ކޯވިޑް-19 އާ ގުޅިގެން، ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވާ މި ދަނޑިވަޅުގައި، މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި، ދިވެހިރާއްޖޭގައިވެސް ވެކްސިން ދިނުމަށް ތައްޔާރުވަމުންދާ އިރު، ކޯވިޑް-19 އިން ރައްކާތެރިވުމަށް ދެވޭ ވެކްސިން ސިޔާސީ ނުކުރެއްވުމަށް ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ޕާޓީގެ މެންބަރުންނަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިލްތިމާސް ކޮށްފި އެވެ.

Ad
rt

އީސީއިން މިއަދު ނެރުނު ދެންނެވުމެއްގައި ބުނެފައިވަނީ، ކޯވިޑް19 އިން ރައްކާތެރިވުމަށް ދެވޭ ވެކްސިނާއި މެދު ރައްޔިތުންގެ ހިތުގައި ޝައްކާއި ވަހުމް އަދި ބިރުވެރިކަން އުފެދޭގޮތަށް ސިޔާސީ ފޯރަމްތަކުގައި ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ވާހަކަދެއްކެވުމަކީ، އެކޮމިޝަނުން ވަރަށް ކަންބޮޑުވާކަމެއްކަމަށެވެ.

އީސީގެ ދެންނެވުމުގައި އިތުރަށް ބުނެފައިވަނީ، އަންނަ އެޕްރީލް މަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ބޭއްވުމަށް ޕާޓީތަކުންނާއި ކެނޑިޑޭޓުން ތައްޔާރު ވަމުންދާއިރު ކެމްޕޭން ކުރުމަށާއި، އިންތިޚާބުގެ އެހެނިހެން މަސައްކަތްތައް ކުރުމަށް ރައްކާތެރި މާޙައުލެއް ޤާއިމްވެފައި އޮތުމަކީ އިންތިޚާބުގެ ވޯޓާރސް ޓާންއައުޓް މަތިވެ، ގިނަ ބައެއްގެ ބައިވެރިވުން އިންތިޚާބަށް ލިބިގެންދާނެކަމަކަށް ވާތީ، ކޯވިޑް-19 އަދި ކޯވިޑް-19 އަށް ރައްކާތެރިވުމަށް ދެވޭ ވެކްސިނާ ގުޅެގޮތުން ޞައްޙަ ނޫން މަޢުލޫމާތު ނުފެތުރުއްވުމަށް އަދި މި ވެކްސިން ސިޔާސީ ނުކުރެއްވުމަށް ސިޔާސީ ޕާޓީތަކަށާއި، ސިޔާސީ ޕާޓީގެ މެންބަރުންނަށް އެކޮމިޝަނުން އިލްތިމާސް ކުރާކަމަށެވެ.