ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ސްވިޒަލޭންޑާއި ސްޕެއިން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ސްޕެއިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗު ސްޕެއިނުން ކާމިޔާބު ކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެ، އަދި ކުޅުނު އިތުރު ވަގުތުގެ ދެހާފުގައި ވެސް ނަތީޖާ ނުނިކުތުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި 3-1 ގެ ނަތީޖާއިން ސްވިޒަލޭންޑްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

Ad
rt

ސެއިންޓް ފީޓަސްބާގުގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި މެޗު ފަށައިގެން ސްޕެއިންގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ އަށްވަނަ މިނެޓުގައި ލަނޑުޖަހައި ލީޑު ނަގާފައެވެ. މި ލަނޑަކީ ސްޕެއިންގެ އަލަބާ ސްވިޒަލޭންޑްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ސްވިޒަލޭންޑްގެ މިޑްފީލްޑަރ ޑެނިސް ޒަކަރިއާ ފައިގާޖެހި ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

މެޗުގެ ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ސްޕެއިންގެ އޯލްމޯއަށް އަށް ލަނޑުޖަހައި ލީޑު ފުޅާ ކުރުމަށް ރަނގަޅު ފުރުޞަތެއް ލިބިފައިވާއިރު އެ ހަމަލާ ސްވިޒަލޭންޑްގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ. ފުރަތަމަ ހާފާއި އަޅާބަލާއިރު ސްވިޒަލޭންޑްގެ ފަރާތުން ދެވަނަ ހާފުގައި ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި ސްވިޒަލޭންޑްގެ ޒަކަރިއްޔާ ބޮލުން ފޮނުވާލި ހަމަލާ ގޯލު ދަނޑި ކައިރިން ބޭރަށް ގޮސްފައިވާއިރު، މެޗުގެ 63 ވަނަ މިނެޓުގައި ވެސް އެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިގެން ގޮސްފައެވެ. މެޗުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައި ވަނީ 68 ވަނަ މިނެޓުގައި ޝަކީރީއެވެ.

މި މެޗުގައި ސްވިޒަލޭންޑަށް އިތުރު މައްސަލަތަކާއި ކުރިމަތިވެފައި ވަނީ 77 ވަނަ މިނެޓުގައި އެ ޓީމްގެ ރެމޯ ފެރޫލާއަށް ރަތްކާޑު ދެއްކުމާއި ގުޅިގެނެނެވެ. ސްވިޒަލޭންޑުން އެއް ކުޅުންތެރިއަކު މަދުވި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު ސްޕެއިނަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ.

ފުރިހަމަ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ސްޕެއިނުން ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް ސްވިޒަލޭންޑްގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި ސްވިޒަލޭންޑްގެ ކީޕަރ ޔަން ސޮމާރ ވަނީ އެ ހަމަލާތަށް ދިފާއު ކޮށްފައެވެ.

ސްޕެއިން މެޗު ކާމިޔާބު ކޮށްފައި ވަނީ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކުރި ހޯދައި ގެންނެވެ. މެޗުގައި ސްވިޒަލޭންޑަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ޕެނަލްޓީއެކެވެ. ސްޕެއިނުން ވެސް ދެ ޕެނަލްޓީ މިސްކޮށްލި ނަމަވެސް އެ ޓީމުން ވަނީ ތިން ޕެނަލްޓީ ކާމިޔާބު ކޮށް މެޗުން މޮޅުވެފައެވެ.