ސްޕެނިޝް ކަޕް ނުވަތަ ކޮޕަ ޑެލް ރޭގެ ފައިނަލުގެ ފުރަތަމަ ޖާގަ ސެމީފައިނަލުގައި ސެވިއްޔާ ބަލިކުރުމަށްފަހު ބާސެލޯނާއިން ހޯދައިފިއެވެ.

މި މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ކުޅެފައިވަނީ ސެވިއްޔާގެ ދަނޑުގައިއެވެ. އެ މެޗު ސެވިއްޔާއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ސެމީ ފައިނަލުގެ ދެވަނަ ލެގު ބުދަ ދުވަހުގެ ރޭ ކުޅެފައިވަނީ ބާސާގެ ދަނޑުގައެވެ. މި މެޗު ބާސާ ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ބާސާއަށް ލިބިފައިވަނީ 3-2 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

Ad
rt

މި މުބާރާތުގެ ފައިނަލުގައި ބާސާ ބައްދަލު ކުރަންޖެހޭ ޓީމެއް ކަށަވަރު ވެގެންދާނީ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެ ރޭ (މިރޭ) ލެވަންޓޭ އާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މި ދެ ޓީމް ބިލްބާއޯ ދަނޑުގައި ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ މެޗު ނިމިފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މިރޭ ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ ލެވަންޓޭގެ ދަނޑުގައެވެ.

ބާސާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގުގައި ބާސާއިންވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ބާސާގެ ފްރާންސް ފޯވާޑް އޮސްމާން ޑެމްބެލޭ ވަނީ ލަނޑުޖަހައި ބާސާއަށް ލީޑު ނަގައިދީފައެވެ. މި ލަނޑާއިއެކު ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ބާސާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ބާސާގެ ޓީމް އިތުރަށް ކުރިއަށް ޖައްސައި ސެވިއްޔާގެ ގޯލަށް ވަނީ ބާރު ބޮޑު ކޮށްފައެވެ. މިގޮތުން ޖޯޑީ އަލަބާ ފޮނުވާލި ބާރު ހަމަލާ އަމާޒުވެފައި ވަނީ ސެވިއްޔާގެ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ ފަހުން މެޗުގެ 73 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުކުރުމަށް ސެވިއްޔާއަށް ޕެނަލްޓީއެއް ލިބި ވަނީ ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ. އެ ޓީމުގެ ލޫކަސް އޮކަމްޕޯސް ފޮނުވާލި ޕެނަލްޓީ ބާސާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓޭގެން ވަނީ މަތަކޮށްފައެވެ.

ސެވިއްޔާއަށް އިތުރު މައްސަލަތަކާއި ކުރިމަތިވެފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި ހަތަރު މިނެޓްގެ ތެރޭގައި އެ ޓީމްގެ މިޑްފީލްޑަރ ފެނާންޑޯއަށް ދެވަނަ ރީނދޫ ކާޑާއިއެކު ރަތްކާޑު ދެއްކުމުންނެވެ. ބާސާއަށް އެގްރިގޭޓް ނަތީޖާ ހަމަހަމަ ވެގެން ގޮސްފައިވަނީ އިތުރު ވަގުތުގެ ތެރޭގައި އެ ޓީމްގެ ޑިފެންޑަރ ޖެރާޑް ޕީކޭ ބޮލުން ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ބާސާއިން ފައިނަލުގެ ޖާގަ ކަށަވަރުކުރި ލަނޑު ފެނިގެން ގޮސްފައިވަނީ، ބާސާ ދެ ލަނޑު ކާމިޔާބު ކުރުމުން އެގްރިގޭޓް އެއްވަރުވުމާއި ގުޅިގެން މެޗުގެ ނަތީޖާ ނެރުމަށްޓަކައި ކުޅުނު އިތުރު ވަގުތުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އެ ޓީމްގެ ޑެންމާކް ފޯވާޑް ބްރެތުވެއިޓެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ބާސެލޯނާއެެވެ. އެ ޓީމުން ވަނީ މި މުބާރާތް ތިރީސް ފަހަރު ކާމިޔާބު ކޮށްފައެެވެ.