ހދ. ކުޅުދުއްފުށީ، އަފީފުއްދީން ސްކޫލުންގެ އަހަރީ އިނާމު ދޮނުމުގެ ޖަލްސާ ރޭ ބާއްވައިފިއެވެ. އެސްކޫލުގެ ހޯލުގައި ރޭ ބޭއްވި ޖަލްސާގައި، 2018 ވަނަ އަހަރު އެސްކޫލުން އެންމެ މޮޅު ދަރިވަރުގެ މަޤާމް ލިބިފައިވަނީ އައިމިނަތު އިބާ އާދަމް އަށެވެ.

އެސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމު ހޯދި އިބާ ވަނީ ސާނަވީ ނިންމާ އިމްތިޙާނުތަކުގެ މުޅި ރާއްޖެއިން ހަތަރުވަނަ ހޯދާފައެވެ. އެގޮތުން އޭނާވަނީ ފަސް މާއްދާއަކުން އޭ ސްޓަރ ފާސް ހޯދާ، ތިން މާއްދާއަކުން އޭ ފާސް ހޯދާފައެވެ.

Ad
rt

ރޭގައި އޮތް ޖަލްސާގައި، އެސްކޫލުން ދެވަނަ ލިބިފައިވަނީ އިބްރާހީމް އަޙުމަދަށެވެ. އޭނާވަނީ ޤައުމީ ގަދަ ދިހައެއްގެ ހަވަނައިގައި ހިމެނިފައެވެ. ހަމައެހެންމެ، އިކޮނޮމިކްސް މާއްދާއިން ދުނިޔޭގެ ހަވަނަވެސް އެދަރިވަރު ހޯދާފައިވެއެވެ.

މީގެއިތުރުންވެސް، ރޭގެ ޖަލްސާގައިވަނީ ސާނަވީ ނިންމާ އިމްތިހާނުތަކުން ތިން މާއްދާއަށްވުރެ ގިނަ މާއްދާއިން އޭ ހޯދާފައިވާ ދަރިވަރުންނަށް އިނާމު ދީފައެވެ. މީގެއިތުރުން އެކި ގްރޭޑުތަކުން ރަނގަޅު ނަތީޖާ ހޯދާފައިވާ ދަރިވަރުންނަށްވެސް އިނާމު ދީފައިވެއެވެ. ހަމައެހެންމެ، ކިޔެވުމަށާއި ހުރިހާގޮތަކުން އެންމެ ރަނގަޅު ސްކައުޓް، ގާލްގައިޑް އަދި ކޭޑޭޓު ދަރިވަރުންނަށް އިނާމު ދީފައިވާއިރު، ސްކޫލަށް ރީތި ނަން ހޯދައިދިން ދަރިވަރުންނަށްވެސް އިނާމު ދީފައިވެއެވެ.

ކިޔެވުމަށާއި، އިތުރު ހަރަކާތަށް އަދި ހުރިހާ ގޮތަކުން އެންމެ ރަނގަޅު ސްކޫލުގެ ހައުސްތަކަށްވެސް ރޭ އިނާމު ދީފައިވެއެވެ.

އަފީފުއްދީން ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ޕާމަނަންޓް ސެކެރެޓަރީ އަހުމަދު އަލީ އެވެ. މީގެއިތުރުންވެސް، މިނިސްޓްރީގެ ބައެއް އެހެން އިސް ބޭފުޅުންވެސް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ.