ކުޅުދުއްފުށީ ސިޓީގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ފެށިގެން ކުރިއަށްދާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އިން ވިދާޅުވެއްޖެއެވެ.

ކޭއާރުއެޗްއިން ވިދާޅުވިގޮތުގައި މިއަދު ހަވީރު 18:00 އާއި ހަމައަށް އެ މަސައްކަތް ކުރިއަށް ދާނެއެވެ. މިގޮތުން އެ ހޮސްޕިޓަލްގެ މުވައްޒަފުން ދަނީ ރަށުގެ އެކި ހިސާބުތަކުގައި ތިބެ، ރެންޑަމް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

Ad
rt

އެ ސަރަހައްދުތަކަށް ގޮސް، އެ މަސައްކަތަށް އެއްބާރުން ދިނުމަށް އެ ސިޓީގެ ރައްޔިތުން ކިބައިން ކޭއާރުއެޗްއިން ވަނީ އެދިފަ އެވެ.

ކުޅުދުއްފުށީ ސިޓީ މިހާރު އޮތީ މޮނިޓަރިން ހާލަތުގައި ކަމަށް ވުމާއެކު، އެ ހާލަތުން ވީހާވެސް އަވަހަކަށް އަރައިގަތުން މި ސާމްޕަލްތަކުގެ ނަތީޖާއާއި ވަރަށް ބޮޑަށް ގުޅިފައިވާކަން އެ ހޮސްޕިޓަލުން ފާހަގަ ކުރަށްވައެވެ.

މީގެކުރީން ވެސް ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންގެ ފަރާތުން މިފަދަ ކަންކަމަށް ލިބޭ އެއްބާރުލުމާއި، ތަރުހީބު ވެސް ފާހަގަކޮށް، އެ ހޮސްޕިޓަލުން ވަނީ އެ ސިޓީގެ ރައްޔިތުންނަށް ޝުކުރު އަދާކޮށްފަ އެވެ.

އެ ސިޓީ މޮނިޓަރިން ހާލަތަށް ގެނައީ އެ ސިޓީގެ ފްލޫ ކްލިނިކުން ނެގި ތިން ސާމްޕަލެއް ކޯވިޑްއަށް ޕޮޒިޓިވްވެގެން މެއި 2 ވަނަ ދުވަހު އެވެ.

މި ކޭސްތަކާއި ގުޅިގެން މިވަގުތު އެ ސިޓީގެ 13 ގެއެއް ވަނީ މޮނީޓަރިން ލާފައެވެ. އެ ކޭސްތަކާ ގުޅިގެން މިހާތަނަށް ނެގި ހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވް ވެފައެވެ.