ދެކުނު އެމެރިކާގެ ގައުމުތަކުގެ މެދުގައި ބާއްވާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އާޖެންޓީނާއާއި ޗިލީ ބައްދަލުކުރި މެޗު އެއްވަރުވިއިރު، ޕެރަގުއޭއިން ބޮލީވިއާ ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ އާޖެންޓީނާއާއި ޗިލީ ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

Ad
rt

މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ކުރީކޮޅު އާޖެންޓީނާއިން ވަނީ ޗިލީގެ ގޯލާއި އަމާޒުކޮށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލާފައެވެ. މި ދެ ހަމަލާވެސް ޗިލީގެ ތަޖުރިބާކާރު ގޯލްކީޕަރ ކުލައުޑިއޯ ބްރާވޯވަނީ ދިފާއު ކޮށްފައެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ އާޖެންޓީނާއިންނެވެ. މި ލަނޑު 33 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބު ކޮށްދީފައިވަނީ އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީއެވެ. މި ހާފު ނިމިގެން ގޮސްފައިވަނީ އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.

ޗިލީން ނަތީޖާ ހަމަހަމަ ކޮށްފައިވަނީ މެޗުގެ 57 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. ވިޑާލް ފޮނުވާލި ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު މާޓިނޭޒް އަތުގައި ޖެހިފައި ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތްވަގުތު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޗިލީއަށް ނަތީޖާ ހަމަހަމަ ކޮށްދީފައިވަނީ އެޑުއާޑޯ ވާގަސްއެވެ.

މި ލަނޑަށްފަހު އާޖެންޓީނާއިން ވަނީ މެޗު ކާމިޔާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ޗިލީން ވަނީ އާޖެންޓީނާއަށް އިތުރު ލަނޑެއް ކާމިޔާބު ކުރުމަށް ފުރުޞަތުނުދޯ އެ ނަތީޖާގައި މެޗު ނިންމާފައެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު ގްރޫޕް އޭގެ ދެވަނަ މެޗުގައި ޕެރަގުއޭއިން ވަނީ ބޮލީވިއާގެ މައްޗަށް 3-1 ގެ ނަތީޖާއިން ކުރި ހޯދާފައެވެ.

މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރި ހޯދާފައިވަނީ ބޮލީވިއާއިންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އެރްވިން ސާވެޑްރާއެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ބޮލީވިއާ ކުރީގައި އޮވެގެންނެވެ.

ބޮލީވިއާއަށް މެޗުގައި އިތުރު މައްސަލަތަކާއި ކުރިމަތިވީ މެޗުގެ 54 ވަނަ މިނެޓުގައި އެ ޓީމްގެ ޖެއޫމޭ ކުއެލާއަށް ދެވަނ ރީނދޫ ކާޑާއި އެކު ރަތްކާޑު ދެއްކުމުންނެވެ. ބޮލީވިއާއިން އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ޕެރަގުއޭއިން ވަނީ ވަރަށް ރަނގަޅަށް ނަގާފައެވެ. މިގޮތުން އެ ޓީމުން ވަނީ މެޗުގެ 62 ވަނަ މިނެޓުގައި ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކަކޫއެވެ. އޭގެ ތިން މިނެޓް ފަހުން އެ ޓީމުން ވަނީ އިތުރު ލަނޑެއްޖަހައި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ހޯދާފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ރޮމެއިރޯއެވެ. މެޗުގައި އެ ޓީމުން ކާމިޔާބުކުރި ތިންވަނަ ލަނޑު 80 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ވެސް ރޮމެއިރޯއެވެ. މި މޮޅާއެކު މި ގްރޫޕްގެ އެއްވަނާގައި މިވަގުތު އޮތީވެސް ޕެރަގުއޭއެވެ.