ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެތުލެޓިކޯ މެޑްރިޑާއި ޗެލްސީ ބައްދަލުކުރި މެޗުގައި، ޗެލްސީގެ ފޯވާޑް އޮލިވަރ ޖިރޫޑް ކާމިޔާބުކުރި އޯވަހެޑެ ގޯލުން މޮޅުވެ ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުޞަތު އެ ޓީމުން ބޮޑުކޮށްފިއެވެ.
ކޯވިޑް ބަލީގެ ސަބަބުން އިނގިރޭސި ވިލާތުގައި ދިރިއުޅޭ މީހުން ސްޕެއިނަށް ވަނުން މަނާކޮށްފައި އޮތުމުން އެތުލެޓިކޯގެ ހޯމް މެޗެ ކުޅެފައިވަނީ ރޮމޭނިއާގެ ވެރިރަށް ބުކަރެސްޓްގެ ނެޝަނަލް އެރީނާގައެވެ. މި މެޗު ޗެލްސީން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ.
އެތުލެޓިކޯގެ ފަރާތުން މުޅި މެޗުގައި ވެސް ފެނިގެން ގޮސްފައިވަނީ ޑިފެންސިވް ގޭމެކެވެ. ޗެލްސީން މި މެޗުގައި ވަނީ ރަނގަޅު ކުޅުމެއް ދައްކައި، މެޗުގެ 61 އިންސައްތަ ބޯލް ޕޮޒިޝަން ހިފަހައްޓާފައެވެ. އެ ޓީމުން ވަނީ އެތުލެޓިކޯގެ ގޯލަށް ނުރައްކާވެސް ކޮށްފައެވެ. ނަމަވެސް އެތުލެޓިކޯއަށް މުޅި މެޗުގައި ޗެލްސީގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައި ނުވެއެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 68 ވަނަ މިނެޓުގައި ޗެލްސީގެ ފޯވާޑް ޖިރޫޑް މި ލަނޑު ކާމިޔާބު ކޮށްފައިވަނީ އޯވަހެޑް ކިކަކުންނެވެ. މި ލަނޑު ފުރަތަމަ އޮފްސައިޑް ކަމަށް ބެލި ނަމަވެސް ފަހުން ވީއޭއާރު މެދުވެރިކޮށް ބެލުމަށް ފަހު އެ ލަނޑަކީ ރަނގަޅު ލަނޑެއް ކަމުގައިވަނީ ނިންމާފައެވެ. މިއީ ޖިރޫޑް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ޖެހި ހަވަނަ ލަނޑެވެ.
މި މެޗަށްފަހު ޗެލްސީގެ ކޯޗް ޓުޗެލް ވަނީ ޖިރޫޑްއަށް ވަރަށް ބޮޑަށް ތަޢުރީފް ކޮށްފައެވެ. ޓުޗެލް ބުނެފައުވަނީ ޖިރޫޑްގެ ޓްރެއިނިން ކޮންމެ ދުވަހަކު ފެންނަ މީހަކު ފެނިގެން އެ ދިޔަ ކަންކަމާއި މެދު ހައިރާން ނުވާނެ ކަމަށެވެ. އަދި އޭނާއަކީ ވަރަށް ފިޓް އަދި ފިޒިކަލީ ވަރަށް ރަނގަޅު ކުޅުންތެރިއެއް ކަމަށެވެ. އުމުރުން ދޮށީ ނަމަވެސް ޖިރޫޑްގެ ޓްރެއިނިންގައި އެކަން ފާހަގަ ނުވާ ކަމަށާއި، އޭނާ ޓްރެއިނިންގައި އުޅޭއިރު ހީވާނީ 20 ނުވަތަ 24 އަހަރުގެ ކުޅުންތެރިއެއް ކަމަށެވެ. އޭނާއަކީ ކަންކަމާއި އަބަދުވެސް ޕޮއޒިޓިވްކޮށް ވިސްނައި ކުޅުންތެރިއެއް ކަމަށެވެ. ޓުޗެލް ވަނީ ޖިރޫޑަކީ ޗެލްސީއަށް ވަރަށް މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ.
މިދިޔަ ޖަނަވަރީ މަހު ޗެލްސީގެ ކޯޗުކަމުން ލަމްޕާޑް ދުރުކުރުމަށް ފަހު ކޯޗްކަމާއި ހަވާލުވި ޓުޗެލްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު އަށް މެޗުން ވެސް އަދި އެ ޓީމް ބަލިވެފައި ނުވެއެވެ.
މި ދެ ޓީމް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ މާޗް މަހުގެ 18 ވަނަ ދުވަހު ޗެލްސީގެ ސްޓެމްފޯޑް ބްރިޖް ސްޓޭޑިއަމްގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!