ދަރިން ބެލެހެއްޓުމަށް ދޭ ހަޟާނާތުގެ ހަރަދު ބޮޑުކުރުމަށް ހުށައަޅައިފިއެވެ.
މިގޮތަށް ހުށައަޅާފައިވަނީ ބަނޑޮސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ "ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް" ގައި އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުންނެވެ. މިހާރު ހަޟާނާތުގެ ގޮތުގައި ދޭންޖެހެނީ 2000 ރުފިޔާއެވެ.
އޭޖީ އޮފީހުން ހުށައަޅާފައިވަނީ ޝަރީއަތުން ނަގައިދެވޭ ޚަރަދުގެ އެންމެ މަދު އަދި އެންމެ ބޮޑު މިންވަރެއް ކަނޑައަޅައެޅުމަށެވެ. އަދި މިފަދަ މައްސަލަތައް އަވަސް މުއްދަތެއްގައި ނިންމުމަށް ސަރުކާރުން ވަނީ ހުށައަޅާފައެވެ.
މީގެ އިތުރުން އެ ސިމްޕޯޒިއަމްއަށް ވަނީ ކައިވެނީގެ ކަންތައްތައް ކުރުމަށް ސަރުކާރުގެ އިދާރާއެއްގެ ގޮތުގައި ވަކި އޮފީހެއް އުފެއްދުމަށްވެސް ހުށައަޅާފައެވެ.
އޭޖީ އޮފީހުން ހުށަހެޅީ ކައިވެނި ރަޖިސްޓްރީ ކުރަން "ކައިވެނީގެ ރަޖިސްޓްރާގެ އޮފީސް" ނަމުގައި އިދާރާއެއް އުފެއްދުމަށެވެ. މިއޮފީހުން ކައިވެނިކުރުމަށް ހުއްދަދީ، ރަޖިސްޓްރީ ބެލެހެއްޓުމުގެ ކަންތައްތައް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި އޮފީހުގެ މަސައްކަތްތަކުގައި ރަށްރަށުގެ ކައުންސިލްތަކުގެ ހިއްސާވެސް ހިމެނުމަށް ވަނީ ނިންމާފައެވެ. އޭގެ ސަބަބުން މެޖިސްޓްރޭޓުން ނެތް ރަށްރަށުގައި ކައިވެނީގެ މަސައްކަތްތައް ކުރުމަށް ފަސޭހަވާނެކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!