ސިފައިންގެ ލަފާދޭ މަޖިލީހަށް އަންހެން ދެ އޮފިސަރަކު އައްޔަން ކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިއީ ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ސީނިއަރ ރޭންކުގެ އަންހެން ދެ އޮފިސަރަކު އައްޔަން ކުރެއްވި ފަހަރު ކަމަށެވެ.

Ad
rt

ސިފައިންގެ ލަފާދޭ މަޖިލީހަށް އައްޔަން ކުރެއްވި އަންހެން ސީނިއަރ ދެ އޮފިސަރުންގެ ތެރޭގައި ހިމެނެނީ ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ.ފާތިމަތު ތަޙުސީނާ އިބްރާހީމެވެ.

މި އޮފިސަރުންގެ ތެރެއިން ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީންއަކީ ސިފައިންގެ ކޯޕަރޭޓިވްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ. އަދި ލެފްޓިނެންޓް ކާނަލް ޑރ.ފާތިމަތު ތަޙުސީނާ އިބްރާހީމަކީ ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާއެވެ.

ސިފައިންގެ ޤާނޫނުގައި ބަޔާން ކޮށްފައި ވަނީ ސިފައިންގެ އިދާރީ އަދި އޮޕަރޭޝަނަލް ކަންކަމުގައި ސިޔާސަތު ކަނޑައެޅުމުގައި މިނިސްޓަރަށާއި ޗީފް އޮފް ޑިފެންސް ފޯސް އަށް މަޝްވަރާ އާއި ލަފާ ދިނުމަށް ސިފައިންގެ ލަފާދޭ މަޖިލީހެއް، ސިފައިންގެ އިސް އޮފިސަރުންގެ ތެރެއިން މިނިސްޓަރު ޢައްޔަން ކުރަންވާނެ ކަމަށެވެ.

މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ޗީފް އޮފް ޑިފެންސް ފޯސް އެވެ.