ހދ. ވައިކަރަދޫ ރައްޔިތުންގެ ފަރާތުން ނޭކުރެންދޫ ރައްޔިތުންނަށް އެހީތެރިކަމެއް ފޯރުކޮށްދީފި އެވެ.

ކޯވިޑް-19 ކޭސްތަކެއް ފެނުމާއި ގުޅިގެން އަދިވެސް ފުރަބަންދުގެ ހާލަތުގައި އޮތް، ނޭކުރެންދޫ ރައްޔިތުންނަށް ވައިކަރަދޫ ރައްޔިތުންގެ ފަރާތުން ހަދިޔާ ކުރީ، 1700 ކިލޯގެ ރޯމަހެވެ.

Ad
rt

ނޭކުރެންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތުމުގެ ސަބަބުން ބޭރަށް ނުކުމެ އުޅުން މަނާކޮށް މިދިޔަ މަހު 29 ވަނަ ދުވަހުން ފެށިގެން އަންނަނީ ކާފިއު ހިންގަމުންނެވެ.

ނޭކުރެންދޫ ކައުންސިލުން ވިދާޅުވެފައިވަނީ އެރަށަށް ދިމާވެފައިވާ މި ދަތި އުނދަގޫ ހާލަތުގައި އަވައްޓެރި ވައިކަރަދޫ ރައްޔިތުންގެ ފަރާތުން މިފަދަ އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާތީ އަވައްޓެރި ވައިކަރަދޫގެ ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށެވެ.

"އަޅުގަނޑުމެންނަކީ އަބަދުވެސް އެކުވެރި އެއްބައިވަންތަ ބައެއްކަމުގައި ލައްވާށި!"

ނޭކުރެންދޫ ކައުންސިލުން ވިދާޅުވެއެވެ.

ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު ވިދާޅުވެފައިވަނީ މިއީ ޒަމާންވީ އެކުވެރިކަމުގެ ތެރެއިން ފެނުނު އުފާވެރި މަންޒަރެއް ކަމަށެވެ.

"ވައިކަރަދޫ ރައްޔިތުންނަށް އައްސަރިބަހާ ސާބަސް. ކޯވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ނޭކުރެންދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަމުން ސަލާމަތްކުރައްވާ، އެ ރަށުގެ ރައްޔިތުންގެ އާންމު ދިރިއުުޅުމަށް ވީހާވެސް އަވަހަށް ދެވޭނެ ގޮތް މާތް ﷲ ގެ ރަހުމަތުން މިންވަރު ކުރައްވާށި. -އާމީން-"

އަބްދުﷲ ޒާމިރު ވިދާޅުވެފައިވެއެވެ.

މިވަގުތު ނޭކުރެންދޫގައި ކޯވިޑް އަށް ޕޮޒިޓިވް ވެފައިވާ 67 މީހުން އެބަތިއްބެވެ. މިމަހު 6 ވަނަ ދުވަހު އެރަށުން އިތުރު 13 މީހަކު ޕޮޒިޓިވްވެފައިވާއިރު އޭގެފަހުން ނެގުނު އެއްވެސް ސާމްޕަލެއް ޕޮޒިޓިވްވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.