ދުވަހަކީ އާދެ! ޤައުމީ ދުވަހަކީ ޤައުމީ ބަޠަލު ބޮޑުތަކުރުފާނު ޤައުމަށްޓަކައި ކުރެއްވެވި އަގުނުކުރެވޭ ޖިހާދުގެ ޛިކުރާ އާ ކުރެވެމުންދާ ދުވަހެކެވެ. ދުވަހާ ގުޅޭހެން ކުލަގަދަ ޙަފުލާތައް ބާވަމުންދާ ޚާއްޞަ ދުވަހެކެވެ. ޤައުމިއްޔަތަކީ ކޮބައިކަން އަންގައިދޭ ޝިޢާރުތަކުން ޤައުމީ ރޫޙު އާލާކުރުވާ ދުވަހެކެވެ. އާދެ! ދިވެހިންގެ ޤައުމީ ދުވަހެވެ.
ދިވެހިން އަމިއްލަވަންތަ ބައެއްގެ ގޮތުގައި މިނިވަން ކަމާއި އެކު އުޅެމުންދާތާ ދުވަސްތަކެއް ފާއިތުވެ ހިނގައްޖެއެވެ. އަމިއްލަ ބަހަކާއި އަމިއްލަ ޘަޤާފަތެއްގެވެރި ދިވެހިން ދިވެހިންގެ ބިން ވެސް އަމިއްލަ އެއްޗެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރިކަން ތާރީޚު ހެކިދެއެވެ. ބޭރު ބަައެއްގެ އަޅުވެތިކަމުގެ ދަށަށް ދިވެހި ފަސްގަނޑު ދިޔަ ކޮންމެ ފަހަރަކުވެސް ދިވެހި ދަރިންގެ ޢަޒުމާއި ހިތްވަރުން ދިވެހި ފަސްގަނޑު ވަނީ މިނިވަން ކޮށްފައެވެ. އެގޮތުން ދުވަހުގެ ބަޠަލު މުޙައްމަދު ތަކުރުފާނު ނުވަތަ ބޮޑު ތަކުރުފާނު މަދު މީސްކޮޅަކާއިއެކު ޤައުމު ސަލާމަތް ކުރައްވަން ކުރެއްވި ޖިހާދަކީ ދިވެހިން ޝުކުރުވެރިވުން ޙައްޤު ޖިހާދެކެވެ. އަގުނުކުރެވޭ އަގުހުރި ޚިދުމަތް ތަކެކެވެ. އެއީ އެބޭފުޅަކާއިމެދު ޤައުމު ފަޚުރުވެރިވާން ޖެހޭ ޝަހުސިއްޔަތެކެވެ.

އެދުވަހާއި މިއަދު ހާސްގުނަ ތަފާތެވެ. އަޅުވެތިކަމާއި މިނިވަންކަން މާނަ ކުރަންޖެހޭ ގޮތްވެސް ތަފާތެވެ. އޭރު ދިވެހިންގެ ބިމާއި ދިވެހި ދަރިން އަޅުވެތިކުރީ އަމިއްލަ އެދުމުން ފޯވެފައިވާ ބަޔަކު އަތްދަށުލައި ގަދަބާރު ދައްކައިގެންނެވެ. ދީނީ މިނިވަންކަން ނަގާލައި ކަރަށް ރާއަޅައި މާތްވެގެންވާ އިސްލާމު ދީނުން ބޭރުކުރަން މަސައްކަތް ކުރީ ދިވެހިންގެ ނުރުހުމުގައި ދިވެހިންނަށް މަޖުބޫރު ކޮށްގެންނެވެ. މި ޖީލުގެ ދަރިންނަށް ނުވަތަ އަންނަންއޮތް ޖީލުތަކުގެ ދަރިންނަށް އެ އަޅުވެތިކަން އެގޮތުގައި ނުފެނިދާނެއެވެ. އެހެން ނަމަވެސް ނޭނގި ތިއްބާ ދިވެހިންނާއި ދިވެހި މި ބިން އަޅުވެތި ކުރަން މަސައްކަތްކުރާ ބަޔަކު ދިވެހިގެ މައްޗަށް ފާވެދާނެއެވެ. ސޮއިކުރެވޭ މުއާހަދާ ތަކާއި އެއްބަސްވުންތަކުގައި އެކުލެވޭ އެންމެ އަކުރަކާއި ފިއްޔަކުންވެސް ދިވެހިންގެ މިނިވަންކަން ގެއްލިދާނެއެވެ. ބޮޑު ތަކުރުފާނު ފަދަ ޤައުމުދެކެ ލޯބިވީ ދަރިން އެކުރި ޖިހާދުން ހޯދައިދިން ނަޞްރު ވެއްޔާއި މޮޑެވިގެން ހިނގައިދާނެއެވެ.

Ad
rt

އެދުވަހު މަޖުބޫރުން ކަރަށް ރާއަޅައިގެން ދިވެހިން އިސްލާމު ދީނުން ބޭރުކުރަން މަސައްކަތްކުރި ކުރުން މިއަދު މިވަނީ ބަދަލުވެފައެވެ. ދީނީ މިނިވަންކަމުގެ ނަމުގައި ހިންގި ޖަރީމާތަކަށް އާބަސްބުނެ، ވަކާލާތުކުރާ ޖަމުޢިއްޔާ ޖަމާޢަތްތަކާއި ގުޅިގެން ދިވެހިންގެ ތެރެއިން ބަޔަކު މިއަދު މިވަނީ އެމީހުންގެ އަވާގައިޖެހި އެއީ ލިބިގެންވާ ޙައްޤެއްކަމަށް ވަކާލާތުކުރަން ފަށާފައެވެ. އިއްޔެ އެމީހުން އެކަންކުރީ މަޖުބޫރުކޮށްގެންނެވެ. މިއަދު ހަމަ އެމީހުން އެކަންކުރަމުން އެގެންދަނީ އެއީ ލިބިގެންވާ ޙައްޤެއްކަމަށް ވިސްނައިދީގެންނެވެ. އިސްލާމު ދީނުގައި ރާއާއި މަސްތުވާ ތަކެތި ޙަރާމް ކުރައްވާފައި ވާތީ އިސްލާމުދީނަށް ރުޖޫޢަވުމަށްފަހު ދިވެހިންތިބީ އެތަކެއްޗާއި ދުރަށްގޮސް އެ ތަރަހައިގެ ތެރޭގައެވެ. އޭރުގައި ދުޝްމަނުންގެ އަޅުވެތިކަމުގެ ދަށަށް ގެންގޮސް ދިވެހިންނަށް ރާ ބޯންދިނީ ގަދަކަމުން ކަމުގައި ވިޔަސް މިއަދު މިވަނީ އެކަންވެސް ބަދަލު ކުރުވާފައެވެ. އިސްލާމު ދީނުގައި ތިއްބަސް ރާ ބޮވޭނެ ކަމަށާއި، ރާ ބުޔަސް ދީނުން ބޭރު ނުވާނެ ކަމަށް ބަޔަކަށް ވިސްނައިދީ ރާ ބުއިމަކީ މި މުޖުތަމަޢުގައި ޢާންމު ކަމަކަށްވެސް މިވަނީ ވެފައެވެ. ރާބޯ މީހާއަށް އިސްލާމު ދީނުގައި ދިނުމަށް ކަނޑައަޅާފައިވާ އަދަބު ތަކަކީ ހައްދުފަހަނައަޅައި ދިޔުންކަމުގައި ކަނޑައަޅާފައެވެ. ދީނުގެ ޙުކުމް ތަކަށްވުރެ އަމިއްލަ ފައިދާއަށް އިސްކަންދީފައެވެ.

ޤައުމިއްޔަތާއި މިނިވަން ކަމަކީ ފަސްގަނޑުގައި އަމިއްލަ ދިދައެއް ހުރުންކަމުގައި ޤަބޫލުކުރާ ޤަބޫލުކުރުން ބަދަލު ކުރަންޖެހެއެވެ. ޤައުމެއް ޤައުމެއްގެ ގޮތުގައި އޮތުމަށް ކޮންމެހެން މުޙިންމު ރުކުންތަކެއް ވާކަން ޤަބޫލު ކުރަންޖެހެއެވެ. އިންސާނުންނާއި ހައިވާނުން ތަފާތު ކުރެއްވި ބުއްދިން ވިސްނައި ފިކުރު ކުރަން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އަންގަވާފައެވެ. ތިމާމެންގެ ސިކުނޑިން ނުވިސްނާ އެހެން ބަޔަކު ބުނާހާ އެއްޗަކަށް އާނ! ހޫނ! ކިޔަންވެއްޖެނަމަ އެވަނީ ޤައުމިއްޔަތުގެ މުޙިންމު ރުކުނެއް ވައްޓާލެވިފައެވެ. އެ ރުކުނަކީ އަމިއްލަވަންތަ ކަމެވެ.

އަމިއްލަ ވަންތަކަމެއްނެތި ބަޔަކު ޖަހާހާ ބެރަކަށް ގުނބޯހެދި ނަށާނަމަ އެއަށްވުރެން ވަކިންބޮޑު އަޅުވެތިކަމެއް އޮންނާނެތޯއެވެ؟ އެފަދަ ބަޔަކަށް ޤައުމިއްޔަތޭ ކިޔެން އޮންނާނެތޯއެވެ؟ ކާބަފައިން ވާރުތަ ކޮށްދިން ޤައުމިއްޔަތާއި މިނިވަންކަމުން ފަހުގެ ޖީލުތަކަށް ފޯރުކޮށްދޭނެ އެއްޗެއް އޮންނާނެތޯއެވެ؟

ޤައުމިއްޔަތަށް ލޯބިކުރާ އެއްވެސް ފަރުދަކު ޤައުމުގެ އިޖުތިމާޢީ ފޭރާން ހަލާކުވާން ދޫކޮށެއްނުލާނެއެވެ. ޤައުމުގެ އަބުރާއި ކަރާމާތަށް ބެލުމެއްނެތި، ސިޔާސީ މަންފާއަށްޓަކައި ޤައުމުގެ ޝަޚުޞިއްޔަތު އެހެން ޤައުމުތަކުގެ މެދުގައި ނީލަމެއްވެސް ނުކިޔާނެއެވެ. ޤައުމުގެ ކަންކަމުގައި އަމިއްލަ ބަސް ނުބުނެވޭ ހިސާބަށް ކަންތައްތައް ދޫކޮށެއްވެސް ނުލާނެއެވެ. އާދޭހެވެ! ޤައުމިއްޔަތު ދެމިއޮންނާނީ، ފުދުންތެރިކަމާއި، އިޖްތިމާޢީ ގޮތުން ޢަދުލުވެރި މާޙައުލެއް ޤާއިމް ކުރެވިގެންނެވެ. ތަޢުލީމާއި ސިއްޙަތާއި އަސާސީ ޚިދުމަތްތައް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދެވިގެންނެވެ. ރައްޔިތުންދެކެ ލޯބިވާ ބަޔަކު ރައްޔިތުންގެ ކަންކަމާއި ޙަވާލުވެ، ރައްޔިތުންނަށް ހެޔޮނުބައި ވަކިކޮށްދެވިގެންނެވެ. ވީދިފައިވާ އިޖުތިމާޢީ ފޭރާން ފަހައި އޭގައިވާ ބާގަނޑުތައް ބައްދައިގެންނެވެ. ޤައުމިއްޔަތުގެ މުޙިންމު އެއް އަސާސް ކަމުގައިވާ އިސްލާމު ދީނަށް ލޯބިކުރާ ޖީލެއް ބިނާކުރެވިގެންނެވެ. ﷲމާތް މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ ލަހައްޓަވާށި! އާމީން