އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އާއި ގުޅޭ އެއްވެސް ކަމެއްގައި އެވިޑް ކޮލެޖްގެ އެއްވެސް ދައުރެއް މިހާރު ނޯންނާނެކަމަށް އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދު ވިދާޅުވެއްޖެއެވެ.
މުޝްތާޤް މިފަދައިން ވިދާޅުވީ އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބަދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެވިޑް ކޮލެޖާއި އޭޝިއަން އެކަޑެމީ އޮފް އޭރޯނޮޓިކްސްއާއި ދެމެދު މިއަހަރުގެ ޖޫން މަހުގެ 24 ވަނަދުވަހު ކޮށްފައިވާ ސޭލްސްޕަރޗޭސް އެގްރީމެންޓް މިއަދުންފެށިގެން އުވާލައިފިކަމަށްވެސް މުސްތާޤް ވިދާޅުވިއެވެ.
އަދި އެވިޑް ކޮލެޖުން ޕްލޭންތަކެއްކުރިކަމަށާއި އެ ކަންކަން ކަމާބެހޭ ހުރިހާ ފަރާތްތަކާއި ޙިއްޞާކުރެވުނުކަން ފާހަގަކުރައްވާ މުސްތާޤު ވިދާޅުވީ އެކަން ކާމިޔާބުކުރެއްވުމަށްޓަކައި ނުކުރެވޭ އެއްވެސް މަސައްކަތެއް ވޭތުވެދިޔަ ދެތިން މަސްދުވަސްތެރޭގައި ނެތްކަމަށެވެ.
"އެއްބަސްވުން އުވާލަންޖެހުނީ މަސްދުވަސްތެރޭގައި ބައެއް މުއައްސަސާތަކުން މިކަމަށް ދެއްވަން ޖެހޭ މިންވަރަށް އެއްބާރުލެއްވުން ނުދެއްވާތީ އެކަމުގެ ސަބަބުން އެވިޑް ކޮލެޖަށް އިތުރަށް ކުރިއަށް ނުދޭވެނެކަމަށް ޤަބޫލްކުރެވޭތީ" ޗެއަރމަން އަބްދުﷲ މުސްތާޤް ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާތަނަށް ހަތަރުމިލިއަން ރުފިޔާއަށްވުރެ ގިނައިން ފައިސާ ޚަރަދުވެފައިވާނެ ކަމަށާއި އެފައިސާ އަނބުރާ އިއާދަނުވާނެކަމަށް ވިދާޅުވެ މުސްތާޤް ވިދާޅުވީ އެއީ އެވިޑްކޮލެޖަށް ލިބުނު ވަރަށްބޮޑު ގެއްލުމެއްކަމަށެވެ.
ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޗެއަރމަން މުޝްތާޤް ވަނީ އޭއޭއޭ އާއި ދެމެދުވެވިފައިވާ އެއްބަސްވުން އުވާލެވުނުކަމުގައިވިޔަސް އެވިޑް ކޮލެޖުން ފްލައިންސްކޫލެއް ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭކަންކަމަށް ހުއްޓުން އައީ ކަމަށް ޤަބޫލު ނުކުރެއްވުމަށް އެދިލައްވާފައެވެ.
އޭއޭއޭ އިން އައްޑޫގައި ހިންގާ ފްލައިން ސްކޫލް އިން ޕައިލެޓުން ތަމްރީނު ކުރަމުން އައިސް އެ ކުންފުނި ވަނީ ބޮއްސުންލާފައެވެ. އެކަމާއިގުޅިގެން އެވިޑް ކޮލެޖްއިން ވަނީ މިއަހަރުގެ ޖޫން މަހު އެ ތަނުގެ ހިންގުމާއި ހަވާލުވެ، އެވިޑް ސްކޫލް އޮފް އޭވިއޭޝަން (އަސާ) ގެ ނަމުގައި ކުންފުޏެއް އުފައްދާއި ފްލައިން ސްކޫލުގެ ކަންކަން ބަލަހައްޓަން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!