އަލާމާތް ހުރެގެން ޓެސްޓްކުރި 10 މީހުންގެ ތެރެއިން 2 މީހުން ޕޮޒިޓިވްވެ، ހދ. ކުޅުދުއްފުށި ސިޓީގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބި ފަރާތްތަކުގެ އަދަދު 12 އަށް އަރައިފި އެވެ.

މި ދެމީހުން ޕޮޒިޓިވްވުމާއެކު މެއިގެ ކްލަސްޓާއާ ގުޅިގެން ޕޮޒިޓިވް މީހުންގެ އަދަދު މިވަނީ 13 އަށް އަރާފަ އެވެ. އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ތިބީ 12 މީހުންނެވެ. އެކަކު ވަނީ މިބަލިން ފަސޭހަވެފައެވެ.

Ad
rt

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވީ، މިއަދު ޕޮޒިޓިވްވެފައިވަނީ މާލެއަށް ދަތުރުކުރުމަށް ފަހު ހޯމް ކަރަންޓީނުގައި ތިބި 2 މީހުން ކަމަށެވެ. މިއީ މިމަހުގެ 2 ވަނަދުވަހުގެ ކޭސްއާއި އެއްވެސް ގުޅުމެއްވާ ކޭސްއެއް ނޫންކަމަށް އެހޮސްޕިޓަލުން ވިދާޅުވި އެވެ.

ކޭއާރުއެޗްގެ މެނޭޖަރ އަޙްމަދު ދާއޫދު ވިދާޅުވީ، ކުޅުދުއްފުށި ސިޓީ މޮނީޓަރިން އިން ނަގާނެ ކަމަށް ލަފާ ކުރެވެނީ 10 މޭ ގެ ކުލަސްޓަރ ފެނުތާ 14 ދުވަސް ވުމުން ކަމަށެވެ. ނަމަވެސް އެކޭސް އާއި ގުޅުން ހުރި އިތުރު ފަރާތެއް ރެންޑަމް ސާމްޕަލްތަކުން ފެނިއްޖެ ނަމަ އިތުރަށް ލަސްވުން އެކަށީގެންވާކަމަށް ވިދާޅުވި އެވެ. މިމަހުގެ 10 ވަނަ ދުވަހު އެރަށުން ފެނުނު ކުލަސްޓަރ އަށް 14 ދުވަސް ހަމަ ވާނީ މިމަހުގެ 25 ދުވަހު އެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ގައިދުރުކަން އިސްކޮށް މާސްކު އެޅުމަށާއި ގިނަގިނައިން އަތްދޮވުމަށް ކޭއާރުއެޗް އިން އިލްތިމާސްކޮށްފައިވެއެވެ. މީގެ އިތުރުން، ކޯވިޑާ ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތުތައް ސޯޝަލް މީޑިއާގެ މަންސަތަކުގައި އަދާހަމަކުރެވޭނެ ކަމަށް ކޭއާރުއެޗް އިން ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން ކުޅުދުއްފުށި ސިޓީއިން މީހަކު ޕޮޒިޓީވްވެގެން ރިޕޯޓްކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.