޕް ކާޑު ވެސް އެ ހަވީރުގައި ލޯންޗް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ދުވަހު މުޅި ރަށަށް ހުޅުވާލައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތެއް ވެސް ފެށިގެންދާނެ ކަން އަލީ ވަނީ ފާހަގަ ކުރައްވާފައެވެ.

މި ހަވީރުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 20 އޮކްޓޯބަރ 2021 ގެ 20:00 ކުރިން 7739199 އަށް ގުޅުއްވައި މަޢުލޫމާތު ސާފްކުރެއްވުމަށް ފަހު ނަން ނޯޓް ކުރެއްވުމަށް މި ހަރަކާތް އިންތިޒާމް ކުރާ ފަރާތުން ވަނީ އެދިލައްވާފައެވެ.