ރޭގަ މާލޭގަ ހިނގާދިޔަ ބިޔަ ބޮޑު އަލިފާނުގެ ނުރައްކާތެރި ބިރުވެރި ހާދިސާއަކީ ފުންކޮށް ވިސްނާ ފިލާވަޅު ލިބިގަންނަންޖެހޭ ހާދިސާއެކެވެ. އަވަސްގޮތަކަށް އެއަރޕޯޓުގެ ފޯމް ލޮރީ ނުގެނެވުނަމަ، މުޅި މާލެ ރޯވުމުގެ ފުރުސަތު އޮތް ބިރުވެރި ނާމާން ތަޖުރިބާއެކެވެ. ކަމާބެހޭ ފަރާތްތަކުން އެކަންކަމަށް ފިޔަވަޅު އަޅާނެއެވެ.

ހަމައެފަދައިން ސިވިލް ސޮސައިޓީގެ ހަރަކާތެރިންނާއި އިޖުތިމާއީ ޒިންމާ އޮތް - ކައުންސިލްތައް ފަދަ ފަރާތްތަކުން މިކަމަށް ފުންކޮށް ވިސްނާ ރޭވުންތަކެއް ރާވަންޖެހޭ ކަމަށް އަޅުގަޑު ގަބޫލު ކުރަމެވެ.

Ad
rt

އަޑުއިވުމާއި ފެނުމާއި ހިނގާބިގާވެ އުޅުމާއި ބުއްދީގެ ނުކުޅެދުންތެރިކަން ހުންނަ މީހުން ތިބިތަންތަނާއި އެމީހުން ކޮބައިކަން އެނގޭނެގޮތެއް އަދި ދަންނަ ބަޔަކު ތިބުމަކީ މިފަދަ ހާދިސާއަކަށް ތައްޔާރުވެ ތިބުމަށް އެންމެ މުހިންމު އެއްކަމެވެ.

މިކަން ހާސިލުކުރެވޭނީ ޝާމިލުވެ، އަޅާލާ، އެކުވެރި މުޖުތަމައެއްގެ ތެރެއިންނެވެ. އިމާރާތްތަކާއި ހިސާބުގަނޑުގެ މީހުންގެ މެދުގައި ދަތުމާއި ދެކެފަރިތަކަމާއި ގާތްކަން އޮވެގެންނެވެ. އިހުޒަމާނުގައި އެކަން ކުރަނީ މާލޫދު ކިޔުމާއި އެފަދަ ކަންކަމުގެ ތެރެއިންނެވެ.

މިއަދުވެސް، ޒަމާނަށް ފެތޭގޮތަށް، އެންމެންގެ ބައިވެރިވުން އޮންނަ ކަންކަން ހިސާބުގަނޑުގައި ރާވާ ހިންގާން ވެއްޖެއެވެ. އެފަދަ މުނާސަބަތުތައް އުފައްދަން ވެއްޖެއެވެ. ނޫނީ ފާހަގަ ކުރާ މުނާސަބަތުތައް އެގޮތަށް ބައްޓަން ކުރަންވެއްޖެއެވެ.

ވިލުންވެރި މުޖުތަމައެއް ބިނާކުރުމުގައި، އެންމެން ހިމެނޭގޮތުން، ދޭދޭ ފަރުދުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުމާއި ގާތްކަމަކީ އަގުބޮޑު ނިއުމަތެކެވެ. ކާރިސާއަކާއި ކުރިމަތިލުމަށް ތައްޔާރުވެފައިވާ މުޖުތަމައަކަށް ވުމުގައި އެފަދަ ގުޅުންތަކުގެ މުހިންމުކަން އިންތިހާއަށް ބޮޑެވެ. އެއީ އަޅުގަޑުމެން މަދަނީ ޖަމާއަތްތަކުގެ ޒިންމާއެކެވެ.