އުމުރުން ފަނަރަ އަހަރުގެ ބްރެޑަން ވިލްސަން ކޮވިޑް-19 ޖެހިދާނެތީ ބިރުގަތެއެވެ. ދަތުގެ ޑޮކްޓަރަށް ދައްކާށާއި ގެކައިރީގައި ދިރިއުޅޭ މާމަކާފައަށް ޒިޔާރަތްކުރަން މާސްކު އަޅައިގެން ނޫނީ ކެލިފޯނިއާގެ ސިމީ ވެލީގައި ހުންނަ ގެއިން ނުނުކުމެއެވެ. އެހެންނަމަވެސް ކޮންމެވެސް ގޮތަކުން ބްރެޑަންއަށް މިވަރަސް ޖެހުނެއެވެ.
ކޮވިޑްގެ ވައިރަސް ޖެހުނުތާ އެތަށް ހަފްތާއެއް ފާއިތުވާފަހުން ކޮރޯނާވައިރަސްއާ ގުޅުންހުރި ގޮތް ނޭނގޭ އިންފްލެމޭޓްރީ ބައްޔެއްގެ ސަބަބުން ފުރާވަރުގެ ކުދިންގެ ވަރުދެރަކޮށްލައެވެ.
ބްރެޑަންގެ ހާލުދެރަވުމާއި ގުޅިގެން ލޮސް އެންޖަލިންގެ ކުޑަކުދިންގެ ހޮސްޕިޓަލްގައި ވެލްޓިލޭޓަރަށް ލައި ހިތާއި-ފުއްޕާމޭގެ ބައިޕާސް މެޝިނެއްގުޅައި ފަރުވާދޭން ފެށުނެއެވެ. އެހެން ނަމަވެސް ގުނަވަންތަށް ފެއިލްވުން ނުހުއްޓުވުނެއެވެ. އަދި ސިކުނޑި މަރުވުމާ ގުޅިގެން ބްރެޑަން މިދުނިޔެ ދޫކުރިއެވެ.
މިއީ ބްރެޑަންގެ މަންމަ އަމެންޑާ އާ ހަވާލާދީ ޕޭމް ބެލަކް ތައްޔާރުކޮށް ދަ ނިއުޔޯކް ޓައިމްސްގައި 2021 ފެބްރުއަރީ 16ގައި ޝާޢިރުކޮށްފައިވާ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ޚާދިސާއެކެވެ. މިފަދަ އެތަށް ކޭސްތަކެއް އެމަރިކާއާއި އިނގިރޭސީ ވިލާތާއި ކެނެޑާއިން މިހާރު ދަނީ ފެންނަމުންނެއެވެ.
މިބަލިޖެހެފައިވާ ކުދަކުދިންނާއި ފުރާވަރުގެ ކުދިން ވަރުދެރަވުމާ ގުޅިގެން ހާލަތު ގޯސްވެ ނުރައްކަތެރިވާ ހާލަތަށް ދިއުން ގިނަވަމުން ދާކަމަށް ދަ ނިއުޔޯކް ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އެމެރިކާގެ ވޮޝިންޓަން ޑީސީގެ ކުޑަކުދިންގެ ނޭޝިނަލް ހޮސްޕިޓަލްގެ ގައިންގަޔަށް އަރާ ބަލިތަކާބެހޭ ޑޮކްޓަރ ރޮބާޓޯ ޑޭބިއާސީ ހާމަކުރައްވާފައިވެއެވެ. ކޮވިޑްގެ ފުރަތަމަ ރާޅުގައި ހާލުދެރަވާ ކުދިންގެ ނިސްބަތް 50 އިންސަންތައިގަ ހުރިނަމަވެސް މިހާރު އައި.ސީ.ޔޫ ގައި ފަރުވާދޭ ނިސްބަތް ވަނީ 80އާއި 90އާ ދެމެދަށް އިތުރުވެފައިކަމަށްވެސް ހާމަކުރެއްވިއެވެ.
ކޮވިޑްއާ ގުޅިގެން ބައެއް ކުޑަކުދިންގެ ކިބައިން ފެންނަ ނުރައްކާތެރި އަލާމާތްތަށް ގިނަ ދުވަސްތަކެއް ވަންދެން ހަށިގަނޑުގައި ހުންނަކަން ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާއިން ވެސް ވަނީ ޔަޤީންކޮށް ދެއްވާފައެވެ. އަދި ބައެއް ބޮޑެތިމީހުންގެ ހަށިގަނޑުންވެސް ކޮވިޑް-19ގެ އަސަރު ނުފިލައި ގިނަދުވަސްތަކެއް ވަންދެން ހުންނަކަން ފާހަގަކުރެވިފައިވާކަމަށް ހާމަކުރައްވާފައެވެ.
ކޮވިޑް19އާ ގުޅިގެން އަލަށް ފެންނަމުންދާ މަލްޓި ސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް (އެމް.އެސް.އައި-ސީ)ގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ބަނޑުގައި ރިއްސުމާއި، ހޮޑުލުމާއި، ބޭރަށް ހިންގުމާއި، ކަރުގައި ރިއްސުމާއި، ލޮލަށް ލޭއެރުމާއި، ހަންގަނޑު ހިރުވުމާއި، މާބޮޑަށް ވަރުބަލިވުމާއި، ހިތް ހިނގުން އަވަސްވުމާއި، ނޭވާ އަވަސްވުމާއި، ފައިތިލައާއި އަތްތިލަ ދުޅަވުމާއި ބޯއެނބުރުން ހިމެނެއެވެ.
މިސިންޑްރޯމް ފެންނަމުންދަނީ ކޮވިޑް-19ޖެހިފައިވާ ކުދިންނާއި ޓެސްޓުތަކުން ކޮވިޑްގެ އެންޓިބޮޑީސް ހަށިގަނޑުގެ ދިފާއީ ނިޒާމުގައި ހުރިކަން ފާހަގަ ކުރެވިފައިވާ ކުދިންގެ ކިބައިންނެވެ. މިއަލާމާތްތަށް އާންމުކޮށް ފެންނަމުންދަނީ 3 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންގެ ކިބައިން ކަމަށް އެމެރިކާގެ މާޔޯ ކްލިނިކް އިން ހާމަކުރައްވައެވެ. އެހެންނަމަވެސް އުމުރުން 19އަހަރުގެ ކުދިންގެ ކިބައިންވެސް މިފަދަ އަލާމާތްތައް ދަނީ ރިޕޯޓް ކުރެވެމުންނެވެ. މީގެތެރެއިން ގިނަ ކުދިންނަކީ ކުރިން ނޭވާލުމުގެ ނިޒާމުގެ ބަލިތަކާއި އެހެން ނުރައްކާތެރި ބަލިތަށް ފާހަގަ ކުރެވިފައިނުވާ ކުދިންނެއެވެ.
އެމް.އެސް.އައި-ސީ ޖެހޭ ކުދިންގެ ހިތާއި ފުއްޕާމެއާއި ލޭނާރުތަކާއި ކިޑްނީއާއި ހަޖަމުކުރާ ނިޒާމާއި ސިކުނޑިއާއި ހަމާއި ލޮލަށް އަސަރުކުރާކަމަށް އެމްރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީ.ޑީ.ސީ)އިން ހާމަކުރައްވައެވެ. މިއީ ސީދާ ކޮންކޮން ކަންތައްތަކަކާ ގުޅުންހުރި އަލާމާތްތަކެއްކަމާއި މީގެ ދިގުމުއްދަތުގެ ނުރައްކާ އަދި ހޯދިފައެއް ނުވެއެވެ.
ކޮވިޑް-19ގެ ވައިރަސް ހަށިގަނޑުން ފިލާތާ އެތައް ދުވަހެއް ފަހުން މިސިންޑްރޯމްގެ އަލާމަތްތަށް ހަށިގަނޑުން ނުފިލާ ހުންނަ އެތަށް ކޭސް އެއް ދަނީ ރިޕޯޓް ކުރެވެމުންނެއެވެ. ކުރިން ނުރައްކާތެރި އެއްވެސް ބައްޔެއް ޖެހިފައިނުވާ އަޔަރލެންޑްގެ ޑަބްލިންގައި ދިރިއުޅޭ 17އަހަރުގެ ޖެކް އެޖްވެސް ވަނީ ތިން ފަހަރެއްގެ މަތިން އެދުމަތިކޮށް އެތަށް ދުވަހެއްވަންދެން ވެންޓިލޭޓަރުގެ އެހީގައި އައިސީޔޫގައި ހޭދަކޮށްފައެވެ. އަދި އެމެރިކާގެ ސްކޫލް ދަރިވަރު 16އަހަރުގެ ކޭޑީ އާޝަރއާއި ޓެކްސަސްގެ 4އަހަރުގެ ތުއްތު ނަޓަލީވެސް މިވޭނާއި ހިތްދަތިކަން ވަނީ ތަޖުރިބާކޮށްފައެވެ.
ކޮވިޑް-19ޖެހޭ ކުދިންގެ ކިބައިން ކަވަކާސާކީ ސިންޑްރޯމްގެ އަލާމަތްތަށްވެސް ފެންނަމުން ދިޔަކަން ކޮވިޑްގެ ފުރަތަމަ ރާޅުގެ ތެރޭގައި އެމެރިކާގެ ނިއުޔޯކާއި ކެނެޑާއި ޔޫރަޕުން ވަނީ ރިޕޯޓްކޮށްފައެވެ. އެމެރިކާގެ ސީ.ޑީ.ސީން ހާމަކޮށްފައިވާ ގޮތުގައި ކަވަކާސާކީ ސިންޑްރޯމްއަކީ ހުންއައުމާއި، އަތާއި ފައިތިލަ ދުޅަވުމާއި، ލޯރަތްވުމާއި، ހަންގަޑު ރަތްވެ ހިރުވުން ފަދަ އަލާމަތްތަކެއް ފެންނަ ހިތަށް ލޭ ފޯރުކޮށްދޭ ނާރުތަކަށް އަސަރުކުރާ ބައްޔެކެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް ތައްޔަރުކޮށް މިހާރު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބޭނުންކުރަމުންދާ ވެކްސިނަކީ ކުޑަކުދިންގެ މެދުގައި ޓެސްޓްކުރެވިއިވާ އެއްޗެއް ނޫނެއެވެ. އަދި އެއްވެސް ޤައުމެއްގައި ކުޑަކުދިންގެ ގަޔަށް މިވެކްސިނެއް ނުޖަހައެވެ. ކުދަކުދިން ގަޔަށް މިވެކްސިންޖަހަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ސިއްޙީގޮތުން ކުރިއަރާފައިވާ ޤައުމުތަކުގެ ސިއްޙީ އިދާރާތަކުންވެސް އަންގާފައެއް ނުވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިން ބޮޑެތި މީހުންގެ ގަޔަށް ޖަހައި ބަލީގެ ރައްކާތެރިކަން ހޯދިކަމުގައި ވިޔަސް ކުޑަކުންނަށް މިނުރައްކާތެރި ބަލިން ރައްކާތެރިކަން ލިބެން އޮތް ހަމައެކަނި ގޮތަކީ އެންމެން ގައިދުރުކޮށްގެންނާއި އެއްވެ އުޅުން މަދުކޮށްގެންކަން ސިއްޙީ މާހިރުން ޤަބޫލްކުރައްވައެވެ.
ނޯޓް. މިރިޕޯޓަކީ ކެނެޑާގެ ސީބީސީ ނިއުސްއާއި، އެމެރިކާގެ ދަ ނިއުޔޯކް ޓައިމްސްއާއި، ސީބީއެސް ނިއުސްއާއި، އާރުޓީއީ ނިއުސްއާއި، އެމްރިކާގެ ސެންޓަރ ފޯ ޑިޒީޒް ކޮންޓަރޯލްއާއި، މާޔޯ ކްލިނިކާއި، އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތް ސާރވިސް އާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ހާމަކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!