ޤަވައިދާއި ޚިލާފަށް އިންޑިއާއަށް އެތެރެވަމުން އަންނަ މީހުން ދެމެހެއްޓެނިވި ގޮތެއްގައި މޮނިޓަރކުރެވޭނެ އުސޫލެއް ޤާއިމްކުރުމަށް ހައިކޯޓުން އިންޑިއާގެ ސަރުކާރަށް އަންގައިފިއެވެ.

ހައިކޯޓުން މިގޮތަށް އަންގާފައި މި ވަނީ އިންޑިއާގެ ބިހާރު ސްޓޭޓްއަށް ޤަވައިދާ ހިލާފަށް ގިނަ އަދަދެއްގެ ބަންގްލަދޭޝްމީހުން ހިޖުރަކުރަމުން އަންނަކަން ފާހަގަކޮށެވެ. އަދި ހިޖުރަކުރާ މީހުންނާއި ބެހޭ މަޢުލޫމާތު ވީ އެންމެ އަވަހަކަށް އެންމެ ކައިރި ޕޮލިސް ސްޓޭޝަންތަކަށް އެންގުމަށް ބިހާރު ސްޓޭޓްގެ ޑިސްޓްރިކްޓްތަކަށް ހައިކޯޓުން ވަނީ ގޮވާލާފައެވެ.

Ad
rt

މިކަމާއި ގުޅިގެން ބިހާރުން ވަނީ މިކަމާއި ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ. އޮގަސްޓްމަހުގެ 18 ވަނަ ދުވަހު ހައިކޯޓުން ނެރުނު އެންގުމާއި ގުޅިގެން ޤަވައިދާއި ޚިލާފަށް އުޅޭ ބިދޭސީންނާއި ބެހޭ ގޮތުން ރިޕޯޓްކުރުމަށް ގޮވާލައި ޕަޓްނާ ހައިކޯޓުން ވަނީ މިފަދަ މީހުން ބައިތިއްބާނެ ތަނެއް ބިނާކޮށް މިކަމަށް އެދެވޭ ހައްލެއް ގެނައުމަށް ޕްލޭންއެއް އެކުލަވާލުމަށް އަމުރުކޮށްފައެވެ. އަދި މީޑިއާ އާއި އެން.ޖީ.އޯތައް ބޭނުންކޮށްގެން އާންމުން ހޭލުންތެރިކުރުމަށް މަސައްކަތްކުރުމަށް ހައިކޯޓުން ވަނީ އަންގާފައެވެ.

މި އެންގުމުގައި ފާއިތުވި 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބަންގްލަދޭޝްގެ އަންހެނުންތަކެއް ރަހީނުކޮށްގެން އިންޑިއާއަށް ވައްދާފައިވާ މައްސަލައެއްވެސް ބަލަމުން އަންނަކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. ރަހީނުކޮށްފައިވާ އަންހެނުންތަކުގެ މައްސަލަ ބަލައި އެމީހުން އަނބުރައި ބަންގްލަދޭޝްއަށް ޑީޕޯޓްކޮށްފައިވާކަމަށްވެސް ކޯޓުން ހާމަކޮށްފައިވެއެވެ.

މިގޮތަށް ޤަވައިދާއި ޚިލާފަށް މީހުން ހިޖުރަކުރާނަމަ، 17 މިލިއަނަށްވުރެ ގިނަ މުސްލިމުން ދިރިއުޅެމުން އަންނަ ބިހާރުގައި އިތުރު މައްސަލަތަކެއް ޖެހިދާނެކަން ފާހަގަކޮށް ހައިކޯޓުން ބުނެފައިވަނީ، އައްސާމް ސްޓޭޓްގައި ދިމާވިފަދަ ކަމެއް ބިހާރަށް ކުރިމަރިވެދާނެކަމުގެ ބިރު އެބައޮތްކަމަށެވެ.

2019 ވަނަ އަހަރު އިންޑިއާއިން ހިންދޫ ދީން ނޫން އެހެން ދީންތަކުގެ މީހުންނަށް އެން.އާރް.ސީ ނުވަތަ ނެޝަނަލް ރެޖިސްޓްރަރ އޮފް ސިޓިޒެންސް ނުދިނުމަށް ނިންމުމާއި ގުޅިގެން އައްސާމްއަށް ހިޖުރަކޮށްފައިވާ 1.9 މިލިއަން މީހުން ވަނީ ރަށްވެހިން ނުދީ ލިސްޓުން އުނިކޮށްފައެވެ.

އައްސާމްއާއި ބަންގްލަދޭޝް ގުޅޭ ބޯޑަރު ސަރަހައްދުގައި ހިންދޫ އަދި ބެންގާލީ ބަހުން ވާހަކަ ދައްކާ މުސްލިމުން ގިނަ އަދަދަކަށް ދިރިއުޅެމުން ދެއެވެ. ލިސްޓުން އުނިކުރި މީހުން ޤަވައިދާ ޚިލާފަށް އެތެރެވާ މީހުންގެ ގޮތުގައި ކަނޑައަޅައި ޑިޓެންޝަން ސެންޓަރުތަކެއްގައި ވަނީ ބައިތިއްބާފައިވެއެވެ. މިގޮތަށް އެތެރެވާ މީހުން ބޭތިއްބުމަށް އައްސާމް ސްޓޭޓްގައި 10 ޑިޓެންޝަން ސެންޓަރު ވަނީ ޤާއިމްކޮށްފައެވެ.

2014 ވަނަ އަހަރު އިންޑިއާގެ ޕްރައިމް މިނިސްޓަރު ކަމަށް ވާދަކޮށް ނަރެންދުރަ މޯދީ އަށް ލިބިފައިވާ ވޯޓަށް ވުރެ ބޮޑު އަޤްލަބިއްޔަތަކުން 2019 ވަނަ އަހަރު ދެވަނަ ދައުރަކަށް މޯދީ ހޮވިފައިވަނީ އެން.އާރް.ސީ ދިނުމުގެ ކަންކަން ބަދަލުކުރާނެކަމަށް ބާރަތިޔާ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ މެނިފެސްޓޯގައި ހިމެނުމާއި ގުޅިގެންނެވެ.
އަދި މިއާއި އެކު 2019 ވަނަ އަހަރު އެހެން ޤައުމުތަކުގެ މުސްލިމުންނަށް އިންޑިއާއިން ރަށްވެހިކަން ނުދިނުމިގެ ބިލްވަނީ ފާސްކޮށްފައެވެ. އަދި މިއީ ދީންތައް ތަފާތު ކުރުމަށްކޮށްފައިވާ އަމަލެއްކަމަށް ބުނެ އިންޑިއާގެ ގިނަ މުސްލިމުންތަކެއް ވަނީ މުޒާހިރާކޮށް އަޑުއުފުލާފައެވެ. އަދި ކޮވިޑް 19 އާއި ގުޅިގެން މިމައްސަލަ އިތުރަށް ކުރިއަށް ނުގޮސް މައްސަލަ އޮތީ ކޯޓުގައި ހުއްޓިފައެވެ.

އިންޑިއާއިން މުސްލިމުންނާއި މެދު ކުރަމުން އަންނަ ނަސްލީ ތަފާތު ތަކުގެ އަސަރު ކަޝްމީރާއި ސީމާޗަލްގެ އިތުރުން އައްސާމް ސްޓޭޓްގެ ބޯޑަރު ސަރަހައްދުގައި ދިރއުޅޭ ބެންގާލީ މުސްލިމުންނަށް ކޮށްފާނެކަމަށް ބައިނައްލަޤްވާމީ ނޫސްތަކުގައި ބުނެފައިވެއެވެ.