ށ. ކޮމަންޑޫގައި ދިރިއުޅޭ ވާހަކަދެއްކުމާއި އަޑުއިވުމަށް ނުކުޅެދިފައިވާ ކުދިންނާއި މީހުން، މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތުދީ ހޭލުންތެރިކުރުވުމަށް ޕްރޮގްރާމެއް އެ ރަށު ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގަރާމް ކުރިއަށް ގެންގޮސްފައިވަނީ ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެން ޓީޗަރު މެދުވެރިކޮށްށެވެ.

Ad
rt

އިއްޔެ ކުރިއަށް ދިޔަ މި ޕްރޮގްރާމުގައި އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކަކީ ކޮބައިކަމާއި އެފަދަ ކަންކަމުން ރައްކާތެރިވުމަށް މައުލޫމާތު ދެވިފާވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެގޮތުން، އިންޓަނެޓުން ބައްދަލުވާ ގޮތްނޭނގޭ މީހުންނާ ވާހަކަ ނުދެއްކުމަށާއި އެ މީހެއްގެ ޒާތީ މައުލޫމާތު އެފަދަ މީހުންނާ ހިއްސާނުކުރުމަށް ބުނެދީފާވާކަމަށާއި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް މިހާރު ހިންގަމުންދާ ކަންކަމާއި އެކަންކަމުން ރައްކާތެރިވުމަށްވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން، އޮންލައިން ވިޔަފާރިކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާވެސް ހިއްސާކޮށްފައިވެއެވެ.

އަދި މީހަކު އެދުނު ކަމުގައިވިޔަސް ކޭޝްކާޑުގެ މައުލޫމާތު ހިއްސާނުކުރުމަށް ނަސޭހަތްތެރިވުމުގެ އިތުރުން، ތިމާގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

މި ޕްރޮގްރާމުގައި އަޑުއިވުމާއި ވާހަކަދެއްކުމުން މަހުރޫމުވެފައިވާ ފަރާތްތަކުގެ އިތުރުން ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ބިދޭސީ ޓިޗަރުންނަށްވެސް މައުލޫމާތު ދީފައިވާކަމަށް ފުލުހުން ހާމަކުރެއްވިއެވެ. އެގޮތުން، މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމާއި އެފަދަ ކަމެއް ފާހަގަވެއްޖެނަމަ އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާނެގޮތުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.