ކޮންމެ ކުއްޖަކުވެސް އުފަން ވަނީ ފިޠުރަތުގެ ސާފުކަން މަތީގައެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ: ((كُلُّ مَوْلُودٍ يُولَدُ عَلَى الْفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ.)) صحيح. رواه البخاري (1385)
މާނަ: ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އަންނަނީ ފިޠުރަތުގެ ސާފުގޮތުގައެވެ. އެކުއްޖާ ޔަހޫދީއަކަށް ނުވަތަ މަޖޫސީއަކަށް ނުވަތަ ނަޞާރާއަކަށް ހަދަނީ އޭނާގެ މައިންބަފައިންނެވެ.
އުފަންވާހިނދު ދަރިފުޅުގެ ހިތް ވާހުށީ ސާފު ހިތެއް ކަމުގައެވެ. މި މަޢުޞޫމު ހިތް ސާފުކަންމަތީ ދެމެހެއްޓޭނީ އެކަމަށް މައިންބަފައިން ގަދައަޅައި މަސައްކަތް ކޮށްގެންނެވެ. އަލަށް އުފަންވާ ކުއްޖާގެ މިޘާލަކީ ހުދު ކަރުދާސް ގަނޑެއްގެ މިޘާލެވެ. އެއްވެސް ލިޔުމެއް ނުވަތަ ކުރެހުމެއް އެ ކަރުދާސް ގަނޑަކު ނުވެއެވެ. ނަމަވެސް މި ކަރުދާސްގަނޑު އެމީހެއްގެ އަތުގައިވާ މީހާއަށް، އެކަރުގާސްގަނޑުގައި އެމީހަކު ބޭނުން އެއްޗެއް ލިޔެވިދާނެއެވެ. ނުވަތަ ކުރެހިދާނެއެވެ.
އެކުރާ ކަމަކީ ފައިދާ ހުރި ކަމެއް ނުވަތަ ބޭކާރު ކަމެއް ނުވަތަ ގެއްލުން ހުރި ކަމަކަށްވެސް ވެދާނެއެވެ. ހަމަ އެގޮތަށް، ދަރިފުޅުގެ ބެލެނެވެރިންނަކީ މައިންބަފައިންނެވެ. ދަރިފުޅުގެ ޝަޚުޞިއްޔަތު ބިނާވާނީ މައިންބަފައިން އެދަރިފުޅުގެ ޝަޚުސިއްޔަތު ބައްޓަން ކުރިގޮތަކަށެވެ. ތެދެކެވެ. ގެއިން ބޭރުންވެސް ކުދިންނަށް އެކިއެކި ނުފޫޒު ފޯރައެވެ. ނަމަވެސް އެނުފޫޒުތަކާ ކުރިމަތިލާނެގޮތްވެސް ދަރިފުޅަށް ދަސްކޮށްދޭނީ ހަމަ އެދަރިފުޅުގެ މައިންބަފައިންނެވެ.
ވީމާ، ދަރިފުޅަށް ހެޔޮމަގަށް މަގުދައްކައި، ރަނގަޅު ގޮތްތަށް ދަރިފުޅަށް އުނގަންނައިދީ، ރަނގަޅު ތަރުބިއްޔަތެއްގެ މަތީގައި ބޮޑުކުރެވިއްޖެނަމަ، ދުނިޔެއާއި އާޚިރަތުގައިވެސް ބާއްޖަވެރިކަން ލިބިގެންދާ މީހެއްކަމުގައި އެކުއްޖާ ވެގެން ހިނގައިދާނެއެވެ. އަދި މިކަމުގެ ޘަވާބުގައި އެކުއްޖާގެ މައިންބަފައިން ޝާމިލުވާނެއެވެ.
އެހެނެއްކަމަކު، ތަރުބިއްޔަތުކުރުމުގެ ބާބުގައި ފަރުވާ ކުޑަކޮށް، އެދަރިފުޅަށް ހެޔޮމަގަށް މަގުކޮށައި ދިނުމާއި ހެޔޮގޮތްތަށް އުނގަންނައިދިނުމުގައި އިހުމާލު ވެއްޖެނަމަ، އެދަރިފުޅަކީ ދުނިޔެއާއި އާޚިރަތުގައިވެސް އަބާއްޖަވެރިކަން ލިބިގެންވާ މީހަކަށް ވެދާނެއެވެ.
މައިންބަފައިން މުސްކުޅިވާ ދުވަހު ލޮލުގެ ފިނިކަން ކަމުގައި ވާން ވީ ދަރިފުޅު، ބޮޑު ބުރައަކަށްވެސް ވެދާނެއެވެ. އަދި ޢާލަމްތަކުގެ ވެރި އިލާހުގެ ޙަޟްރަތުން ޙަވާލު ކުރެވުނު ބޮޑު މަސްއޫލިއްޔަތަށް ފަރުވާކުޑަކޮށް އިޙުމާލު ވުމުގެ ސަބަބުން، އެކަމާމެދު ސުވާލު ކުރެވި ޢުޤޫބާތް ޙައްޤު ވެފައިވާ ބައެއްކަމުގައި އެދަރިފުޅުގެ މައިންބަފައިން ވެދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!