ށ. ފީވަކުން އިތުރު 19 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ.
ފީވަކު ކައުންސިލް ރައީސް ޢަލީ ރަޝީދު "ތިލަދުން"އަށް ވިދާޅުވީ، އެރަށުން އިތުރު 19 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އަލަށް ޕޮޒިޓިވްވި އެންމެންނަކީ ވެސް ކުރިން ޕޮޒިޓިވްވި މީހުންނާއި، ސީދާ ބައްދަލުވި މީހުންކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ވެސް މިދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ އިތުރުން ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރަމުން، އަލާމާތް ފެނިގެން އަމިއްލައަށް ވެސް ސާމްޕަލް ނަގަން ބޭނުންވެގެން އެބަ ރިކުއެސްޓް އާދޭ، މިހާރު ވެސް މިގޮތަށް އެދިފައި ތިބި 50 އަކަށް މީހުން އެބަތިބި" ޢަލީ ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެރަށުން ފުރަތަމަ ފެނުނު ކޯވިޑް ކޭސްތަކަކީ، ނެގުނު ރެންޑަމް ސާމްޕަލް ތަކަކުން ޕޮޒިޓިވްވި ބަޔެއްކަމަށެވެ. މިގޮތުން ޖުލައި 29 ވަނަ ދުވަހު އެރަށުން 3 މީހަކު ޕޮޒިޓިވްވިއެވެ.
"އަވަށްޓެރި ރަށަކަށް އެހީތެރިވާން ވެގެން އަޅުގަނޑުމެން ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން މިރަށުގެ ގޭތަކަށް ޒިޔާރަތެއް ކުރީ، އެ ހިނގި ހިނގުމުގައި އަޅުގަނޑުމެންނަށް ފާހަގަވީ ގޭގޭގައި މީހުން ހުންއައިސްފައި ތިބިކަމަށް، އެހެންވެ އަޅުގަނޑުމެން ރެންޑަމް ސާމްޕަލް ނެގީ" ޢަލީ ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ހާލަތުން އަރައި ގަތުމަށް ރަށުގެ ރައްޔިތުންނާއި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަށްވަމުން އަންނަކަމަށެވެ.
ފީވަކުގައި މިވަގުތު ތިބި ކޯވިޑްް ބަލި މީހުންގެ އަދަދަކީ 25 އެވެ. އަދި އެރަށުގައި ކޯވިޑް ބަލި ފެތުރޭތީ އެރަށް އޮތީ ބަންދު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!