ސިވިލް ސާވިސް މުވައްޒަފުންގެ މެދުގައި އޮންނަ މުސާރައިގެ ފަރަގު ނައްތާލެވޭ އައު އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް ނިމުމާ ގާތްވެފައިވާ ކަމަށާއި އެ އުސޫލަށް އަންނަ އަހަރު އަމަލުކުރަން ފެށޭނެ ކަމަށް ޕޭ ކޮމިޝަނުން ބުނެފިއެވެ.

މުސާރައިގެ މައްސަލާގައި މުވައްޒަފުންގެ ކަންބޮޑުވުން އިންތިހާ އަށް ބޮޑުވެފައިވާއިރު، ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އޮނިގަނޑުގެ މައްސައްކަތް މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށެވެ. މިއަހަރުގެ ތެރޭގައި ނިންމައިލެވޭނެ ކަމަށާއި އަންނަ އަހަރު އެއަށް އަމަލުކުރަން ފެށޭނެ ކަމަށެވެ.

Ad
rt

ބަޔާނުގައި ބުނީ މި އޮނިގަނޑުގެ ތެރެއިން ދައުލަތުގެ އިދާރާތަކުގެ މެދުގައި ހުރި މުސާރައިގެ ފަރަގުތައް ނައްތާލައި، އެއްހަމަ މިންގަނޑަކުން މުސާރައާއި އިނާޔަތްތައް ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި މި އުސޫލުގައި ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ހުރިހާ ފަންނުތަކުގެ ގިންތިތަކާއި، ފަންތިތައް ކަނޑައަޅައި، ކޮންމެ ފަންނަކަށް ވެސް އެކަށޭނެ މުސާރައާއި އިނާޔަތް ކަނޑައެޅޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އަދި މި އުސޫލުގެ ދަށުން ކަނޑައަޅާ ކޮންމެ މުސާރައަކީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ އިލްމީ ގާބިލު ކަމާއި ފަންނުވެރިކަމާއި މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުގެ ބުރަކަމަށް ރިއާޔަތްކޮށް ކަނޑައަޅާ މުސާރައަކަށް ވާނެ ކަމަށް ބުނެފައިވެއެވެ. އަދިމަސައްކަތުގެ މާހައުލުގައި ދިމާވާ ހިރާސްތަކާއި، މަސައްކަތުގެ މާހައުލުގައި ކުރިމަތިލާން ޖެހޭނެ ޖިސްމާނީ ބުރަތަކަށް ވެސް ރިއާޔަތް ކުރާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ވެސް ޕޭ ކޮމިޝަނުގެ ބަޔާނުގައި ވަނީ މި އަހަރު ތެރޭގައި މިނިމަން ވޭޖު ކަނޑައަޅާ އިއުލާންކުރާނެ ކަމަށް ބުނެފައެވެ. އަދި އޭގެ ސަބަބުން ސިވިލް ސަރވިސްގައި ހިމެނޭ އެންމެ ދަށް ފަންތީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކަށް ވެސް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.