އެމެރިކާގެ ރައީސްކަމުގެ މަޤާމުން، ޑޮނަލްޑް ޓްރަމްޕް ދުރުކުރައްވަފާނެކަމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. މިކަމުގެ ކޮޅުމަތި ފެންނަން ފަށާފައިވަނީ، މަޤާމުގެ ބޭނުން ނާޖާއިޒު ގޮތުގައި، ޓްރަމްޕް ހިއްޕެވި މައްސަލައެއް، އާއްމު ފަރުދަކު ފެންމަތިކޮށް، އެމައްސަލަ އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމުންނެވެ.
ޓްރަމްޕްގެ މި މައްސަލަ ފަޅާއަރުވާލާފައިވަނީ ކާކުކަމެއް ނޭނގެއެވެ. އަދި، މި މީހާ ޤާނޫނު ހަދާ މަޖިލީހަށް ހާޟިރުކުރުމަށްވެސް ނިންމިއެވެ. އެހެންނަމަވެސް، ފަހުން އެކަން އެގޮތަށް ނުކުރަންވަނީ ނިންމާފައެވެ. އަދި އެއީ ކާކުކަން، މަޖިލީހުގެ މެންބަރުންނަށްވެސް އަންގާފައިނުވެއެވެ.
ވިޝްލްބްލޯވަރ ހުށަހަޅާފައިވާ މައްސަލައިގައިވަނީ، އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އާއި ބައިޑެންގެ ދަރިކަލުންގެ މައްސަލައެއް ބެލުމަށް، ޓްރަމްޕް، ޔޫކްރެއިންގެ ރައީސް ވޮލޮޑްމިޔަރ ޒެލެންސްކީގެ ގާތުގައި ވިދާޅުވި މައްސަލައެކެވެ. ދެ ރައީސުންގެ މެދުގައި ކުރިއަށް ދިޔަ ފޯން ކޯލެއް ހެކީގެ ގޮތުގައި ހުށަހަޅާފައިވާއިރު، ޖޯ ބައިޑެން އާއި ހަންޓަރ ބައިޑެންގެ މައްސަލަ ބެލުމަށް ޓްރަމްޕް އެދުނީ، އެފަރާތްތަކުން ޤާނޫނާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައިވާކަން އެނގެން އޮއްވާ ނޫންކަން ހާމަވެފައިވެއެވެ.
އާއްމު މީހަކު ފަޅާއަރުވާލި ރިޕޯޓު މަޖިލީހަށް ހުށަހަޅާ އިއްވީ، އެރިކް ސްވޮލްވެލް އެވެ. ސްވޮލްވެލް ވަނީ މިއީ ބަލަން ޖެހޭ މައްސަލަތަކެއްކަން ހާމަކޮށްފައެވެ. މައި ދެ ޕާޓީގެ މެންބަރުންވެސް ބުނެފައިވަނީ މިއީ ވަރަށް ތަފްސީލީ ރިޕޯޓެއްކަމަށާއި، ރިޕޯޓުގައި ހުރި ކަންކަމާމެދު ކަންބޮޑުވާކަމަށެވެ.
މިކަންކަމާ ގުޅިގެން، އެމެރިކާގެ އެކްޓިންގ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް، ޖޯސެޕް މެގްޔާ މާދަމާ މަޖިލީހުގެ ކޮމިޓީއެއްގައި ބަޔާން ދޭނެއެވެ. ހަމައެހެންމެ، އިންޓެލިޖެންސް ކޮމިއުނިޓީގެ އިންސްޕެކްޓަރ ޖެނެރަލް، މައިކަލް އެޓްކިންސަންވެސް މި މައްސަލައިގައި މަޖިލީހުގެ ކޮމިޓީއަކަށް ހާޟިރު ކުރާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!