ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ސްޕެއިން ބަލިކޮށް ފައިނަލުގެ ފުރަތަމަ ޖާގަ އިޓަލީން ހޯދައިފިއެވެ.
އަންގާރަ ދުވަހުގެ ރޭ އިނގިރޭސި ވިލާތު ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް 1-1 ގެ ނަތީޖާއިން އެއްވަރު ވުމާއި ގުޅިގެން އިތުރު ވަގުތުގެ ދެހާފުކުޅެ ނަތީޖާ ނުނިކުތުމުން މެޗުގެ ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި 4-2 ގެ ނެތީޖާއިން ކުރި ހޯދައި އިޓަލީ ވަނީ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.
މުޅި މެޗު ކޮންޓްރޯލް ކޮށްގެން ސްޕެއިނުން ކުޅުނު ނަމަވެސް ދެ ޓީމުން ވެސް ވަނީ ލަނޑުޖަހާނެ ފުރުޞަތު ތަނަވަސް ކޮށް އިދިކޮޅުގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގައި ވިހިވަނަ މިނެޓުގައި އިޓަލީގެ ބަރެއްލާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިގެންދިޔައިރު، އޭގެ ހަތަރު މިނެޓް ފަހުން ސްޕެއިންގެ އޯލްމޯއަށް ވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ އިޓަލީގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުޞަތެއް ސްޕެއިންގެ ފޯވާޑް އޮޔާޒަބަލްއަށް ވަނީ ލިބި ބޭނުން ނުހިފިފައެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އިޓަލީގެ ޑިފެންޑަރ އެމަސަން ފޮނުވާލި ހަމަލާ ވަނީ ސްޕެއިންގެ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. ދެ ޓީމަށް ފުރުޞަތުތަކެއް ލިބުނުނު ނަމަވެސް ފުރަތަމަ ހާފު ނިމިގެން ގޮސްފައި ވަނީ ލަނޑެއް ނުފެނިއެވެ.
މެޗުގެ ދެވަނަ ހާފުގައި ވެސް ސްޕެއިނުން ވަނީ އެ ޓީމްގެ ޕާސިން ގޭމް ކުޅެ ގޭމް ޑޮމިނޭޓް ކޮށްފައެވެ. ނަމަވެސް އިޓަލީން ވަނީ އެ ޓީމުން އުފެއްދި ކައުނޓަ އެޓޭކެއްގައި މެޗުގެ 60 ވަނަ މިނެޓުގައި ލަނޑު ޖަހައި ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ފެޑެރިކޯ ކިއޭސާއެވެ.
މި ލަނޑާއިއެކު ސްޕެއިނުން ފޯވާޑް ކުޅުންތެރިން އިތުރުކުރިތަން ފެނިގެން ދިޔައެވެ. މިގޮތުން އެ ޓީމްގެ ދެ ފޯވާޑުން ކަމަށްވާ މޮރާޓާއާއި މޮރޭނޯ ކުޅެންނެރެ ޓީމް އިތުރަށް އެޓޭކަށް ޖެއްސިއެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ މެޗުގެ 80 ވަނަ މިނެޓުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އޯލްމޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މޮރާޓާއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފް ކުޅުނު ނަމަވެސް އެ ދެ ހާފުގައި ވެސް ލަނޑެއް ފެނިގެން ގޮސްފައި ނުވެއެވެ. ވުމާއިއެކު މެޗުގެ ނަތީޖާ ނެރެފައި ވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
އިޓަލީންޖެހި ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފައެވެ. އިޓަލީން ހަމައެކަނި ޕެނަލްޓީ ކާމިޔާބު ނުކުރެވުނީ އެ ޓީމްގެ މިޑްފީލްޑަރ ލޮކަޓެއްލީއަށެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ސްޕެއިންގެ ކީޕަރު ވަނީ މަތަކޮށްފައެވެ. ސްޕެއިނުން ޖުމްލަ ހަތަރު ޕެނަލްޓީ ޖެހިއިރު ކާމިޔާބު ކުރެވުފައި ވަނީ ދެ ޕެނަލްޓީއެވެ. އަދި ދެ ޕެނަލްޓީ އެ ޓީމުން ވަނީ މިސް ކޮށްލާފައެވެ. އެ ޓީމްގެ އޯލްމޯ ފޮނުވާލި ޕެނަލްޓީ ހުރަސް ދަނޑިމަތިން ދިޔައިރު، މޮރާޓާ ފޮނުވާލި ޕެނަލްޓީ ވަނީ އިޓަލީގެ ކީޕަރު މަތަކޮށްފައެވެ.
ރަނގަޅަ ފޯމެއްގައި މިވަގުތު އޮތް އިޓަލީން އެ ޓީމް އެންމެ ފަހުން ކުޅުނު 33 މެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ.
މި މުބާރާތުގެ ފައިނަލުގައި އިޓަލީ ބައްދަލުކުރަން ޖެހޭނީ، މިރޭ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އިންގްލެންޑާއި ޑެންމާކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މި މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެ ގަޑިން މިރޭ 00:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!