ހއ. އަމާންވެށިން ކޯވިޑަށް ޕޮޒިޓިވްވި 2 މީހަކު ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް މިއަދު ބަަދަލުކޮށްފި އެވެ.
ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް ބަދަލުކުރީ، ހއ. ދިއްދޫގައި ހުންނަ ''ހއ. އަމާންވެށި'' އިން ކޯވިޑް-19އަށް ޕޮޒިޓިވްވި، ކުދިން ބެލެހެއްޓުމުގައި އެހީތެރިވާ ދެ މުވައްޒަފެކެވެ.
ހއ. އަތޮޅު ހޮސްޕިތަލްގެ މެނޭޖަރު އުޘްމާން އަސްރަފް ''ތިލަދުން''އަށް ވިދާޅުވީ އެ ދެމީހުންގެ ހާލު ގޯސް ނޫންކަމަށެވެ.
''މިވަގުތު އެމީހުންގެ ހާލު ރަނގަޅު، އެކަމަކު އިތުރު ފަރުވާ ބޭނުންވާތީ ބަދަލުކުރީ'' އަސްރަފް ވިދާޅުވިއެވެ.
ހއ. އަމާންވެށިން ވަނީ އެތަނުގައި ތިބި 15 ކުދިން ތެރެއިން 11 ކުއްޖަކާއި، އެ ކުދިން ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި 5 މީހަކު މިހާތަނަށް ކޯވިޑްއަށް ޕޮޒިޓިވް ވެފައެވެ.
ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި މިވަގުތު ވެސް ހއ. ބާރަށުން ޕޮޒިޓިވްވި 4 މީހަކު އެޑްމިޓް ކޮށްފައި އެބަތިއްބެވެ.
ޒޯން 1 ކޯވިޑް ސެންޓަރ ހުޅުވުނީ 16 ޖުލައި 2020 ގައެވެ. އެ ސެންޓަރަކީ ފުރަތަމަ އަތޮޅެއްގައި ކޯވިޑް ބަލި މީހެއް އެޑްމިޓްކުރި ސެންޓަރެވެ. ޖުލައި 28 ވަނަ ދުވަހު އެ ސެންޓަރުގައި ފުރަތަމަ އެޑްމިޓް ކުރެވުނީ ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!