ހއ. ދިއްދޫއާއި ށ. ކޮމަންޑޫ ހިމެނޭހެން ފަސް ރަށަކަށް 25 ޓަނުގެ އައިސްޕްލާންޓް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ބޭނުމަށް، ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ހިންގަމުންދާ ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްގެ ދަށުން އައިސްޕްލާންޓް އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ.ދިއްދޫ، ށ.ކޮމަންޑޫ، އއ.ރަސްދޫ، ދ.މީދޫގެ އިތުރުން ލ.މާމެންދޫއެވެ.
މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު 08 ސެޕްޓެމްބަރ 2021 ގައި ފިނޭންސް މިނިސްޓްރީން ހުޅުވާލާފައިވާއިރު، މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/27,000 ޔޫ. އެސް. ޑޮލަރު (ހަތާވީސްހާސް)ނުވަތަ އެއާއެއްވަރުގެ ޢަދަދެއް ދިވެހި ރުފިޔާއިން ހުށަހަޅަން ޖެހެއެވެ.
މީގެއިތުރުން މި މަސައްކަތުގެ ބީލަމުގައި ބައިވެރި ކުރުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ދިވެހިރާއްޖޭގެ އަދި ސައުދީ އަރަބިއްޔާގެ ކުންފުނިތަކެވެ. މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް ގެ 'ގައިޑްލައިން ފޯ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިންގ ފޯ ދަ އެގްސެކިއުޝަން އޮފް ވޯކްސް' އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން 3349296، 3349147 ނަމްބަރު ފޯނާ ގުޅުއްވައި ނުވަތަ aminath.naaheen@finance.gov.mv މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފްކުރެއްވުމަށް އެ މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.
ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހެއެވެ. އެ ފައިސާ ބަލައި ގަތުމަށް ހަމަޖެހިފައި ވަނީ 2021 ސެޕްޓެންބަރު 08 އިން 2021 އޮކްޓޫބަރު 19އަށް، އެ މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ.
މި މަސައްކަތުގެ ބީލަން ހުޅުވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 2021 އޮކްޓޫބަރު 21ވާ ބުރާސްފަތި ދުވަހުގެ 13:00ގައި އެ މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.
ހުށަހަޅާ ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައި ކަމަށާއި އަދި ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެ ކަމުގައި މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!