ރާއްޖޭގެ މުސްތަގުބަލަށްޓަކައި ކުރެވޭނެ އެންމެ މުހިއްމު ކަމަކީ، ހިކުމަތްތެރި، މުރާލި ސިއްހަތު ރަނގަޅު ޖީލެއް ބިނާކުރުންކަމަށާއި އެފަދަ ބަޔަކު އުފެއްދޭނީ އެ ސިފަތައް ހުރި ޓީޗަރުންނަށް އޮންނަ ހުރުމަތް މަތިކޮށް މޮޅު ދަރިވަރުން ޓީޗަރުންނަށް ވާން އިނާޔާތް ދީ އަބުރުވެރިކަމާއެކު އުޅެވޭނެ އާމްދަނީއެއް ދީގެން ކަމަށް ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިިދިޔަ އަހަރު އޯ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން، ގައުމީ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޓީޗަރުންނާއި ދަރިވަރުންނަކީ ވައްބުރެއްގައި ދައުރުވާ ބައެއް ކަމަށެވެ. މޮޅެތި ޓީޗަރުން ކިޔަވައިދޭ ނަމަ ދަރިވަރުން މޮޅުވާނެ ކަމަށާއި ސްކޫލުތައް ނިންމާ ދަރިވަރުންގެ ތެރެއިން މޮޅެތި ދަރިވަރުން ޓީޗަރުކަން ކިޔަވަން ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.
ދަރިވަރު، ފެންވަރު ރަނގަޅު ޓީޗަރަކާއެކު ދެތިން އަހަރު ހޭދަކޮށްފި ނަމަ އެކަމުގެ ހެޔޮ އަސަރު އެ ދަރިވަރުގެ މުޅި އުމުރަށް ކުރާނެ، އެދެވޭ ބޮޑު ބަދަލެއް ގެންނަން ބޭނުންވާ ނަމަ އެންމެ މުހިއްމު ކަމަކީ އެ ދާއިރާގައި ފެންވަރު ރަނގަޅު ޓީޗަރުން ތިބުން. ފެންވަރު ދަށް ޓީޗަރުން ކިޔަވައިދިނުމުން ދަރިވަރުންގެ ހަގީގީ ފެންވަރަށް ނާދެވުމުގެ އިތުރުން ޓީޗަރުން ދެކެ ވެސް ފޫހިވެދާނެ، އެއާ ހިލާފަށް މޮޅެތި ޓީޗަރުން ކިޔަވައިދޭ ނަމަ ދަރިވަރުން މޮޅުވާނެ،
މިނިސްޓަރު ވިދާޅުވިއެވެ.
މި ދެންނެވި ނުރައްކާތެރި ބުރު ބުރިކޮށްލެވޭނީ އަޅުގަނޑުމެންނަށްކަމަށާއި އެއީ މަދަރުސީ ނިޒާމުގެ ބޮޑުކަމާއި ބުރަހެލި ކަމާއި މަދަރުސާ ނިންމާ މޮޅެތި ކުދިން މުދައްރިސް ކަމަށް ކުރިމަތިނުލާ ސަބަބުތައް ގިނަކަމުންކަމުގައި ފާހަގަކުރަމުން ވިދާޅުވީ މިއީ ރާއްޖޭގެ ތައުލީމަށް ރޯޝަނީ އާ ދައުރެއް ގެނައުމަށް ކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހިންނަކީ ޓީޗަރުންނަށް ވަރަށް ބޮޑަށް އިހުތިރާމްކުރި ބައެއް ކަމަށާއި ނަމަވެސް މި މުހިއްމު މަސައްކަތަށް މިހާރު ދޭންޖެހޭ ގަދަރު މިހާރު ވަނީ ކުޑަވެފައި ކަމަށް ވިދާޅުވި އެވެ. އެކަމުގެ ނަތީޖާއަކީ މޮޅެތި ދަރިވަރުން ޓީޗަރުކަމަށް ކުރިމަތިނުލުން ކަމަށް ވިދާޅުވި އެވެ. އެހެންވެ މިނިސްޓަރު ވަނީ މިރޭ ރަންވަނަ ހޯދި ދަރިވަރުން ތައުލީމީ ދާއިރާއިން ކުރިއަށް ދިއުމަށް އެދިވަޑައިގެންފަ އެވެ.
އޭނާ ވިދާޅުވީ މަދަރުސާތަކުގެ ނަތީޖާ މިހާރަށްވުރެ ދެ ގުނަ ކުރެވޭނެ ކަމަށެވެ. އެކަމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާނީ ޓީޗަރުންކަމަށް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!