ހދ.ހަނިމާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ހަނިމާދޫގައި ކުރިއަށް ގެންދިޔަ ކައްކަން ދަސްކޮށްދޭ ކޯސް ނިންމައި، ކޯސް ފުރިހަމަ ކުރި ފަރާތްތަކަށް ސެޓްފިކްޓް ހަވާލު ކޮށްފިއެވެ.

ހަނިމާދޫގެ ކައުންސިލާއި ހަނިމާދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އައްޑޫ ވިމެންސް އެސޯސިއޭޝަން އާއި ޖުވޭސް ކުކަރީ ގުޅިގެން ހަނިމާދޫގައި ހިންގި މި ކޯސް ޖުމްލަ 103 ފަރާތެއް ވަނީ ފުރިހަމަކޮށްފައެވެ. މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ 26 ސެޕްޓެމްބަރ 2021 އިން 05 އޮކްޓޯބަރ 2021 އަށް ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައެވެ.

Ad
rt

މި ކޯހުގެ ނިންމުމުގެ ހަފްލާ 05 އޮކްޓޯބަރ 2021 ވީ އަންގާރަ ދުވަހުގެ ރޭ ހަނިމާދޫ އިޖްތިމާޢީ މަރުކަޒުގައި ބާއްވާފައިވާއިރު، އެ ހަފްލާގައި ކޯހުގެ ބައިވެރިންނަށާއި އަދި މި ކޯސް ކުރިއަށް ގެންދިޔުމުގައި އިސްކޮށް ހަރަކާތް ތެރިވިފަރާތްތަކަށާއި، އެހީތެރިވެދެއްވި ފަރާތްތަކަށް ސެޓްފިކެޓާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

މި ހަފްލާގައި ހަނިމާދޫ ކައުންސިލްގެ ރައީސްގެ އިތުރުން ކައުންސިލް މެމްބަރުންނާއި، އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންގެ އިތުރުން ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްފަރާތްތައް ވެސް ވަނީ ބައިވެރިވެފައެވެ.

މި ކޯހުގައި ކިޔަވައި ދެއްވާފައިވަނީ ކެއްކުމުގެ ދާއިރާގައި ރާއްޖޭގައި ނަން މަޝްހޫރު ފަރާތެއް ކަމަށްވާ ޖުވޭރިއާ ވަޖުދީ (ޖުވޭ) އެވެ. ޖުމްލަ 150 ބާވަތެއް ތައްޔާރުކުރަން ދަސްކޮށްދިން މި ކޯހުގައި ދަސްކޮށްދިން ބާވަތްތަކުގެ ތެރޭގައި ތަފާތު ބުއިންތަކާއި ތަފާތު ވައްތަރުގެ ފޮނިކާތަކެތީގެ އިތުރުން ތަފާތު ޑިޝްތައް ވެސް ހިމެނެއެވެ.