މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ކުޅުދުއްފުށީ ސިޓީގައި ރޯޑް ކިންގް ޗެމްޕިއަންޝިޕެއް ބާއްވަން ހަމަޖައްސައި އެ މުބާރާތުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފިއެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރަން ނިންމާފައިވާ ޒުވާނުންގެ ދުވަސް މިފަހަރު ރަސްމީކޮށް ފާހަގަކުރަނީ ކުޅުދުއްފުށި ސިޓީގައެވެ.

Ad
rt

އެގޮތުން ކުރިއަށް ގެންދެވޭ ތަފާތު އެކިއެކި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މި ޑްރެގް ރޭހަކީ މިހާތަނަށް ރާއްޖޭގައި އަންހެނުންނަށް އަމާޒުކޮށްގެން ބޭއްވޭ އެންމެ ފުރަތަމަ ރޭހެވެ.

'ރޯޑް ކިންގް ޗެމްޕިއަންޝިޕް' މި ނަމުގައި ކުރިއަށް ގެންދެވޭ މި ހަރަކާތުގައި އަނެހެން އަދި ފިރިހެނުންގެ ޑްރެގް ރޭހެއް ކުރިއަށް ދާނެކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ހާމަކުރެއްވިއެވެ.

އަދި މި ޗެމްޕިއަންޝިޕް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު ކަމަށާއި މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައި ކަން އެ ކައުންސިލުން ފާހަގަކުރެއްވިއެވެ.

އެގޮތުން، މި ޗެމްޕިއަންޝިޕް ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 17 އޮކްޓޯބަރ 2021 ވާ އާދީއްތަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ރަޖިސްޓަރ ކުރަން ޖެހެއެވެ. https://form.jotform.com/212765874249064 މި ލިންކް މެދުވެރިކޮށް ރަޖިސްޓާރ ވެވޭނެކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން މައުލޫމާތުދެއްވައެެވެ.

މުޅިދުވަހަށް ދެމިގެންދާނެ ކަމަށް ބެލެވޭ މި ޗެމްޕިއަންޝިޕްގައި ކުރިއަށް ދާނީ 125 ސީސީ އާއި 150 ސީސީ އާއި ހަމައަށް ގެންދެވޭ ޑްރެގް ރޭސްތަކެއް ކަމުގައި މައުލޫމާތު ވަނީ ލިބިފައެވެ.

ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ތަފާތު ގިނަ ހަރަކާތްތަކެއް ކުޅުދުއްފުށި ސިޓީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި، ބީޗް ވޮލީ މުބާރާތަކާއި، ބީޗް ސޮކަރ ގެ އިތުރުން ބީޗް ހޭންޑް ބޯލް މުބާރާތް ހިމެނޭހެން ބީޗް ގޭމްސް ފެސްޓިވަލެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.