އެއްވެސް މީހަކު ބާކީކޮށްލުމެއްނެތި އެންމެންގެ ހިޔާލާއި މަޝްވަރާގެ ބޭނުންހިފައި ވަކި ޕާޓީއެއް، ވަކި ފިކުރެއް، ވަކި ކުލައެއް އިސްތިސްނާ ނުވާނެހެން ތިލަފަތް ހަމަކޮށް، އެންމެނަށް ޚިދުމަތް ދިނުމުގައި ދެމިތިބޭނެ ކަމުގައި ހއ. އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސް އަހުމަދު ޞަބާހް ވިދާޅުވެއްޖެވެ.
ޞަބާހް މިހެން ވިދާޅުވީ، އިއްޔެ ކައުންސިލް ހުވާކުރުމުގެ ރަސްމިއްޔާތު ނިންމާ، އިހަވަންދޫގެ ރައްޔިތުންނާ މުހާތަބުކޮށް ފޭސްބުކް ޕޭޖް މެދުވެރިކުރައްވާ ދެއްވި ހިތާބެއްގަ އެވެ.
މި ހިތާބުގައި ޞަބާހް ވިދާޅުވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކައުންސިލްގެ ޒިންމާތައް އަދާކުރާނެކަމަގެ ޔަގީންކަން ރައްޔިތުންނަށް އަރުވާކަމަށެވެ.
އިހަވަންދޫގެ ބަނދަރަށް ރައްޔިތުން އެދޭ ބަދަލުގެނެސް އެ މަސައްކަތް އަވަސްކުރުމަށްޓަކައި ކައުންސިލުން ކުރަންޖެހޭ މަސައްކަތްތައްކުރާނެކަމަށާއި، އެންމެ އިސްކަމެއް ދީގެން ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ އާއި ފައިބަރުގެ މަސައްކަތް ހައްލުކުރުމަށް ކައުންސިލުން މަސައްކަތް ކުރާނެކަމަށާއި އަދިި ރައްޔިތުން ކަންބޮޑުވާ ކަންތައްތަކެއް ހުރިކަން ފާހަގަ ކުރައްވާ އެކަންތައްތައް ހައްލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވެފައިވެއެވެ.
މިދައުރުގައި އެންމެހާ ކަންކަން ނިންމުމުގައި މަޝްވަރާގެ ރީތި އުސޫލުން އެންމެހާ ރައްޔިތުންނާ ގުޅިގެން ކަންކަން ކުރުމާ، ނިންމުމަށް ހާއްސަ ސަމާލު ކަމެއް ދޭނެ ކަމަށް ސަބާޙު ވިދާޅުވިއެވެ. އަދި، ނިމިދިޔަ ކައުންސިލުން ރަށަށް ޓަކައި ކޮށްދެއްވާފައިވާ ކަންތައްތަކަށް ޝުކުރުއަދާކޮށްފައިވެއެވެ.
އިންތިހާބީ އައު ކައުންސިލެއްގެ މެމްބަރުން ހުވާކުރެވިގެންދިޔައިރު އިހަވަންދޫ ކައުންސިލް މެމްބަރުންގެ ފަރާތުން ރަށަށް ޓަކައި ރައްޔތުންގެ ހައްގުގައި މަސައްކަތްކުރައްވާނެ ކަމުގެ ވިދާޅުވެފައިވެއެވެ. އެގޮތުން، އިހަވަންދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ޒާހިރު ކުރެއްވި ޕޯސްޓެއްގައި އެބޭފުޅާގެ ފޯނު ނަންބަރު ހިއްސާކުރައްވާފައިވެއެވެ.
"7911059، މުހައްމަދު ޒާހިރު. އިރާދަކުރެވިއްޔާ ގުޅޭނެ. ގުޅާފަ އޮތްނަމަ ގުޅާނެ. ރައްޔތުންނަށް ހިދުމަތްކުރުމުގައި އަމާނަތްތެރިކަމާއެކު ދެމިހުންނާނަށް. އިންޝާ ﷲ"
ޒާހިރު ހިއްސާކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
މިއީ އިހަވަންދޫގެ ސިޔާސީ މަޤާމަކަށް މިހާތަނަށް އިންތިހާބުވެފައިވާ ބޭފުޅަކު އެބޭފުޅާގެ އަމިއްލަ ނަންބަރު ރައްޔިތުންނަށް މިފަދަ ގޮތަކަށް ހާމަކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.
މީގެ އިތުރުން، އިހަވަންދޫގެ ކައުންސިލްގެ އަންހެން މެމްބަރުކަމަށް ހޮވިފައިވާ އަދި ހަމައެކަނި އެމްޑީޕީގެ ކައުންސިލް މެމްބަރ މަރްޔަމް ޝިފާޒާ ވިދާޅުވީ އަލަށް އިންތިހާބުވި ކައުންސިލުން އެންމެ ފުރަތަމަ ކުރަންވީ ކަމަކީ އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް އިހަވަންދޫގެ ރައްޔިތުން ތިބިކަން ހާމަކުރުން ކަމަށެވެ.
އަލަށް އިންތިހާބުވެފައިވާ އިހަވަންދޫ ކައުންސިލްގެ 6 ގޮނޑި ޕީޕީއެމް އަށް ލިބުނުއިރު އެމްޑީޕީއަށް ލިބިފައިވަނީ އެންމެ ގޮނޑިއެކެވެ. މިއީ، އެމްޑީޕީގެ ބޮޑު މެޖޯރިޓީއެއް އޮންނަ އިހަވަންދޫ ކައުންސިލްގެ އަގްލަބިއްޔަތު ޕީޕީއެމްއަށް ލިބުނު ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!