ހދ. ކުޅުދުއްފުށީގެ މަގުތައް ދެން ހެދެންވާނީ ފަޔަރ ހައިޑްރަންޓް ނެޓްވަރކެއް ނުވަތަ އަލިފާން ނިއްވުމަށް ބޭނުންވާ ފެން ލިބޭނެ ނިޒާމަކާއެކުގައިކަމަށް، ހދ. އަތޮޅު ކައުންސިލްގެ މެންބަރު، އަޙުމަދު އާތިފް ވިދާޅުވެއްޖެއެވެ.

މާލޭގައި ހުރި ކެމިކަލެއް ގުދަނެއްގައި އަލިފާން ރޯވެ، އެކަމާ ގުޅިގެން ގިނަ އިމާރާތްތަކެއްގައި އަލިފާން ރޯވި، ހިތާމަވެރި ހާދިސާއާ ގުޅިގެން އާތިފް، މީސް މީޑިޔާގައި މިހެން ވިދާޅުވިއިރު، އެރަށުގެ މަގުތަކުގައި ފަޔަރ ހައިޑްރަންޓް ނެޓްވަރކް އެޅުމަށް ކުރީ ސަރުކާރުން ދިނީ ބީރު ކަންފަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

"ކުޅުދުއްފުށީ މަގު ހަދަން ފަށަން އުޅެނިކޮށް އަދި ހަދަމުން ދަނިކޮށްވެސް ކުރީގެ ސަރުކާރުގަވެސް އެދުނިން ފަޔަރ ހައިޑްރަންޓް ނެޓްވަރކެއް އަޅައިދިނުމަށް، ދިނީ ބީރު ކަންފަތެއް" ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ޓެގުކުރައްވާ އާތިފް ވިދާޅުވިއެވެ.

ކުޅުދުއްފުއްޓަކީ ބައިބޯ ވަމުން އަންނަ ރަށެއްކަމަށްވާއިރު، އެރަށުގެ ގިނަ މަގުތަކެއްވެސް ވަނީ ތާރު އަޅައިގެން ހަދާފައެވެ. އެހެންނަމަވެސް، ރަށުގެ ގިނަ ސަރަޙައްދުތަކުގައި އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ދިމާވެއްޖެނަމަ، ފެން ލިބޭނެ ފަސޭހަ އިންތިޒާމެއް ނެތެވެ.

ހަމައެހެންމެ، ކުޅުދުއްފުށީގައިވެސް މީހުން ދިރިއުޅޭ ގެތަކާ ކައިރީގައި، ނުރައްކާތެރި މަސައްކަތް ކުރާ ވަރކްޝޮޕްތައްވެސް ހުރެއެވެ. އެހެންނަމަވެސް، އެތަންތަން އެކަހަރި ސަރަޙައްދަކަށް ބަދަލުކުރާނެ ހެޔޮވަރުގެ ބިމެއްވެސް އެރަށުގައި މިހާރު ނެތެވެ.