ވެމްކޯ ދޮރުމައްޗަށް ކުނި އެޅުމަކީ ކޮށްގެން ނުވާނެ ނާތަހުޒީބު އަމަލެއްކަމަށް މާލޭގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަމަލު ކުށްވެރިކުރައްވާ ރާއްޖޭން ބޭރުގައި ހުންނަވައިގެން މުޢިއްޒުކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ސިޓީ ކައުންސިލުން ވެމްކޯ ދޮރުމައްޗަށް ކުނިއެޅި ޚަބަރު އޭނާއަށް ދެއްވީ ޑެޕިއުޓީ މޭޔަރު ނަރީޝް ކަމަށެވެ.
އެކަން އެނގިވަޑައިގަތުމާއެކު އެކަން ރަގަޅުކުރުމަށް ދަންނަވާފައިވާނެކަމަށާއި، އަދި އެއީ ކޮށްގެންވާނެކަމައް ނޫންކަމަށް ވިދާޅުވެފައި ވެއެވެ. އަދި އެކަން ތަކުރާރުވިޔަ ނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރަޖިސްޓްރީ ނުކޮށް ހުރި ގެތަކުން ކުނި ނެގުން ވެމްކޯއިން ހުއްޓާލުމާއި ގުޅިގެން މާލޭގެ މަގުތަކުގައި ހުރި ކުނިތައް ސިޓީ ކައުންސިލްއިން ވަނީ ނަގާފައެވެ. އަދި މާލޭ މަގުތަކުގައި ހުރި ކުނިތައް ނަގައި ސިޓީ ކައުންސިލްއިން ވަނީ ވެމްކޯގެ ކުންޏާއި ބެހޭ އޮފީސް ގޭޓް ކައިރިއަށް ކުނިތައް އަޅާލާފައެވެ.
ސިޓީ ކައުންސިލްއިން ލޮރީއެއް ފުރާ ހުރި ކުނި ވެމްކޯގެ ދޮރުމައްޗަށް އަޅާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއްވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. މިކަމާއި ގުޅިގެން ވެމްކޯއިން ބުނެފައިވަނީ، ކުނި އަޅަންޖެހޭނީ ބާޖަށްކަމަށާއި، ކުނީގެ މައްސަލައާއި ގުޅިގެން މިއަދު މެންދުރުފަހު ނޫސްކޮންފެރެންސްއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.
ކުނި ނަގާ އުސޫލަށް ބަދަލް ގެނެސް އެކަން އިޢުލާންކުރުމަށްފަހު ރެއިން ފެށިގެން ވެމްކޯއިން ކުނި ނަގާފައިވަނީ ރަޖިސްޓްރީކޮށްފައިވާ އެޕާރޓްމަންޓްތަކާއި ގެތަކުން އެކަނި ކަމަށް ވެމްކޯއިން ހާމަކޮށްފައިވެއެވެ. ނަމަވެސް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން މަގުތަކަށް ކުނި އަޅާފައިވާކަން ވެމްކޯއިން ވަނީ ފާހަގަކޮށްފައެވެ. އަދި ސިޓީ ކައުންސިލްއާއި އެކު އެއްބަސްވެފައިވާގޮތަށް މަގުމަތީގައި ހުންނަ ކުނި ނަގާނީ ސިޓީ ކައުންސިލްއިން ކަމަށް ވެމްކޯއިންވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!