ފީފާގެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ލިއޮނަލް މެސީ ކާމިޔާބުކޮށްފި އެވެ.

އިޓަލީގެ ވެރިރަށް މިލާނުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މެސީ ވާދަކޮށްފައިވަނީ ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިވަޕޫލަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ޑިފެންޑަރު ވާޖިލް ވެންޑައިކްއާއެވެ.

Ad
rt

މިދިޔަ ސީޒަނުގައި ކުޅުނު 50 މެޗުގައި 51 ގޯލު ކާމިޔާބުކޮށް 22 އެސިސްޓު މެސީ ހަދައިދީފައިވެއެވެ.

ފީފާ ދަ ބެސްޓް މެންސް ޕްލޭޔާ ހޮވާފައިވަނީ 16 ޖުލައި 2018 އިން 19 ޖުލައި 2019 އަށް ކުޅުންތެރިން ދައްކާފައިވާ ޕާފޯމެންސަށް ބަލައި ނޫސްވެރިންނާއި ފީފާގައި ރަޖިސްޓްރީ ކޮށްފައިވާ މެންބަރު ގައުމުތަކުގެ ކެޕްޓަނުންނާއި ކޯޗުންގެ އިތުރުން އާންމުންގެ ވޯޓު އެއްކޮށްލައިގެންނެވެ

އެންމެ މޮޅު ފިރިހެން ކުޅުންތެރިއާގެ މަގާމު މެސީ ގެންދިޔައިރު އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ހޮވުނީ އެމެރިކާގެ މަޝްހޫރު ތަރި މެގަން ރެޕީނޯއެވެ. އެންމެ މޮޅު ފިރިހެން ކޯޗުގެ މަގާމު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ގެންދިޔައިރު އެންމެ މޮޅު އަންހެން ކޯޗުގެ މަގާމު ގެންދިޔައީ އެމެރިކާގެ ގައުމީ ޓީމަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ޖިލް އެލިސް އަށެވެ.

މިއީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާ އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ނުވަތަ ދަ ބެސްޓް މެންސް ޕްލޭޔާގެ އެވޯޑެކެވެ.