ނުރައްކާތެރި ކޯވިޑް-19 ބަލީގައި ރާއްޖެއިން އިތުރު ދެ މީހަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ވަނީ، 93 އަހަރުގެ ފިރިހެނަކާއި، 82 އަހަރުގެ އަންހެނެކެވެ.
މި ދެ މީހުން ވެސް ނިޔާވެފައި ވަނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައެވެ. ފިރިހެން މީހާ ނިޔާވީ ރޭ މެންދަމު 00:47 ގައެވެ. އަންހެން މީހާ ނިޔާވީ ހެނދުނު 8 ޖަހާއިރުއެވެ.
މިބަލީގައި އިތުރު ދެ މީހަކު ނިޔާވުމުން ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 184 އަށް އަރާފައެވެ.
އިއްޔެ ވެސް މިބަލީގައި 5 މީހަކު ނިޔާވިއެވެ.
މިއަދު އިތުރަށް މިބަލީގައި ދެ މީހަކު ނިޔާވުމުން، މިމަހު މިބަލީގައި ނިޔާވި މީހުންގެ އަދަދު މިވަނީ 22 އަށް އަރާފައެވެ.
ކޯވިޑް ބަލީގައި އެންމެ ގިނައިން މީހުން ނިޔާވީ ނިމުނު މޭ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ދުވަހު 13 މީހަކު ނިޔާވި އެވެ. މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވި މަހަކީ ވެސް މިދިޔަ މޭ މަހެވެ. އެމަހު 88 މީހަކު މިބަލީގައި ނިޔާވިއެވެ.
ރާއްޖެއިން އިއްޔެ މިބައްޔަށް ޕޮޒިޓިވްވީ 590 މީހެކެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 389 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. 195 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓަކުންވެސް 6 ވަނީ މީހަކު ޕޮޒިޓިވްވެފައިވެއެވެ.
ރާއްޖޭއިން މިހާތަނަށް 67،538 މީހަކަށް ވަނީ މި ބަލިޖެހިފައެވެ. މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ 20،014 މީހުން ތިބިއިރު، މިހާތަނަށް 47،333 މީހުން ވަނީ ކޯވިޑުން ރަނގަޅުވެފަ އެވެ.
މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 191 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!