ދިވެހި ބަހުގެ އުސްތާޒު، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނޢޢވ) ލިބިވަޑައިގެންފައިވާ އަބްދުﷲ ސޯދިގު(ސޯދުބެ) ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.
އުމުރުފުޅުން 86 އަހަރުވެފައިވާ ސޯދުބެ، ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ގެންދަވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ހޯއްދަވަމުންނެވެ.
ސޯދުބެގެ އާއިލާއާއި ހަވާލާދީ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފަވާގޮތުގައި، ސޯދުބެ ހޮސްޕިޓަލަށް ބަދަލު ކުރީ ހާލު ސީރިއަސް ވެގެން ނޫނެވެ. އަދި ސޯދުބެ ހޮސްޕިޓަލަށް ބަދަލު ކުރީ ކުއްލި އަކަށް ބަލި ބޮޑުވެދާނެ ކަމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޑޮކްޓަރުންގެ ލަފަޔާއެކު އެވެ.
ސޯދުބެ މިހާރު ވެސް ގެންދަވަނީ، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މުޝީރެއްގެ ގޮތުގައި ދިވެހި ބަހަށާއި، ޤައުމަށް ޚިދުމަތް ކުރަށްވަމުންނެވެ.
މުލަކަތޮޅު މުއްޔަށް އުފަން ސޯދުބެއަކީ ދިވެހިބަހުގެ އެންމެ އުހުގައި ހުންނެވި ކުޅަދާނާ ބޭފުޅެކެވެ. ދިވެހި ބަހާއި، އަދަބިއްޔާތަށާއި، ނޫސްވެރިކަމާއި، ރާއްޖޭގެ ތައުލީމީ ދާއިރާއަށް ސޯދުބޭ ވަނީ އަގު ނުކުރެވޭ ފަދަ ޚިދުމަތްތައް ކުރަށްވާފައެވެ.
ސޯދުބެ ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ގިނަ ބަޔަކު މީސް މީޑިއާ މެދުވެރިކޮށް ދަނީ ހެޔޮ ދުޢާ ފޮނުވައި، ސޯދުބެއަށް އަވަސް ޝިފާއަކަށް އެދެމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!