ހއ. ތަކަންދޫ ސިއްހީ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

ތަކަންދޫން ޕޮޒިޓިވްވީ ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހެކެވެ. އޭނާ ބަލީގެ އަލާމާތް ފެނިގެން ފްލޫ ކްލިނިކަށް ދެއްކީ އިއްޔެއެވެ. ޕޮޒިޓިވްވިކަން އިނގުނީ މިއަދު އެވެ.

Ad
rt

އެރަށުން "ތިލަދުން"އަށް ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، މިއިން ދުވަހަކު ދަތުރެއް ވެސް ނުކޮށް ރަށުގައި ހުރި މީހަކު ޕޮޒިޓިވްވުމުން ރަށަށް ވަނީ ހާސްކަން ކުރިމަތިވެފައިކަމަށެވެ. އަދި މި ދުވަސްވަރަކީ ޢީދަށް ގިނަ ބަޔަކު ރަށަށް ޖަމާވެފައިވާ ދުވަސްވަރެއްކަން ވެސް އޭނާ ފާހަގަ ކުރިއެވެ.

ތަކަންދޫ މީގެ ކުރީން ވެސް މޮނިޓަރިންގެ ތަޖުރިބާ ކޮށްފައެވެ. އެއީ ރާއްޖެގެ އަތޮޅުތަކުން ކޯވިޑް ފެނުނުތާ ކުރީ ކޮޅެވެ.

ތަކަންދޫ ބަންދުކުރިއިރު ކޯވިޑްގެ ސަަބަބުން ހއ. ގެ ވެރިރަށް ދިއްދޫ ވެސް އޮތީ ބަންދުކޮށްފައެވެ. އަދި ހދ. ގެ ވެރިރަށް ކުޅުދުއްފުށީ ސިޓީވެސް އޮތީ ބަންދު ކޮށްފައެވެ.